ޝައިޚު އިމްރާން ވަނީ ހައްގުތަކުން މަހުރޫމްކޮށްފައި: އަދާލަތު

ޝައިޚް އިމްރާން އަބުދުﷲ ނުހައްގުން ބަންދުކޮށްގެން ގެންގުޅެމުންދާއިރު، އެމަނިކުފާނަށް ލިބެންޖެހޭ ހައްގުތަކުން މަހުރޫމްކުރަމުންދާ ކަމަށް، އަދާލަތު ޕާޓީން ބުނެފި އެވެ.
އަދާލާތު ޕާޓީގެ ނައިބުރައީސް އަދި ޤާނޫނީ ވަކީލް އަލީ ޒާހިރު ވިދާޅުވީ، އެޕާޓީގެ ރައީސް ޝައިޚް އިމްރާން އަބުދުﷲ ނުހައްގުން ބަންދުކޮށްގެން ގެންގުޅެމުންދާއިރު، އެމަނިކުފާނަށް ލިބެންޖެހޭ ހައްގުތަކުން މަހުރޫމްކުރަމުންދާ ކަމަށެވެ. އަދި މަހަކު އެއްފަހަރު ލިބެންޖެހޭ އެކަހެރި ބައްދަލުވުންވެސް ނުލިބޭތާވެސް މިހާރު 4 މަސް ވާން ކައިރިވެއްޖެ ކަމަށެވެ.
އެހެންކަމުން މޯލްޑިވުސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން އެކަންކަމަށް ޒިންމާވާން ޖެހޭނެ ކަމަށެވެ. އަލީ ޒާހިރު އިތުރަށް ވިދާޅުވީ އެ ހައްގުތަކުން މަހުރޫމް ކުރުމަކީ، ޖިސްމާނީގޮތުންނާއި ނަފްސާނީގޮތުން އަނިޔާކުރުން ކަމަށެވެ.
މީގެ އިތުރަށް ޝައިހް އިމްރާންގެ އާއިލާއިންނާއި އެމަނިކުފާނު ނިސްބަތްވާ އަދާލަތު ޕާޓީން ގެންދަނީ އިމްރާނަށް އެކަށީގެންވާ ސިއްހީ ފަރުވާ ލިބެމުން ނުދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ވީނިއުސް އަށް އެނގިފައިވާ ގޮތުގައި ޖަލަށް ހުކުމްކުރިއިރުވެސް ޝައިހް އިމްރާނަކީ ހަކުރު ބައްޔާއި، ކޮލެސްޓްރޯލްގެ މައްސަލައާއި އަދި ލޭމައްޗަށް ދިއުމުގެ މައްސަަލައަށް ފަރުވާ ހޯއްދަވަމުން ގެންދެވި ބޭފުޅެކެވެ.
ޓެރަރިޒަމްގެ ކުށް ސާބިތުވެ ޝައިހް އިމްރާން ގެންދަވަނީ ޖަލުގައި 12 އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ