މުޒާހަރާގެ އަދަދުން އިނގެނީ ރައްޔިތުން އަމާންކަން ބޭނުންވާކަން: އުމަރު

އެމްޑީޕީން އިންތިޒާމް ކޮށްގެން އަނިޔާވެރިކަމާއި ދެކޮޅަށް ކަމަށް ބުނެ ބޭއްވި މުޒާހަރާއަށް ނިކުތް މީހުންގެ އަދަދުން އިނގެނީ ރައްޔިތުން ބޭނުންވަނީ ގައުމުގައި ސުލްހަ އާއި އަމާންކަން ދެމި އޮތުން ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އުމަރު މިހެން ވިދާޅުވީ ރޭގެ މުޒާހަރާ ހިނގަމުން ދަނިކޮށް ކުރެއްވި ޓްވީޓެއްގަ އެވެ.
އުމަރު ވިދާޅުވީ މުޒާހަރާގައި ބައިވެރިވެފައިވަނީ 2،000 އަށް ވުރެ ވެސް މަދު އަދަދެއްގެ ބައެއް ކަމަށެވެ. އެހެންކަމުން އިނގެނީ ރައްޔިތުން ބޭނުންވަނީ ސުލްހަ އާއި އަމާންކަން ކަމުގައި ވިދާޅުވި އެވެ.
ރޭގެ މުޒާހަރާ ފެށީ އާޓިފިޝަލް ބީޗް ކުރިމަތީގައި ހުންނަ އެމްޑީޕީގެ ޖަގަހަ ކުރިމަތިންނެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން ގިނަ ވަގުތު ހޭދަކޮށްފައިވަނީ މަޖީދީ މަގާއި ޗާންދަނީ މަގު ގުޅުނު ކަންމަތީގަ އެވެ.
އެ ސަރަހައްދުގައި މުޒާހަރާގެ ބައިވެރިންނާ މުހާތަބު ކުރައްވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވަނީ މުޒާހަރާ ކުރާ މީހުންގެ ޑިމާންޑްތައް ސަރުކާރަށް ހުށަހަޅުއްވާފަ އެވެ. އެގޮތުން ފާހަގަކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މިނިވަންކުރުމާއި ސިޔާސީ ދައުވާތައް ކުރުން ހުއްޓާލުމާއި ވަޒީފާގެ ބިރުދެއްކުން ހުއްޓާލުމާއި އަދި ވިޔަފާރިވެރިންނަށް ކުރިމަތިކުރުވަމުންދާ އުނދަގޫތައް ހުއްޓާލުމެވެ.
ފަތިހު 4:00 ޖަހަނިކޮށް މުޒާހަރާ ނިމިގެން ގޮސްފައިވާއިރު ނުވަ މީހަކު ހައްޔަރުކުރި މަންޒަރު ފެނިގެން ދިޔަ އެވެ. މުޒާހަރާ ޖުމްލަ ގޮތެއްގައި ކުރިއަށް ދިޔައީ ސުލްހަވެެރިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ