ހުރިހާ ކަމެއް ނިމި މިއަދު ހަވީރު ތިނަދުއަށް ދާއިމީ ކަރަންޓް ދޫކުރެވޭނެ

އިންޖީނުގެ އަނދައި ހުލިވުމުން، ކަރަންޓު ކެނޑިފައިވާ ގދ. ތިނަދު އަށް ގެންދިޔަ ދެ ޖަނަރޭޓަރު ބަހައްޓައި މިއަދު ހަވީރުން ފެށިގެން އެ ރަށަށް 24 ގަޑިއިރުގެ ކަރަންޓު ދޫކުރަން ފަށާނެ ކަމަށް ރަށު ކައުންސިލުން ބުނެފި އެވެ. ތިނަދޫ ކައުންސިލްގެ ރައީސް އަހުމަދު ނަސީރު ވިދާޅުވީ ފެނަކަ ކޯޕަރޭޝަން މުވައްޒަފުންގެ ބެލުމުގެ ދަށުން ރަށަށް ގެންދިޔަ ދެ ޖަނަރޭޓަރު ގުޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ ދެ ޖަނަރޭޓަރު ގުޅުމުގެ މަސައްކަތް ކުރަނީ އިންޖީނުގެ ގޯތި ތެރޭގައި ކަމަށާއި މިއަދު ހަވީރު ނުވަތަ ލަސްވެގެން އިރު އޮއްސޭއިރަށް ކަރަންޓު އަލުން ދޫކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ތިނަދޫގައި ކަރަންޓް ކެނޑިފައިވާ ގެއެއްގެ ދޮރުމަތީގައި ބަހައްޓާފައިވާ ފުޅި ބައްތިއެއް ކައިރީގައި ކުޑަ ކުއްޖަކު އިށީނދެލައިގެން. ހަވީރު ފޮޓޯ: ނިޝާން އަލީ "ފެނަކައިގެ ވަރަށް ގިނަ މުވައްޒަފުން އެބައުޅޭ ރަށުގައި. ޖަނަރޭޓަރުތައް ގުޅުމުގެ މަސައްކަތް ވަރަށް ބުރަކޮށް ކުރަމުން އެދަނީ. ރަށުގެ ރައްޔިތުންގެ ފަރާތުން ވެސް އެހީތެރިކަން އެބަ ލިބޭ،" ނަސީރު ވިދާޅުވި އެވެ. ނަސީރު ވިދާޅުވި ގޮތުގައި ވަގުތީ ގޮތުން ކަރަންޓުގެ ހިދުމަތް މިހާރު ދެނީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި ކޯޓާއި، ބޭންކް އޮފް މޯލްޑިވްސް އާއި ފެން ޕްލާންޓު ފަދަ މުހިންމު ތަންތަނަށެވެ. ތިނަދު އަށް ގެންދިޔަ ދެ އިންޖީނަކީ ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީން ދިން އެއް މެގަވޮޓްގެ ދެ ޖަނަރޭޓަރެވެ. މީގެ ތެރެއިން އެއް ޖަނަރޭޓަރަކީ ޕެނަލް ބޯޑާއި ޓްރާންސްފޯމަރަކާ އެކު ކޮންޓެއިނަރެއްގައި ހުރި 27 ޓަނުގެ ޖަނަރޭޓަރު ސެޓެކެވެ. އަދި ކަރަންޓް ދިނުމަށް 1.4 މެގަވޮޓްގެ ތިން ވަނަ ޖަނަރޭޓަރެއް އެރަށަށް ގެންދިއުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. ނަސީރު ވިދާޅުވީ ކަރަންޓު ދިއުމުން ތިނަދޫގެ ހާލަތު އަދިވެސް އޮތީ މީގެ ކުރިން ވެސް އޮތް ހާލަތުގައި ކަމަށެވެ. ތިނަދޫ އިންޖީނުގޭގައި ރޯވެފައި. މީގެއިތުރުން އެކި އެކި ފަރާތްތަކުން ތިނަދު އަށް ދެމުން އަންނަ އެހީތައް ބެހުމުގެ މަސައްކަތް ކުރުމަށް ކައުންސިލުން ވަނީ ކޮމިޓީއެއް އެކުލަވާލައިފަ އެވެ. ނަސީރު ވިދާޅުވީ ފުލުހުންނާއި އެމްއެންޑީއެފް އަދި ބައެއް މުއައްސަސާތައް ގުޅިގެން އެހީތައް ބެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އާބާދީގައި ދިހަ ހާހަށް ވުރެ ގިނަ މީހުން ހިމެނޭ ރަށުގައި ކަރަންޓް ކަނޑައިގެން ދިއުމުން ގިނަ ގޭގޭގެ މީހުން ނިދަނީ ކަނު އަނދީރީގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ