މުސްލިމް ޤައުމުތަކުގެ ވެރިން ރައްޔިތުންގެ ޙައްޤުތަކަށް އަމާނާތްތެރިވުމަށާއި އަދި ރައްޔިތުން ވެރިންނަށް އެހީތެރިވެދިނުމަށް އަރަފާތު ދުވަހުގެ ޚުޠުބާ ވިދާޅުވަމުން އިމާމް ގޮވާލައްވައިފިއެވެ.
އަރަފާތު ދުވަހުގެ ޚުޠުބާ މިއަދު ވިދާޅުވީ ދެ ހަރަމްފުޅަށް ސައުދީ ރަސްގެފާނުގެ ގަނޑުވަރުން ކަޑައަޅުއްވަވާފައިވާ އިސްވެރިޔާ އަދި އިސް އިމާމް ޑރ. އައްޝައިޚް ޢަބްދުއްރަޙްމާން އަލްސުދައިސްއެވެ.
އަލްސުދައިސް ވަނީ މުސްލިމް ޤައުމުތަކުގެ ވެރިންނަށް ތެދުވެރިވެ އަމާނާތްތެރިވުމަށް ގޮވައިލައްވާފައެވެ. ހަމަ އެއާއިއެކު ވެރިންނަށް އެހީތެރިވެ އެއްބާރުލުން ދިނުމަށް ވެސް އަލްސުދައިސް ވަނީ ރައްޔިތުންނަށް ގޮވައިލައްވައިފައެވެ. އަލްސުދައިސް ވިދާޅުވީ މުސްލިމް މުޖުތަމައުއަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރެވެން އޮތީ ވެރިންނާއި ރައްޔިތުން ގުޅިގެން މަސައްކަތްކޮށްގެން ކަމަށެވެ.
އަލްސުދައިސް ވަނީ އަދުލުވެރިވުމަށާއި އިންސާފުވެރިވުމަށާް ވެސް ވެރިންނަށް ގޮވައިލައްވައިފައެވެ. "ހުރިހައި މުސްލިމް ޤައުމުތަކުގެ ވެރިންނަކީވެސް ޙައްޤަށް ވެރިކަން ކުރާ ބައަކަށްވާން އެބަޖެހޭ."
އިމާމް ވިދާޅުވީ މުސްލިމް އުންމަތަށް ކުރިއަށް ދެވޭނީ އަދި ކާމިޔާބު ހޯދޭނީ ވެރިންގެ ކިބައިން އަދުލުވެރިކަން ފެނުމާއިއެކު ރައްޔިތުން ވެސް ތެދުވެރިކަމާއިއެކު މަސައްކަތްކޮށްގެން ކަމަށެވެ.
އިމާމް ވިދާޅުވީ މީސްތަކުން ދުނިޔެއަށް ފޮނުއްވެވި ސަބަބުގައި އަބަދުވެސް ހިފަހައްޓަންޖެހޭނެ ކަމަށެވެ. އެހެންކަމުން މީސްތަކުންނީ ހެޔޮ ކަންކަމަށް އަމުރުކުރާ އަދި ނުބައިކަންކަން ނަހީކުރާ ބައަކަށްވާންޖެހޭނެ ކަމަށެވެ.
އިމާމް ވިދާޅުވީ އުންމަތަށް އެންމެ ފުރިހަމަ ނަމުނާ ދެއްކެވީ ކައުއިތުރު ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަމަށެވެ. އެހެންކަމުން އިތުުރު އެކަލޭގެފާނަކީ އެންމެ ފުރިހަމަ ނަމޫނާކަމަށް އެންމެންވެސް ބަލައިގަތް ކަމަށެވެ.
މިކަންކަމުން އިބްރަތް ޙާޞިލުކޮށް މުސްލިމް ޤައުމުތަކުގެ ވެރިންނަކީ ނަމޫނާބައަކަށްވެ އެކަން ރައްޔިތުންނަށް ދައްކައި ދިނުމަށް އިމާމް ވަނީ ގޮވައިލައްވައިފައެވެ.
މުސްލިމް މުޖުތަމައުން ރިވެތި އަޚްލާޤީ ސިފަތައް ނެތެމުންދާކަން ފާހަގަ ކުރައްވައި މުސްލިމުންގެ ކިބައިގައި ހުންނަންް ޖެހޭ ރިވެތި އަޚްލާޤީ ސިފަތައް ދިރުވައި އާލާކުރުމަށް އިމާމް ވަނީ ގޮވައިލައްވައިފައެވެ.
މީހުން މެރުުމާއި (ޝަރުޢީ ޙުކުމަކާއިނުލައި) އަނިޔާވެރިވުމަކީ އިސްލާމް ދީނުގައި އޮތް ކަމަކަށް ނުވާއިރު އެފަދަ ކަންކަން ކުރަން ހިތްވަރުދޭ ޓެރަރިސްޓް ޖަމާއަތްތަކާއި ނުގުޅުމަށް އިމާމް ވަނީ ޒުވާނުންނަށް ގޮވައިލައްވައިފައެވެ. "ޓެރަރިސްޓް ޖަމާއަތްތަކަކީ ޒުވާނުންނަށް މަގު އޮޅުވާލައި އިސްލާމް ދީނުގެ މަގުން ޒުވާނުން އެއްކިބާ ކުރުވަން މަސައްކަތްކުރާ ބައެއް"ގެ ގޮތުގައި އިމާމް ވަނީ ސިފަކުރައްވައިފައެވެ.
ސައުދީ އެންމެ އިސް މުފްތީ، ވިދިގެން 35 އަހަރު އަރަފާތު ބިމުގައި ޚުޠުބާ ވިދާޅުވެފައިވާ ފަޟީލަތުއްޝައިޚް ޢަބްދުލްއަޒީޒް އައްޝައިޚްގެ ޚިދުމަތް ފާހަގަކުރައްވައިވައި އިސްމުފްތީއަށް ހެޔޮ ރަހްމަތް ލެއްވެވުން އެދިވެސް އިމާމް ވަނީ ދުޢާ ކުރައްވައިފައެވެ.
މުސްލިމް ވެރިން ރައްޔިތުންގެ ޙައްޤުތަކަށް އަމާނާތްތެރިވުމަށާއި ރައްޔިތުން ވެރިންނަށް އެހީތެރިވުމަށް އިމާމް ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ