2022 ވަނަ އަހަރުގެ ޗެމްޕިއަން އާޖެންޓީނާ ބަލިކޮށް، ފީފާ ވަރލްޑްކަޕްގެ ތަށި ސްޕެއިން އިން އުފުލާލައިފިއެވެ. ދުނިޔޭގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް ސްޕެއިން ހޯދީ އެމެރިކާގެ ނިއު ޖަރޒީ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗު 1-0 ން ކާމިޔާބުކޮށްގެންނެވެ.
މެޗުން ސްޕެއިން މޮޅުވީ 90 މިނިޓްގެ ތެރޭގައި ކުރި ގިނަ އެޓޭކްތައް ނާކާމިޔާބުވެ، ނަތީޖާ ނެރުމަށް ކުޅުނު 15 މިނިޓްގެ ދެހާފްގައި ކުރި ހޯދައިގެންނެވެ. ސްޕެއިން އަށް ޗެމްޕިއަންކަން ހޯދައިދިން ލަނޑު 106 ވަނަ މިނިޓްގައި ޖެހީ ފެރަން ޓޮރޭޒް އެވެ. އެއީ ނިކޯ ވިލިއަމްސް ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. ނިކޯ އާއި ފެރަން ޓޮރޭޒްވެސް ކުޅެން ނިކުތީ ދެވަނަ ހާފްގައެވެ. އޮޔާޒަބާލްގެ ބަދަލުގައި ފެރަން ޓޮރޭޒް ކުޅެން ނިކުތީ 62 ވަނަ މިނިޓްގައެވެ. އަދި އަލެކްސް ބައެނާގެ ބަދަލުގައި ނިކޯ ކުޅެން ނިކުތީ 75 ވަނަ މިނިޓްގައެވެ. މެޗުގެ މޮޅު ކުޅުންތެރިއަށްވެސް ހޮވީ ލަނޑުޖެހި ފެރަން ޓޮރޭޒް އެވެ.
މެޗުގެ ނަތީޖާ ނެރެން 15 މިނިޓްގެ ދެހާފް ކުޅެން ޖެހުނަސް 90 މިނިޓްގެ ތެރޭގައި ސްޕެއިން އިން ވަނީ އާޖެންޓީނާ ގޯލަށް ގިނަ ބޯޅަތަކެއް ފޮނުވާލާފައެވެ. ނަމަވެސް ޔަމާލް އާއި ކުބާސީ އަދި އޮޔާޒަބާލް އާއި އޮލްމޯ ފޮނުވާލި ބޯޅަތައްވެސް ކީޕަރު މާޓިނޭޒް ވަނީ ދިފާއުކޮށްފައެވެ. މެޗުގެ 90 މިނިޓްގެ ތެރޭގައި ސްޕެއިންގެ ގޯލަށް އާޖެންޓީނާއަށް އެންމެ ޝޮޓެއްވެސް ނުނެގެއެވެ.
ސްޕެއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މެޗަކުން ބަލިނުވެއެވެ. އަދި ކޮޅަށް ވަނީ އެންމެ ގޯލެކެވެ. މީގެކުރިން ސްޕެއިން ދުނިޔޭގެ ޗެމްޕިއަންކަން ހޯދީ 2010 ވަނަ އަހަރު އެވެ.
އާޖެންޓީނާ ބަލިކޮށް، ސްޕެއިން ޗެމްޕިއަންކަން ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ