ލުބްނާނާއި އިޒްރޭލުން ހަމަލާތައް ހުއްޓާލަން އެއްބަސްވެއްޖެ

ހަމަލާތައް ހުއްޓާލަން އިޒްރޭލާއި ލުބުނާނުން ބުދަ ދުވަހު އެއްބަސްވެފައިވާ ކަމަށާއި، ނަމަވެސް މިއެއްބަސްވުން ތަންފީޒު ކުރެވޭނީ އީރާނުގެ މަދަދުލިބޭ ހިޒްބުالله ޖަމާއަތުން ހަމަލާތައް "އެއްކޮށް ހުއްޓާލުމުން" ކަމަށް، އެމެރިކާ އިސްވެ އޮވެ ބޭއްވި މަޝްވަރާތަކަށްފަހު ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފި އެވެ.
ރަސްމީ ޑިޕްލޮމެޓިކް ގުޅުމެއް ނެތް އިޒްރޭލާއި ލުބްނާނުން ވަނީ ލުބްނާންގެ އަސްކަރިއްޔާއަށް ފުރިހަމަ ކޮންޓްރޯލް އޮން "ޕައިލެޓް ޒޯންތަކެއް" (ނުވަތަ ހާއްސަ ސަރަހައްދުތަކެއް) ކަނޑައެޅުމަށް ވެސް އެއްބަސްވެފަ އެވެ. އަދި ދައުލަތް ފިޔަވައި، ހަތިޔާރުއެޅި އެހެން ޖަމާއަތަކަށް އެ ސަރަހައްދުތަކުގައި ހަރަކާތްތެރިއެއް ނުވެވޭނެ އެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި، ދެ ފަރާތުގެ ދެމެދުގައި ފުރިހަމަ އެއްބަސްވުމަކަށް އައުމުގެ މަގްސަދުގައި "ސިޔާސީ އަދި ސަލާމަތީ ކަންކަމާ" ގުޅޭގޮތުން އިތުރު މަޝްވަރާތައް ބޭއްވުމަށް މި މަހުގެ 22 ގައި އަލުން ބައްދަލުވުމަށް ވަނީ އެއްބަސްވެފަ އެވެ.
"އިޒްރޭލާއި ލުބުނާނުގެ މެދުގައި އޮންނާނެ މުސްތަގުބަލުގެ ގުޅުން ނިންމަންވާނީ މިނިވަން އަދި މުސްތަގިއްލު ދެ ސަރުކާރުން ކަމަށް މި ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ފަރާތުން ތަކުރާރުކޮށް ފާހަގަކުރި،" ބަޔާނުގައިވެ އެވެ.
މީގެއިތުރުން، އެއްވެސް ގައުމަކުން ނުވަތަ ހަތިޔާރުއެޅި ޖަމާއަތަކުން ލުބުނާނުގެ މުސްތަގުބަލު ރަހީނުކުރުމަށް ކުރާ އެއްވެސް މަސައްކަތެއް ގަބޫލުނުކުރާނެ ކަމަށް އެ ބަޔާނުގައިވެ އެވެ. މިއީ އީރާނަށާއި އެގައުމާ ގުޅުންއޮންނަ ހިޒްބުالله ޖަމާއަތަށް އިޝާރާތްކޮށް ބުނެފައިވާ ބަހެއް ކަމަށް ބެލެވެ އެވެ.
މި މަޝްވަރާތައް މި ކުރިއަށްދަނީ، ދެ ފަރާތުން ވެސް މަސްރަހު ފިނިކުރުމަށް ވައުދުވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވިތާ އެއް ދުވަސް ފަހުންނެވެ.
ނަމަވެސް، އިޒްރާއީލާއި ހިޒްބުالله އާ ދެމެދު އަދިވެސް ދަނީ ހަމަލާތައް ބަދަލުކުރަމުންނެވެ. އެގޮތުން ބުދަ ދުވަހު އިޒްރޭލުގެ އުތުރަށް މިސައިލް ހަމަލާތަކެއް ދީފައިވާނެ ކަމަށް ހިޒްބުالله އިން ބުނެފައިވާއިރު، އިޒްރޭލުން ލުބުނާނުގެ ދެކުނަށް ދިން ހަމަލާތަކުގައި މަދުވެގެން ނުވަ މީހުން މަރުވެފައިވާ ކަމަށް ލުބުނާނުން ބުނެ އެވެ. މަރުވި މީހުންގެ ތެރޭގައި ސިއްހީ ދެ އެހީތެރިން ވެސް ހިމެނެ އެވެ. -- އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ