ޣައިރު ގާނޫނީ އެއްވުމެއްގައި އަމަން ނަގާލި ބިދޭސީ ހަތް މީހަކަށް ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.
އިއްޔެ ނައިފަރު މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފައިވާ ބިދޭސީ ހަތް މީހުންނަކީ ބަނގުލަދޭޝްގެ ހަތް މީހެކެވެ. އެއީ ހަލީމް (45އ) އާއި ނަސިރު (33އ) އާއި އެމްޑީ ސަމީމް (24އ) އާއި އެމްޑީ ސްމޫން މިއާރ (29އ) އާއި މަތިއަޕް ޝެއިޙް (29އ) އާއި ޖޮއިނަލް ހޮސައިން (23އ) ގެ އިތުރުން ޝަހިދު (32އ) އެވެ.
ނައިފަރު މެޖިސްޓްރޭޓް ކޯޓުން އެ ހަތް މީހުންގެ މައްޗަށް ހުކުމްކޮށްފައިވަނީ ޝަރީއަތުގެ މަޖިލީހުގައި އެހަތް މީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއަށް އިއުތިރާފު ވުމާއި ގުޅިގެންނެވެ. އަދި އެކުށުގެ އުގޫބާތެއްގެ ގޮތުން މިއިންކޮންމެ މީހަކު 2000 ރުފިޔާއިން ޖޫރިމަނާކޮށް އެފައިސާ 2012 އޮކްޓޯބަރު 24 ވަނަ ދުވަހުން ފެށިގެން 21 ދުވަހުގެ ތެރޭގައި ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ދެއްކުމަށް އެމީހުންގެ މައްޗަށް ހުކުމް ކޮށްފައިވެއެވެ.
އެ ހަތް މީހުންގެ މައްޗަށް ދައުލަތުން ދައުވާކުރި މައްސަލައަކީ 2012 އޯގަސްޓް 09 ވަނަ ދުވަހު 17:20 ހާއިރު ޅ.ކަނިފުށީގައި މަސައްކަތްކުރާ ބަނގުލަދޭޝް ބަޔަކު އެރަށުގައި އަމަން އަމާންކަން ނަގާލައި ކަނިފުށީގައި މަސައްކަތްކުރާ 03 މުވައްޒަފެއްގެ ގައިގާ ލަކުޑިއާއި ދަގަނޑު ހޮޅިން ތަޅާ މާރާމާރީ ހިންގި މައްސަލައާއި ގުޅިގެންނެވެ. މި މައްސަލައިގެ ތަޙުޤީޤު ނިންމާ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2012 ސެޕްޓެމްބަރ 09 ވަނަ ދުވަހުއެވެ.
އެއްވުމެއްގައި އަމަން ނަގާލި ބިދޭސީ ހަތް މީހަކަށް ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ