އަބްދުﷲ ގާޒީ އަށް ކޯޓާ 100 ފޫޓަށް ވެސް ކައިރި ނުވެވޭނެ ކަމަށް ނަޝީދު ވިދާޅުވި: ހެކިން

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދަށް ކޯޓާ 100 ފޫޓަށް ވެސް ކައިރިނުވެވޭނެ ކަމަށް އޭރުގެ ރައީސް އަދި ސިފައިންގެ އެންމެ މަތީވެރިޔާ މުހައްމަދު ނަޝީދު 2012 ގައި ވިދާޅުވި ކަމަށް ފުލުހުންގެ ދެ އޮފިސަރަކު މިރޭ ކްރިމިނަލް ކޯޓުގައި ވިދާޅުވެއްޖެ އެވެ. އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިންގެ ގޮތުގައި ނަޝީދާ ދެކޮޅަށް ހެކިބަސް ދީފައި ވަނީ ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ޖަމްޝީދާއި ޗީފް އިންސްޕެކްޓަރު އަހްމަދު ޝާކިރެވެ. މިރޭގެ އަޑުއެހުމަށް ފަހު ނަޝީދު ފުލުހުންގެ ބެލުމުގެ ދަށުން ޖަސްޓިސް ބިލްޑިން އިން ނުކުމެވަޑައިގަންނަވަނީ.--ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން އެ ދެ އޮފިސަރުން ވެސް ވިދާޅުވި ގޮތުގައި އަބްދުﷲ ގާޒީ އަށް ދެން ކޯޓަށް ނުވަދެވޭނެ ކަމަށް ނަޝީދު ވިދާޅުވީ ޖެނުއަރީ 16، 2012 ގައި އަބްދުﷲ ގާޒީ ހައްޔަރުކޮށްފައި ވަނިކޮށް، ފުލުހުންގެ އިސް އޮފިސަރުންނާއެކު އެ މަނިކުފާނު ބޭއްވެވި ބައްދަލުވުމެއްގަ އެވެ. އަބްދުﷲ ގާޒީ ހައްޔަރުކުރިއިރު ސުޕްރިންޓެންޑެންޓް ރޭންކްގައި ހުންނެވި ޖަމްޝީދު ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރުމާ މެދު ހިތްހަމަނުޖެހުމެއް އުޅޭ މީހަކު ނަމަ އެ މީހަކަށް އެމަނިކުފާނު ގޮތެއް ހޯދައިދެއްވާނެ ކަމަށާއި އެމީހަކަށް ފުލުހުންގެ ވަޒީފާއިން ވަކިވެވިދާނެ ކަމަށް ނަޝީދު ވިދާޅުވި ކަމަށެވެ. އަބްދުﷲ ގާޒީ ހައްޔަރުކުރިއިރު އިންސްޕެކްޓަރުގެ ރޭންކްގައި ހުންނެވި ޝާކިރު ވިދާޅުވީ ގާޒީ އެކަހެރިކޮށްފައިހުރިކަން އެނގިވަޑައިގަތީ ވެސް ނަޝީދު ފުލުހުންނާއި ބައްދަލުކުރައްވާ ދެއްކެވި އެ ވާހަކަފުޅުން ކަމަށެވެ. އަބްދުﷲ ގާޒީގެ ސަބަބުން މުޅި ޝަރުއީ ދާއިރާ ފުނޑިގެންދާ ކަމަށް ނަޝީދު ވިދާޅުވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މިރޭގެ އަޑުއެހުމަށް ފަހު ފުލުހުންގެ ކާރެއްގައި ނަޝީދު އަނބުރާ ދޫނިދޫ ޖަލަށް ގެންދަނީ.--ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން ނަމަވެސް ދެ ހެކިން ވެސް ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް އަމުރުކުރި އަޑެއް ވެސް އަދި އެފަދަ އަމުރެއް ނެރެފައި އޮތް ލިޔުމެއް ވެސް ނުދެކޭ ކަމަށެވެ. ޝަރީއަތް ނިމެންދެން ނަޝީދު ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރުންގެ ބެންޗުން ނިންމެވި ނިންމެވުން އަލުން މުރާޖާ ކުރުމަށް ނަޝީދުގެ ގާނޫނީ ޓީމުން މިރޭ ޝަރީއަތުގައި އެދުނެވެ. ނަމަވެސް ބެންޗުން ނިންމެވީ ނަޝީދު ޝަރީއަތަށް ފިއްލަވައި، ކޯޓަށް ވަޑައިނުގެންފާނެތީ އެ އަމުރު ބަދަލު ކުރެވެން ނެތް ކަމަށެވެ. ނަޝީދު ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ރޭ ވެސް ބާއްވަން ވަނީ ތާވަލުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ