ވޯލްޑް ކަޕް 2026 ގެ ފައިނަލުގައި އާޖެންޓީނާއަށް ސްޕެއިނުން ފެންވަރު ދައްކާލައި ޗެމްޕިއަންކަން ހޯދައިފިއެވެ.
އެމެރިކާގެ ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި މިރޭ ފައިނަލް މެޗަށް ނުކުތް އިރު، އާޖެންޓީނާއަށް މުހިންމުވެފައިވަނީ ތަށި ދިފާއުކުރުމެވެ. އަދި ސްޕެއިނުގެ އަމާޒަކަށް ވެފައިވަނީ، ވޯލްޑް ކަޕް 2010 އަށްފަހު މުބާރާތް ކާމިޔާބުކުރުމެވެ. މިރޭގެ މެޗުގައި އާޖެންޓީނާގެ މައްޗަށް ސްޕެއިނުން ކުރި ހޯދީ 1-0 ގެ ނަތީޖާއަކުންނެވެ.
ފުރަތަމަ ހާފުގައި ސްޕެއިނުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން އެޓޭކު ކުރުމަށް މަސައްކަތްކުރަމުން ދިޔަ އިރު، އާޖެންޓީނާ އިން ކުޅެމުންދިޔައީ ވަރަށް ބޮޑަށް ފަހަތަށް ވިސްނައިގެންނެވެ. މެޗުގައި އާޖެންޓީނާއަށް ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެއެވެ. އަނެއްކޮޅުން ސްޕެއިނުން ވަނީ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
މެޗުގެ ކުރީކޮޅުގައި ސްޕެއިނަށް ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލަށް ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ފުރުސަތުތަކުގައި އޭނާ ފޮނުވާލި ދެ ހަމަލާ، އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ވަނީ މަތަކޮށްފައެވެ.
ފުރަތަމަ ހާފު ނިމެނިކޮށް ވެސް ސްޕެއިނަށް ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ޑެނީ އޮލްމޯ ދިން ބޯޅައަކުން މިކެލް އޮޔާޒަބަލް ފޮނުވާލި ހަމަލާ، އާޖެންޓީނާ ކީޕަރު މާޓިނޭޒް މަތަކުރި އިރު، ފަބިއަން ރުއިޒް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން މާކް ކުކުރެޔާ ފޮނުވާލި ހަމަލާ ދިޔައީ އާޖެންޓީނާ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.
އާޖެންޓީނާއަށް އުނދަގޫތަކެއް ކުރިމަތިވީ އެޓީމުގެ ޑިފެންޑަރު ލިސާންޑްރޯ މާޓިނޭޒަށް އަނިޔާވެގެން ބަދަލުކުރަން ޖެހުމުންނެވެ. ހާފުގެ ފަހުކޮޅުގައި އޭނާގެ ބަދަލުގައި ކުޅެން ނުކުތީ ތަޖުރިބާކާރު ޑިފެންޑަރު ނިކޮލަސް އޮޓަމެންޑީ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅުގައި ވެސް ސްޕެއިން ފެނުނީ ނުރައްކާކޮށެވެ. އެގޮތުން ޕެނަލްޓީ އޭރިއާ ބޭރުން އެލެކްސް ބައޭނާ ފޮނުވާލި ހަމަލާއެއް އަދި ހައިޑްރޭޝަން ބްރޭކްގެ ކުރިން ޑެނީ އޮލްމޯ އާއި ބަދަލު ކުޅުންތެރިޔާ ފެރާން ޓޮރޭސް ފޮނުވާލި ހަމަލާތަކެއް ވެސް އާޖެންޓީނާ ކީޕަރު މާޓިނޭޒް ވަނީ މަތަކޮށްފައެވެ.
ހައިޑްރޭޝަން ބްރޭކަށްފަހު ވެސް ސްޕެއިން ފެނުނީ އިތުރަށް ނުރައްކާކޮށެވެ. އެގޮތުން ކައިރިކައިރީގައި ޕެޑްރީ އަދި ޕައު ކުބާސީއަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެވެއެވެ. އެ ދެ ހަމަލާ ވެސް އާޖެންޓީނާ ކީޕަރު މާޓިނޭޒް ވަނީ މަތަކޮށްފައެވެ.
ދެވަނަ ހާފު ނިމެނިކޮށް ވެސް ސްޕެއިނަށް ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން އިތުރު ވަގުތުކޮޅުގެ ތެރޭގައި ސްޕެއިނަށް ލިބުނު ދެ ފުރުސަތެއް ފާހަގަށްކޮލެވެއެވެ. ނިކޯ ވިލިއަމްސް އަދި ޔަމާލް ފޮނުވާލި ހިލޭ ޖެހުން ވެސް ހުޝިޔާރުކަމާއެކު އާޖެންޓީނާގެ ކީޕަރު ވަނީ މަތަކޮށްފައެވެ.
ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ސްޕެއިން ޑިފެންޑަރު ޕައު ކުބާސީއަށް ކުރި ފައުލަކާ ގުޅިގެން ދެވަނަ ރީނދޫ ކާޑަކާއެކު އާޖެންޓީނާ މިޑްފީލްޑަރު އެންޒޯ ފެނާންޑޭޒަށް ވަނީ ރަތް ކާޑެއް ދައްކައިފައެވެ. ދެވަނަ ހާފު ވެސް ގޯލެއް ނުޖެހި އެއްވަރުވުމުން، ނަތީޖާ ނެރުން ދެން ކުޅެފައިވަނީ އިތުރު ވަގުތުގެ ދެ ހާފެވެ.
އިތުރު ވަގުތުގެ ދެވަނަ ހާފުގައި ސްޕެއިނުން ވަނީ ގޯލު ޖަހައި ލީޑު ހޯދައިފައެވެ. ނިކޯ ވިލިއަމްސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ސްޕެއިނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ފެރާން ޓޮރޭސް އެވެ. އާޖެންޓީނާއަށް މެޗު ނިންމާލަން ޖެހުނީ ސްޕެއިންގެ ގޯލާ ބޯޅައެއް އަމާޒުކޮށްނުލެވިއެވެ.
ވޯލްޑްކަޕް ވޯލްޑްކަޕް އާޖެންޓީނާ ސުމެއް، ސްޕެއިނުން ފެންވަރު ދައްކާލައި ދުނިޔޭގެ ޗެމްޕިއަންކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ