އީރާން ހަނގުރާމަ ހުއްޓާލަން އަންގާ ގަރާރެއް އެމެރިކާގެ ހައުސްއިން ފާސްކޮށް، ޓްރަމްޕަށް އިންޒާރެއް

އީރާން ހަނގުރާމައިން އެމެރިކާ ސިފައިން އަނބުރާ ގެނައުމަށް އަންގާ ގަރާރެއް، އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް (ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ) އިން ބުދަ ދުވަހު ފާސްކޮށްފި އެވެ.
މިއީ މައިގަނޑު ގޮތެއްގައި ރަމްޒީ ފިޔަވަޅެއް ނަމަވެސް، މިއީ ރައީސް ޑޮނަލްޑް ޓްރަމްޕަށް ސިޔާސީ ގޮތުން ލިބުނު ބޮޑު ގެއްލުމެއްގެ ގޮތުގައި މާނަކުރެވެ އެވެ.
ހައުސްގައި އަޣްލަބިއްޔަތު އޮންނަ ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ ހަތަރު މެންބަރަކު ވަނީ ޑިމޮކްރެޓުންނާ ގުޅިގެން މި ގަރާރަށް ތާއީދުކޮށްފަ އެވެ. މި ގާރާރު ފާސްވީ 215 ވޯޓު 208 ވޯޓުންނެވެ. މި ގަރާރު ދެން ފޮނުވާނީ ސެނެޓަށެވެ. ނަމަވެސް، އެންމެ ފަހުން ރައީސް ޓްރަމްޕް މި ގަރާރު ވީޓޯ ކުރައްވާނެ ކަމަށް ބެލެވެ އެވެ.
"މިއީ އެމެރިކާ ރައްޔިތުންގެ ފަރާތުން ޑޮނަލްޑް ޓްރަމްޕަށް ދޭ ވަރަށް ވަރުގަދަ އަދި ސާފު މެސެޖެއް: އީރާނުގައި އޭނާ އަމިއްލައަށް ފައްޓަވައިގެން އުޅުއްވާ، ރައްޔިތުންގެ މެދުގައި މަގުބޫލުކަން ކުޑަ އަދި ޣައިރުގާނޫނީ ހަނގުރާމަ ނިންމަންވީ ވަގުތު ޖެހިއްޖެ،" ހައުސް ފޮރިން އެފެއާޒް ކޮމިޓީގެ ޑިމޮކްރެޓުން އެކްސްގައި ލިޔެފައިވެ އެވެ.
މިއީ މީގެ ތިން މަސް ކުރިން ހަނގުރާމަ ފެށުނު ފަހުން، ރިޕަބްލިކަނުންގެ ކޮންޓްރޯލް އޮންނަ ހައުސް އިން، އީރާން ހަނގުރާމަ ހުއްޓާލުމަށް ޓްރަމްޕަށް މަޖުބޫރުކުރުމަށް ގަރާރެއް ފާސްކުރި ފުރަތަމަ ފަހަރެވެ.
ޑިމޮކްރެޓުން ދެކޭގޮތުގައި މި ވޯޓަކީ، ހަނގުރާމަ އާއި ސުލްހައިގެ ނިންމުންތަކުގައި ކޮންގްރެސްގެ ގާނޫނީ ދައުރު އަލުން ހޯދުމަށް އެ ޕާޓީން ކުރަމުން އަންނަ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެކެވެ.
މިފަދަ ގަރާރެއް މޭ މަހުގެ ފަހުކޮޅު ސެނެޓްގެ މުހިންމު މަރުހަލާއަކުން ފާސްވެފައިވާއިރު، ރިޕަބްލިކަންގެ ހަނި އަޣްލަބިއްޔަތެއް އޮންނަ މަތިގޭ (ސެނެޓް) އިން މި ގަރާރު ފާސްކުރުން މި ހަފުތާގެ ތެރޭގައި އެކަށީގެންވެ އެވެ. ނަމަވެސް، ރިޕަބްލިކަން ލީޑަރުން މި ގާރާރު ފާސްވިޔަނުދީ ހުއްޓުވަން މަސައްކަތްކޮށްފާނެ އެވެ.
އީރާނާއި އެމެރިކާ ސިފައިންގެ މެދުގައި ހަމަލާތައް ބަދަލުކުރަމުން ދިޔަ ނަމަވެސް އަދި ސުލްހައިގެ މަޝްވަރާތަކުން މާބޮޑު ކުރިއެރުމެއް ފެންނަން ނެތް ނަމަވެސް، ޓްރަމްޕްގެ ސަރުކާރުން ބުނަމުންދަނީ އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ މިހާރު ނިމިފައިވާ ކަމަށެވެ.
ހަނގުރާމައިގެ ބާރުތައް
ޑިމޮކްރެޓުން ޓްރަމްޕްގެ މައްޗަށް ތުހުމަތުކުރަނީ ފެބްރުއަރީ މަހުގެ ފަހުކޮޅު ކޮންގްރެސްގެ ހުއްދައެއް ނެތި އިޒްރޭލާ ގުޅިގެން އީރާނަށް ހަމަލާދީ ގާނޫނުއަސާސީއާ ހިލާފުވެފައިވާ ކަމަށެވެ.
"ވޯ ޕަވާސް އެކްޓް" (ހަނގުރާމައިގެ ބާރުތަކާބެހޭ ގާނޫނު) ގެ ދަށުން، އެމެރިކާގެ ސިފައިން ހަނގުރާމައަކަށް ފޮނުވާތާ 60 ދުވަހުގެ ތެރޭގައި ރައީސް ކޮންގްރެސްގެ ހުއްދަ ހޯއްދަވަންޖެހެ އެވެ. އެ މުއްދަތު ހަމަވިތާ ހަފުތާތަކެއް ވެފައިވާއިރު، ޑިމޮކްރެޓުން ބުނަނީ ޓްރަމްޕް މިހާރު އަމަލުކުރައްވަނީ ގާނޫނާ ހިލާފަށް ކަމަށެވެ.
ވައިޓް ހައުސްއިން އެ މާނަކުރުމާ ދެކޮޅު ހަދަމުން ބުނެފައިވަނީ، އޭޕްރީލް މަހު އިއުލާންކުރި ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ އެކު އެ މުއްދަތު ގުނުން މެދުކެނޑޭނެ ކަމަށެވެ.
ނަމަވެސް، ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވަމުންދަނީ އަލުން ހަމަލާދޭން ފައްޓަވާފާނެ ކަމަށެވެ. އަދި މި ހަފުތާގައި މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.
އިއްޔެ ރޭ ވެސް އެމެރިކާއިން ބުނިގޮތުގައި އީރާނުގެ ޑްރޯންތަކެއް ވައްޓާލައި، އީރާނުގެ ގްރައުންޑް ކޮންޓްރޯލް ސްޓޭޝަނަކަށް ހަމަލާދީފައިވާނެ އެވެ. އަދި އީރާން ސިފައިން ވަނީ ގަލްފްގެ ބައެއް ގައުމުތަކަށް ޑްރޯނާއި މިސައިލް ހަމަލާތަކެއް ފޮނުވާލައިފަ އެވެ.
ޓްރަމްޕަށް ތާއީދުކުރާ ރިޕަބްލިކަނުން ބުނަނީ، އީރާން ބަލިކަށިވެފައިވާ ދަނޑިވަޅެއްގައި މި ގާރާރު ފާސްކުރުމުން އެމެރިކާ ބަލިކަށިވެގެންދާނެ ކަމަށެވެ. ނަމަވެސް، ނޮވެމްބަރު މަހު ބާއްވާ މިޑްޓާމް އިންތިހާބު ކައިރިވަމުން އަންނާތީ ސިޔާސީ ބުރަ ބޮޑުވަމުންދާތީ، އެބޭފުޅުންގެ ހިތްހަމަނުޖެހުންތައް މިހާރު ދަނީ ފާޅުވަމުންނެވެ. -- އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ