އެއްބާރުލުން ނުދޭ މައްސަލާގައި ކޯޓުން ގޮތެއް ނުނިންމަނީސް މަޝްވަރާއެއް ނުކުރާނެ:ރާއްޖެ ޓީވީ

ރާއްޖެޓީވީއަށް އެއްބާރުލުން ނުދީގެން ރައީސް އޮފީހާއި ފުލުހުންގެ މައްޗަށް ކޮށްފައިވާ ދައުވާއާއި މެދު ކޯޓުން ގޮތެއް ނުނިންމަނީސް އެމައްސަލާގައި އިތުރަށް މަޝްވަރާ ނުކުރާނެ ކަމަށް އެޓީވީން ބުނެފިއެވެ.
މީޑިއާ ކައުންސިލަށް ރާއްޖެޓީވީން މިއަދު ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އެމައްސަލަ ކޯޓަށް ވެއްދުމުގެ ކުރިން ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން އެމައްސަލަ ހައްލުކޮށް ދިނުމަށް މީޑިއާ ކައުންސިލުގައި ދަންނަވާފައިވާނެ ކަމަށެވެ. ނަމަވެސް މީޑިއާގެ ބެލެނިވެރި ފަރާތްތަކުން އެއްވެސް ކަމެއް ކޮށް ނުދިނުމުން ދައުވާ ކޮށްފައިވާ ކަމަށާއި ޝަރުއީ މަރުހަލާއަށް ދާން ޖެހުނީ ބެލެނިވެރި ފަރާތްތަކުގެ ނުކުޅެދުންތެރި ކަމުން ކަމަށެވެ.
އަދި ފާއިތުވީ ތަނުގައި އެމައްސަލާގައި މީޑިއާ ކައުންސިލުން އިހުމާލުވެފައިވާތީ އިހުލާސްތެރިކަމާއި އެކު މަސައްކަތް ކޮސްދީފައިވާނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ވެސް މިސިޓީގައި ބުނެފައިވެއެވެ.
އަދި މީގެ ފަހުން ވެސް މީޑިއާ ކައުންސިލުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގައި ލަސްނުކޮށް ވީއެންމެ އަވަހަކަށް ހަރަކާތްތެރިވުމަށް ރާއްޖެޓީވީން ގޮވާލާފައިވެއެވެ.
ރާއްޖެޓީވީން މީޑިއާ ކައުނސިލަށް މިފަދަ ސިޓީއެއް ފޮނުވާފައި މިވަނީ ރާއްޖެޓީވީއާއި ސަރުކާރާއި އަދި ފުލުހުންނާއި ދެމެދު އުފެދިފައިވާ މައްސަލަތަކަށް ހައްލެއް ހޯދުމަށް ކޮމިޓީއެއް އެކުލަވާލާ މައުލޫމާތު ހޯދުމަށް މީޑިއާ ކައުނސިލުން ފޮނުވާފައިވާ ސިޓީއަކާއި ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ