2018 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓަކީ ބޭއިންސާފު ބަޖެޓެއް: ހުސައިން މުހައްމަދު

ސަރުކާރުން 2018 ވަނަ އަހަރަށް ހުށައަޅާފައިވާ ބަޖެޓަކީ ބޭއިންސާފު އަދި ހަމަހަމަކަމެއް ނެތް ބަޖެޓެެއްކަމުގައި ޖުމުހޫރީޕާޓީގެ މަތިވެރި ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ފާރަތްތަކުން ކުނޫޒުގައި ކުރިޔަށް ގެންދާ ބަޖެޓާއި ގުޅޭ ޕެނަލް ޑިސްކަޝަންގައި ހުސައިން މުހައްމަދު ވިދާޅުވީ، މަޝްރޫއުތައް ހިންގުމުގައި އެއްވެސް އުސޫެލެއް ހަމައެއް ގެންގުޅޭ ކަމުގެ ވިސްނުމެއް ބަޖެޓުން ފެންނަން ނެތްކަމުގަ އެވެ.
ހުސައިން މުހައްމަދު ވިދާޅުވީ، ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި 1800 ވުރެ ގިނަ މަޝްރޫއު، އެވްރެޖުކޮށް ކޮންމެ ރަށަކަށް ނުވަ މަޝްރޫއު ހިންގިފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވެފައި ވާއިރު ބައެއް ރަށްރަށުގައި މަޝްރޫއެއް ހިންގާފައި ނުވާތީ ރައްޔިތުން ސުވާލު ކުރާ ކަމުގަ އެވެ. އަދި ނިމުނު މަޝްރޫއުތަަކަށް ހިމަނާފައިވާ ފައިސާއަށް ބަލާއިރު ރައީސް ވިދާޅުވާ ވާހަކަފުޅު ދިމާ ނުވާކަންވެސް ހުސައިން މުހައްމަދު ފާހަގަކުރެއްވި އެވެ.
ހުސައިން މުހައްމަދު ވިދާޅުވީ، ބަޖެޓުގައި މަޝްރޫއުތައް ހިމެނުމުގައި އަސާސީ ކަންކަމަށް އިސްކަންދޭތަން ނުފެންނަ ކަމުގަ އެވެ.
މިޕެނަލްޑިސްކަޝަންގައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ކުރީގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވީ، ދައުލަތަށް ނުލިބޭ އާމުދަނީން ހަރަދުތައް ކުރަމުން ކުރަމުން ގޮސް މިއަދު މިދައުލަތް ބަނގުރޫޓުވުމާއި ހަމައަށް ގޮސްފައިވާ މަންޒަރު ބަޖެޓުން ފެންނަ ކަމުގައި އެވެ. އަދި ބަޖެޓު ހަރަދު ފޫބެއްދުމަށް ޓެކްސްތައް އިތުރު ކުރާއިރު، ޖީއެސްޓީ އާއި ބީޕީޓީއަށް ބަދަލު ގެނައުމަށް ސަރުކާރުން ރާވާފައިވާ ޝާހިދު ފާހަގަކުރެއްވި އެވެ.
ޝާހިދު ވިދާޅުވީ ކުރިން ޖީއެސްޓީ ނެގުމުގައި ވިކުރާއަށް ދުވާލަކަށް 3000 ރުފިޔާ ނުވަންނަ ވިޔަފާރިތަކުން ޖީއެސްޓީ ނުނަގާގޮތަށް އޮތްނަމަވެސް ހަމަކޮންމެ ވިޔަފާރިއަކުންވެސް އެންމެ އާދައިގެ މީހާ ވިއްކާ ތަކެތިންވެސް ޖީއެސްޓީ ނެގުމަށް ސަރުކާރުން ތައްޔާރުވަމުން ދާކަމުގަ އެވެ.
މިޕެނަލްޑިސްކަޝަންގައި މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ، ސަރުކާރުން ހިންގާ މަޝްރޫއުތަަކަކީ ބޮޑެތި ދަރަނި ނަގައިގެން ހިންގާ މަޝްރޫއުތައް ކަމަށާއި އެހެން ނަމަވެސް އެއިން މަޝްރޫއަކުން ދިވެއްސަަކަަށް ލިބޭ މަންފާއެއް ނެތްކަމުގަ އެވެ.
މާރިޔާ ވިދާޅުވީ، ބުރިޖާއި އައިޖީއެމްއެޗުގެ އިމާރާތާއި އެފަދަ މަޝްރޫއުތައްވެސް ބޭރުގެ ފަރާތްތަކާއި ހަވާލުކޮށްފައި ވާއިރު އެއިން އެއްވެސް ބަޔަކު ދިވެއްސެއްގެ ވިޔަފާރިއަކުން ލޯ މުހަރެއްވެސް ނުގަންނަ ކަމުގަ އެވެ.
2018 ވަނަ އަހަރަށް ސަރުކާރުން ހުށައަޅާފައިވާ ބަޖެޓާއި ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފައި ވީނަމަވެސް، މަޖިލީހުގެ ބަޖެޓު ކޮމެޓީ މިހާރުވަނީ ބަޖެޓު ފާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ