ރޭގަނޑު ބޯ ވާރޭގައި ވެސް އިއްތިހާދު އުފާ ފާޅުކުރުމުގައި

ރޭ 00: 9 އިން ދަންވަރު 00: 2 އާ ހަމަ އަށް އާޓިފިޝަލް ބީޗުގައި އެތައް ސަތޭކަ ބަޔަކު ދިވެހި ދިދަތައް ހޫރަމުން ދިޔަ އެވެ. ޖަލްސާ ކުރިއަށް ދަނިކޮށް ވެހެން ފެށި ވާރޭ ތެރޭގައި ވެސް ޕޯޑިއަމަށް އަރައި އެއް ބަޔަކު ވާހަކަ ދައްކަމުން ދިޔައިރު އަނެއް ބަޔަކު ދިޔައީ އުފާފާޅުކުރުމަށް ބޮނޑި ބަތް ކައްކަމުންނެވެ. ވެހޭ ވާރޭއަކަށް ބެލުމެއް ނެތި، ނިވާކަމެއް ނެތް މައިދާނުގައި އުނދުން ރޯކޮށްގެންނެވެ. ވެހެމުންދިޔަ ވާރޭ އެ މީހުން ސިފަކުރީ އެ މީހުން ކުރި މަސައްކަތުގައި މާތްﷲ ލެއްވި ބަރަކާތެއްގެ ގޮތުގަ އެވެ. "ދިވެހިންގެ އެއާޕޯޓް ދިވެހިންނަށް"ގެ ނަމުގައި ބައެއް ސިޔާސީ ޕާޓީތަކާއި މަދަނީ އިއްތިހާދު ގުޅިގެން ގައުމީ ހަރަކާތުގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތުގައި ރޭ އޮތީ ޖީއެމްއާރު އަތުން އެއާޕޯޓު ހޯދުމަށް ކުރި މަސައްކަތުގެ ކާމިޔާބީގެ އުފާ ފާޅުކުރުމެވެ. ޖަލްސާގެ ވަކި ހިސާބަކުން ބޯކޮށް ވާރޭ ވެހެން ފެށުމުން މަދު މީހަކު މައިދާން ދޫކޮށް ދިޔަ ނަމަވެސް ގިނަ ބަޔަކު ޖަލްސާ ނިމެންދެން ތިއްބެވެ. ފިރިހެނުންނާއި ގިނަ އަދަދެއް އަންހެނުންނެވެ. ވާރޭ ވެހެން ފެށުމުން ފޯނާއި ވޮލެޓް ފަދަ ތަކެތި ފެނުން ރައްކާތެރިކުރުމަށް ކޮތަޅު ބަހާފައިވެ އެވެ. ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުން ރޭގެ ޖަލްސާގައި ނުފެނުނު ނަމަވެސް މި ހަރަކާތުގައި އިސްކޮށް އުޅުއްވި ގިނަ ފަރާތްތަކަކުން ރޭގެ ޖަލްސާގައި ވާހަކަ ދެއްކެވި އެވެ. އެއާޕޯޓް ހަވާލުކުރުމަށް ޖީއެމްއާރަށް ސަރުކާރުން ދީފައިވާ ސުންގަޑި އަށް ކައުންޑައުން ކުރިއަށް ދިޔަ އިރު އެ މީހުން ތިބީ ކޮޅަށް ތެދުވެ އަތާ އަތް ގުޅާލައި ގައުމީ ދިދަ މައްޗަށް ނަގައިގެންނެވެ. ގަޑިން 00: 12 ޖެހުމާ އެކު "ﷲ އަކްބަރް" ގެ އަޑުން މުޅި ތަން ގުގުމާލި އެވެ. އެ މީހުންގެ ގޮނޑިތަކުގައި އިށީނީ އަޑު ގަދަކޮށް އިއްވަމުން ދިޔަ ގައުމީ ސަލާމް ހަރުއަޑުން ކިޔުމަށް ފަހު އެވެ. އޭރު ވެސް އެ މީހުން ބޯ ވާރޭގައި ތިބީ ތެމި ފޯވެފަ އެވެ. ގައުމީ ހަރަކާތުގެ އިސް ސަފުގައި ހިމެނިވަޑައިގަންނަވާ އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ވިދާޅުވީ މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ބައެއް ސިޔާސީ ޕާޓީތަކާއި މަދަނީ ހަރަކާތުން ގުޅިގެން ކުރަމުން އައި މަސައްކަތުގައި ލިބުނު ވަރަށް ބޮޑު ކާމިޔބީއެއް ކަމަށެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިންޑިއާގެ ޖީއެމްއާރާ އެކު ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުން އުވާލުމަށް ގޮވާލައި ގައުމީ ހަރަކާތުން ގިނަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ. އަދި އެއްބަސްވުން އުވާލުމަށް މިދިޔަ މަހުގެ 15 އާ ހަމަ އަށް ސަރުކާރަށް އެންމެ ފަހުގެ އިންޒާރު ގައުމީ ހަރަކާތުން ދިނެވެ. ނަމަވެސް އެ މީހުންގެ ގޮވާލުންތަކަށް ސަރުކާރުން އިޖާބަދީ މަސައްކަތް ކުރަމުން އަންނަ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ބުނެ އެ ހަރަކާތުން ވަނީ މިދިޔަ މަހުގެ ނިޔަލަށް ސަރުކާރަށް ފުރުސަތު ދީފަ އެވެ. ނޫނީ ސީދާ ހަރަކާތަށް ނުކުންނާނެ ކަމަށް އިންޒާރު ދީފައިވެ އެވެ. ސަރުކާރުން ވަނީ އެ މުހުލަތު ހަމަވުމުގެ ކުރިން، ޖީއެމްއާރާ އެކު ހަދާފައިވާ އެއްބަސްވުން އުވާލުމަށް ނިންމިކަން އިއުލާންކޮށްފަ އެވެ. އަދި ސަރުކާރުގެ ކުންފުނި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ރޭ 00: 12 ގައި ވަނީ އެއާޕޯޓް ހިންގުމާ ހަވާލުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ