ރައީސް ނަޝީދާއި، އެމްޑީޕީގެ ވެރިކަމަށް އެންމެ ބޮޑަށް ފާޑު ވިދާޅުވަމުން ގެންދެވި، ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު އިދިކޮޅު އިއްތިހާދުގެ މައި އެއް ޕާޓީ ކަމަށްވާ ޖުމްހޫރީ ޕާޓީ (ޖޭޕީ) އާ ގުޅިވަޑައިގެންނެވިތާ އަދި ހަފްތާއެއްވެސް ނުވެއެވެ. ފާއިތިވެދިޔަ ދުވަސްތަކުގައި އުމަރުގެ އަޑު ކެނޑިފައިވަނިކޮށް، ސިޔާސީ މައިދާނުގައި އަނެއްކާވެސް ގަދަފައި ވިއްދައި ދެތިން ހަތަރު ބަހެއް ބުނެލުމާއެކު، އޭނާގެ ކުރީގެ ވިސްނުމުގައި އަލުން އަނބުރާ އެމްޑީޕީއާ ދެކޮޅަށް ނިކުތީކަން އެނގުމުން، އެމްޑިޕީން ވަނީ ނުހަނު ކަންބޮޑުވެސް ވެފައެވެ.
މިދިޔަ ބުރާސްފަތު ދުވަހު، އުމަރު ޖޭޕީއާ ގުޅިވަޑައިގެންފައިވަނީ، އަންނަ ރިޔާސީ އިންތިޚާބުގައި އެ ޕާޓީއަށް ވެރިކަން ހޯދައިދިނުމަށް ކަމަށް ވިދާޅުވިއިރު، އޭނާ ވަނީ އިދިކޮޅު އިއްތިހާދުގެ އެހެން ޕާޓީތަކަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ހަމަ އެ ދުވަހުވެސް އިދިކޮޅު މައި ޕާޓީ އެމްޑީޕީއަށް ފާޑު އަމާޒުކޮށް އޭނާ ވިދާޅުވެފައިވަނީ، ޖޭޕީއަކީ މީގެ ކުރީން އެހެން ޕާޓީތަކަށް ވެރިކަން ހޯދައިދިނުމަށް އެހީތެރިވާ ޕާޓީކަމަށެވެ.
ބަދަލުގައި އަންނަ ރިޔާސީ އިންތިޚާބުގައި ޖޭޕީއަށް ވެރިކަން ލިބެން ޖެހޭނެކަމަށް ދޭހަވާފަދަ ގޮތަކަށް ވާހަކަދައްކަމުން އުމަރު ވިދާޅުވެފައިވަނީ، އެ ޕާޓީ އަކީ ވަކި ފިކުރެއްގެ މަތީގައި ދެމި އޮންނަ ޕާޓީއަކަށް ހަދަން ޖެހޭކަމަށެވެ. އަދި މީގެ ކުރީން އެކި ފިކުރުތަކަށް ބަދަވަމުންދިޔަ ޖޭޕީ އިން، އެމްޑީޕީ އާއި، މިހާރު އިދިކޮޅާ ގުޅިވަޑައިގެން އުޅުއްވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނިސްބަތްވެވަޑައިގެންނެވި ޕީޕީއެމްގެ ސަރުކާރުން ހެދި "މިސްޓޭކް"ތައް، ތަކުރާރު ވިޔަނުދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މިއަދު ޖުމްހޫރީ ޕާޓީ، އަމިއްލަ ނަފްސާ ކޮށްލަން ޖެހޭ ސުވާލަކީ، ތިންވަނަ ޕާޓީގެ ގޮތުގައި އަދިވެސް އޮންނަންވީތޯ. ނުވަތަ އެއްވަނަ ސިޔާސީ ޕާޓީގެ މަގާމު ހާސިލް ކުރުމަށްޓަކައި، އިތުރު އިންޖީނުތައް އަޅައި އިތުރު ފަޅުވެރިން ނަގައިގެން، ސިޔާސީ އެންމެ މަތީ ކުރިބޯށި ހާސިލް ކުރުމަށް އާ ހިތްވަރާ އާ އަޒުމާއެކު ނުކުންނަންވީތޯ. ނޫންނަމަ އަނެއްކާވެސް އެހެން ޕާޓީއެއް ވެރިކަމަށް ގެނެސްދިނުމަށްޓަކައި ގުލާނު ކުރަންވީތޯ." އުމަރު ވިދާޅުވިއެވެ.
އުމަރުގެ މި ވާހަކަފުޅުތަކުން އިދިކޮޅު އިއްތިހާދުގެ އެންމެ އިސް ލީޑަރުން، ޚައްސަކޮށް ރައީސް މުޙައްމަދު ނަޝީދަށް ފާޑު އަމާޒުވެފައިވާތީ އެމްޑީޕީގެ މެމްބަރުން މިހާރު ދަނީ އޭނާ ޖޭޕީއާ ގުޅިވަޑައިގަތުމުންނާއި، އިދިކޮޅު އިއްތިހާދުގައި ހިމެނިވަޑައިގަންނަވާތީވެސް ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް ވާހަކަ ދައްކަމުނެނެވެ. އެގޮތުން އުމަރު އާ ދެކޮޅަށް މީސްމީޑިއާގައި އާއި އެއްވުންތަކުގައި މިހާރު ބަޔަކު ޝުޢޫރު ފާޅުކުރަމުންދާއިރު، އޭނާއަކީ އިދިކޮޅު އިއްތިހާދުގެ ބަދަހި ގުޅުމަށް އައި ނިމުމެއް ކަމަށްވެސް އެފަރާތްތަކުން ސިފަކުރެއެވެ.
އުމަރުގެ ފާޑުކިއުންތައް އިދިކޮޅު ބައެއް ފަރާތްތަކަށް އަމާޒުވެފައި މިވަނީ، އެކަތިގަނޑެއްގެ ގޮތުގައި އިދިކޮޅު ސިޔާސީ ޕާޓީތަކުން ނިކުތުމަށް "ފޫގަޅައި"، އިދިކޮޅުން އެއް ކެންޑީޑޭޓަކު، ރއްޖޭގެ ވެރިކަމުގެ ތަހުތަށް އެރުވުމަށް އެތައް މަސައްކަތެއް ކުރަމުންދާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ. މި މަސައްކަތް "ފްލޮޕް"ވާ ހިސާބަކީ އުމަރު ޖޭޕީއާ ގުޅި އެމްޑީޕީއަށް ކިރިޔާވެސް ވެރިކަމާއި ކައިރިވެވެން އޮތް ހަމައެކަނި ފުރުސަތު ނަގާލުން ކަމުގައިވެދާނެއެވެ.
އިދިކޮޅު ފަރާތްތަކުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކެންޑީޑޭޓަކު ކަނޑައެޅުމަށް ނިންމި ހިސާބުން އެތެރޭގެ ބައިބައިވުންތައް އިތުރުވެފައިވާއިރު، ރައީސް ނަޝީދުވެސް ވަނީ އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން މީގެ އެތައް ދުވަހެއް ކުރީން އެތައް ފަހަރެއްގެ މަތީން ޕޯޑިއަމް ތަކުގައި އާއި ބޭރުގެ ނޫސްތަކުގައި ހާމަކުރައްވާފައެވެ.
އަނެއް ކޮޅުން، އިދިކޮޅުން ރިޔާސީ އިންތިޚާބަށް މިފަހަރު ނެރޭނީ ސިޔާސީ ބޭފުޅެއް ނޫން ކަމަށާއި، އެ ބޭފުޅަކު ފެނުމުން "އެންމެން ސިހޭނެ" ކަމަށްވެސް ވިދާޅުވެފައިވަނީ، ހަމަ އިދިކޮޅު އިއްތިހާދުންކަމަށް ވާއިރު، މި މައްސަލައިގައި ގޮތެއް ނިންމުމަށް އެތެރޭގެ ތަޅާފޮޅުންތައް ނިކަން ވަރުގަދަކަން ސާބިތިވެގެންދިޔައެވެ.
މި ސަބަބުތަކަށްޓަކައި، 2018 ގެ އިންތިޚާބު އައިސް ބޯމަތިވިއިރުވެސް އިދިކޮޅުގެ ކެންޑިޑޭޓަކު މިހާތަނަށް އެނގިފައި ނުވާއިރު، ކެންޑިޑޭޓަކު ނެރެން ޖެހޭ ހިސާބުން އިދިކޮޅު ކޯލިޝަން ރޫޅި ބައިބައިވާނެކަން މީގެ ކުރީންވެސް ގިނަ ބަޔަކު ދަތެވެ.
ހަމަ މި ދަނޑިވަޅުގައި އުމަރު ނަސީރު ޖޭޕީއާ ގުޅިވަޑައިގެން މަސައްކަތް ފައްޓަވާފައިވަނީ ސީދާ އިދިކޮޅު ޕާޓީތަކަށް ގޮން ޖައްސަވަމުން ކަމުގައިވާއިރު، އުމަރު "ސައިޒު" ކުރާން ވެއްޖެ ކަމަށް އެވެރީން ދެކެނީ، ކޮނޑުގައި އޮތް ކަތިވަޅިވެސް މާގިނަ ދުވަހެއް ނުވެ އޭނާގެ ސަބަބުން ގެއްލިދާނެކަމުގެ ބިރު އޮތުމުން ކަމަށް ވެދާނެއެވެ.
އެމްޑީޕީ މެމްބަރުން ރުޅިގަދަވެ އުމަރު "ސައިޒް" ކުރަން ނިކުމެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ