ޕްރިޒަން އޮފިސަރުންގެ 29 ވަނަ އަސާސީ ތަމްރީނު ކޯސް ފަށައިފި

ޕްރިޒަން އޮފިސަރުންގެ އަސާސީ ތަމްރީނު ކޯހުގެ 29 ވަނަ ބެޗް މާފުށީ ޖަލުގައި ފަށައިފިއެވެ.
މިއީ ޕްރިޒަން އޮފިސަރުންގެ ވަޒީފާއަށް ބޭނުންވާ ތަމްރީނާއި ތަރުބިއްޔަތު އުގަންނައިދީ ޕްރިޒަން އޮފިސަރުންގެ މަސައްކަތަށް ބޭނުންވާ ޢިލްމީ ޤާބިލުކަމާއި ތަޖުރިބާ ލިބިދިނުމަށް އަމާޒުކޮށްގެން އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ހިންގާ ކޯހެކެވެ.
މި ތަމްރީން ކޯސް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޢާޞިފެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން މައުލޫމާތުދެއްވާ ގޮތުގައި މި ކޯހަކީ 15 ހަފުތާގެ މުއްދަތައް ކުރިއަށް ގެންދާ ކޯހެކެވެ. މި ތަމްރީނު ކޯހުގައި 16 އަންހެން ޕްރިޒަން އޮފިސަރުންނާއި 26 ފިރެހެން ޕްރިޒަން އޮފިސަރުން ހިމެނޭހެން ޖުމްލަ 42 އޮފިސަރުން ބައިވެރިވާ ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.
8 މޮޑިއުލްގެ މައްޗަށް ފަރުމާކޮށްފައިވާ މި ޓްރެއިނިންގ ކޯހުގައި ފިޒިކަލް ޓްރެއިނިންގ އާއި ލީޑަރޝިޕް ކްލާސްތަކާއި އެތިކްސް އާއި ޤާނޫނާއި ޤަވާއިދު ތަކުގެ އިތުރުން ޕްރިޒަން އޮފިސަރުންގެ މަސައްކަތްތަކާއި ގުޅުންހުރި މޮޑިއުލްތައް ކިޔަވައިދެވޭނެއެވެ.
މި ޓްރެއިނިންގ ޕްރޮގްރާމްގައި ކިޔަވައިދެއްވާނީ އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ މުދައްރިބުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަންނީ މުވައްޒަފުން ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ