ފަލަސްޠީނަށް އިންސާފު ހޯދައިދިނުމުގައި މިއީ ލިބުނު ތާރީޚީ ކާމިޔާބީއެއް: ރައީސް

އދ. ގެ ފުރިހަމަ މެންބަރުކަން ފަލަސްޠީނަށް ދިނުމަށް އާންމު މަޖިލީހުން ނިންމުމަކީ އެ ޤައުމަށް އިންސާފު ހޯދައިދިނުމަށް ކުރަމުން އަންނަ މަސައްކަތުގައި ލިބިގެންދިޔަ ތާރީޚީ ކާމިޔާބީއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އދ. އިން މިއަދު ބޭއްވި ކުއްލި ބައްދަލުވުމުގައި ފަލަސްޠީނަށް ފުރިހަމަ މެންބަރުކަން ދިނުމަށް ފާސްކުރުމާ ގުޅިގެން ކުރެއްވި ސޯޝަލް މީޑިއާގައި ޕޯސްޓެއްގައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިއީ ފަލަސްޠީނާއި އެ ޤައުމުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް ކުރަމުން އަންނަ މަސައްކަތުގައި ލިބުނު ތާރީޚީ ބޮޑު ކާމިޔާބީއެއް ކަމަށެވެ. މި މުހިންމު ޤަރާރު ފާސްކުރުމަށް ވޯޓު ދީފައިވާ ޤައުމުތަކަށްވެސް އެމަނިކުފާނު ވަނީ މަރުހަބާ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ، ފަލަސްޠީނުގެ ރައްޔިތުން އަމިއްލަވަންތަކަމުގެ ޙައްގު ހޯދުމަށް ކުރަމުން އަންނަ މަސައްކަތަށް އެތައް ދުވަހެއް ވެފައިވާ ކަމަށެވެ. އަދި ދިވެހިރާއްޖެއިންނާއި ދިވެހިންވެސް އެ ޤައުމުގެ ރައްޔިތުންގެ ފަރާތުން ފެނިގެންދާ ކެތްތެރިކަމާއި ހިތްވަރުން ނަމޫނާ ނަގާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން 1967ގެ ބޯޑަރުތަކުގެ މައްޗަށް އެކުލެވިފައިވާ، އިރުމަތީ ޤުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އދ. ގެ އާންމު މަޖިލީހުގައި ރާއްޖެއިން ކޯ-ސްޕޮންސަރކޮށްގެން ހުށަހެޅި ގަރާރު ފާސްކޮށްފައިވަނީ 143 ޤައުމުގެ ވޯޓުންނެވެ. ފަލަސްތީނަށް ފުރިހަމަ މެންބަރުކަން ދިނުމާ ދެކޮޅަށް 9 ޤައުމަކުން ވޯޓުދިންއިރު 25 ޤައުމަކުން ވޯޓު ނުދެއެވެ.
ފަލަސްތީނަކީ އދ. ގެ ފުރިހަމަ މެންބަރު ޤައުމަކަށް ހެދުމަށް ހުށަހެޅުނު ގަރާރު އދ. ގެ ސަލާމަތީ މަޖިލީހުގައި އެމެރިކާއަށް ލިބިފައިވާ ވީޓޯގެ ބާރު ބޭނުންކޮށް ބޭރުކޮށްލުމުން ވެސް ރާއްޖެއިން ވަނީ އެކަމާ ދެކޮޅަށް އަޑުއުފުލާފައެވެ. އަދި މިހާރު ޔަހޫދީ އިސްރާއީލުން ދެމުން އަންނަ ހަމަލާތަކާ ގުޅިގެން ވެސް ބައިނަލްއަގުވާމީ އެކި ޕްލެޓްފޯމްތަކުގައި ސިވެހި ސަރުކާރުން ދަނީ ފަލަސްތީނަށް އިންސާފު ހޯދުމަށް ވަކާލާތު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ