ރަށު ކައުންސިލްތަކުން ޖަވާބުދާރީ ނުވާ ނަމަ މަޖިލީހަށް ހާޒިރު ކުރަން ޖެހިދާނެ: ކޮމެޓީ
ރަށް ރަށުގެ ކައުންސިލްތަކަށް ފޮނުވާ ސިޓީތަކަށް ޖަވާބު ނުދޭ ނަމަ އެ ކައުންސިލްތައް މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު ކޮމެޓީއަށް ހާޒިރު ކުރަން އެ ކޮމެޓީގެ ބައެއް މެންބަރުން އެދިވަޑައިގެންފި އެވެ. އިއްޔެ ބޭއްވި ސަރުކާރު މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ވިދާޅުވީ ރައްޔިތެއްގެ ހައްގެއް ގެއްލިގެން އެ ކޮމެޓީއަށް މައްސަލަ ހުށަހެޅުމުން އެކަމުގެ ތަފްސީލެއް ހޯދުމަށް ކައުންސިލްތަކަށް ފޮނުވާ ސިޓީތަކަށް ޖަވާބު ނުލިބޭ މައްސަލަ އިތުރުވަމުން އަންނަ ކަމަށާއި އެކަމަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ޖެހިފައިވާ ކަމެއް ކަމަށެވެ. "މި ގޮތަށް ކޮންމެ މައްސަލައެއް ހުށަހެޅިއަސް ޖަވާބު ދެނީ އެއް ނޫން. ރައްޔިތެއްގެ ހައްގެއް ގެއްލިގެން ހުށަހެޅިއަސް ޖަވާބު ދެނީ އެއް ނޫން. މުގައްރިރު މިކަން ސީރިއަސްކޮށް ބަލައި މި ކައުންސިލްތަކުގެ އިދާރާތަކުން ޖަވާބު ނުދެނީ ކީއްވެތޯ ބަލާ ޖަވާބު ނުދޭ ނަމަ އަމުރެއް ނެރިގެން ނަމަވެސް މިތަނަށް ހާޒިރުކުރަން އެދެން،" އެ ކޮމެޓީގެ މުގައްރިރު ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދަށް ރައްދުކޮށް ޝަރީފު ވިދާޅުވި އެވެ. ޝަރީފުގެ ހުށަހެޅުމަށް ތާއިދުކުރައްވައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ރަށު ކައުންސިލްތަކުގެ އިތުރުން އެ ކޮމެޓީން މައުލޫމާތު އޮޅުން ފިލުވަން ސިޓީ ފޮނުއްވާ ސަރުކާރުގެ އިދާރާތަކުން ވެސް ޖަވާބު ނުދޭ ނަމަ ހަމަ އެ އުސޫލުން އަމަލު ކުރަން ޖެހޭ ކަމަށެވެ. އެމްޓީސީސީ އިން ތ. އަތޮޅަށް ދެމުން ގެންދާ ފެރީގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލާގައި އެ އަތޮޅު ކައުންސިލަށް ފޮނުވި ސިޓީގެ ޖަވާބު ނުލިބި ދުވަސްތަކެއް ވެފައިވާ ކަން ފާހަގަކުރައްވައި ރިޔާޒު ރަޝީދު ވިދާޅުވީ އަދިވެސް އެ ކައުންސިލަށް ސިޓީއެއް ފޮނުވާނެ ކަމަށާއި އަދި ޖަވާބެއް ނުލިބެއްޖެ ނަމަ މެމްބަރު އެދިވަޑައިގަނެފި ނަމަ ކައުންސިލްގެ މެމްބަރުން ވެސް ހާޒިރުކުރަން ޖެހިދާނެ ކަމަށެވެ. ނަމަވެސް ރިޔާޒު ވިދާޅުވީ އުންމީދު ކުރަނީ ތ. އަތޮޅު ކައުންސިލުން ހާޒިރުކުރަން ނުޖެހި ސިޓީގެ ޖަވާބު ފޮނުއްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ