ސިފައިންގެ ބަޑި މުބާރާތް 2018 ނިންމާލައިފި
އަލްމަރުޙޫމް މޭޖަރ އިނގިރޭސި އުމަރު މަނިކުގެ ހަނދާނީ ވާދައިގެ ތައްޓަށް ބޭއްވި ސިފައިންގެ އަހަރީ ބަޑި މުބާރާތް 2018 ނިންމާލައިފިއެވެ. މި މުބާރާތް ނިންމުމުގެ ގޮތުން ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރެވެ. 2018މާރިޗު 24 ވަނަ ދުވަހުން ފެށިގެން ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ކުރިއަށްގެންދިޔަ، މިއަހަރުގެ ބަޑި މުބާރާތުގެ އިންޑިވިޖުއަލް ކެޓަގަރީން އެންމެ މޮޅު ބަޑިޖެހުންތެރިއެއްގެ މަޤާމް ހާސިލްކޮށްފައިވަނީ އެމްއެންޑީއެފް މާލެ އޭރިއާ ހުޅުލެޕޯސްޓުގެ ސާރޖަންޓް އަޙުމަދު ހުސައިން ދީދީއެވެ. ދެވަނަ މަޤާމް ހާސިލްކޮށްފައިވަނީ އެމްއެންޑީއެފް މެރިންކޯރ ހެޑްކްއޯޓަރޒްގެ ވޮރަންޓް އޮފިސަރ 4 ޢަބްދުﷲ ޖާވިދެވެ. އަދި ތިންވަނަ މަޤާމް ހާސިލްކޮށްފައިވަނީ ސްޕެޝަލް ފޯސަސްގެ ސާރޖަންޓް މުޙައްމަދު އަޝްރަފްއެވެ. އެމްއެންޑީއެފްގެ ޔުނިޓްތަކުގެ މެދުގައި ކުރިއަށްގެންދިޔަ ޓީމް އިވެންޓް ފަޔަރިންތައް ކުރިއަށްދިޔައީ ދެ ގިންތިއަކަށް ބަހާލައިގެންނެވެ. މުބާރާތުގެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް ތައްޓާއި، މެޑަލް އަދި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާރ ޖެނެރަލް އަޙްމަދު ޝާހިދެވެ. މި މުބާރާތުގެ ފައިނަލްގައި ބަޑިޖަހައި އެންމެ މަތިން މާކްސް ހޯދި ބަޑިޖެހުންތެރިންގެ ޓާރގެޓުތަކުގައި ޑިފެންސް މިނިސްޓަރާއި، ޗީފް އޮފް ޑިފެންސް ފޯސް އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ވަނީ ސޮއިކުރައްވާފައެވެ. ސިފައިންގެ އަހަރީ ބަޑި މުބާރާތަކީ މޭޖަރ އިނގިރޭސި އުމަރު މަނިކުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވަމުންގެންދާ މުބާރާތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ