ހިޔާލު ތަފާތުވުމަކީ އާއިލާ ބައިބައި ވުމެއްނޫން- މައުމޫން ހަމީދް

ގައުމުގެ ސިޔާސީ މަޝްރަހާއިމެދު އެފަރާތަކަށް ފެންނަ އެއްޗެއް ހާމަކުރުމާއި , ކަންކަމުގައި ހިޔާލު ތަފާތުވުމަކީ އާއިލާ ބައިބައިވުން ނޫން ކަމަށް ގާނޫނީ ވަކީލު މައުމޫނު ހަމީދު ވިދާޅުވެއްޖެއެވެ.
ހިޔާލުތަފާތުވުން ބޮޑުވެ ރައީސް މައުމޫނާއި ގައުމުގެ ވެރިޔާ އަދި މައުމޫނުގެ ކޮއްކޯފުޅު ޔާމީން އަބްދުލް ގައްޔޫމާއި ދެމެދު ކޯޅުންގަނޑެއް އުފެދި ޕާޓީގެ ދެބައިވެ ކަންކަން ބޮއްސުން ލައިގެން ގޮސްފައިވަނިކޮށް މައުމޫނުވަނީ ކޮއްކޯފުޅަށް ކުރައްވާ ތާއީދު އަނބުރާ ގެންދެވީ ކަމަށް ވިދާޅުވެ ސަރުކާރާއި މެދު ފާޑު ވިދާޅުވެފައެވެ.
އެހެންކަމުން ޕީޕީއެމްގެ މެމްބަރުން މެދުގައިވެސްވަނީ ހިޔާލުތަފާތުވުން އުފެދި ދެފެކްޝަނުގެ ބޭބޭފުޅުން އެއްބޭފުޅަކު އަނެއް ބޭފުޅަކާއި މޫނު ކެނޑޭ ހިސާބަށް ކަންތައް ގޮސްފައެވެ.
މިޔާއެކު ރައީސް މައުމޫނާއި ޔާމިން ގެ އާއިލާ ތެރޭގައި އޮތް ހިޔާލު ތަފާތުވުންތައް ވެސް މިދަނީ ފެންނަމުންނެވެ.
އިއްޔެ ރަށުތެރޭގައި އެއްމެ އާރުލާފައި ދެކެވުނު އެއްވާހަކައަކީ ރައީސް ޔާމީން އާއި މައުމޫނަށް ބޮޑުބޭބެ ވިދާޅުޥާ ހާލާ ހަމީދު މައުމޫނަށް ފާޑު ވިދާޅުވެ , ރައީސް ޔާމީން އަށް ތާއީދުކުރައްވާ ކަން ހާމަކުރެއްވި ވާހަކަ އެވެ.
އެޔާއިއެކު މަރްހޫމް އަބްދުﷲ ހަމީދުގެ އާއިލާ ދެބައިވެއްޖެ ކަމަށް ބުނެ ދެކެވެންފެށި ވާހަކަތަކުން ސޯސަލް މީޑީއާ ބަންޑުން ވަމުންދަނިކޮށް މައުމޫނު ހަމީދު މިވަނީ އެވާހަކަތަކަށް ރައްދު ދެއްވާފައެވެ.
އެބޭފުޅާ ތާޢީދު ކުރައްވަނީ ރައީސް މައުމޫނަށް ނަމަވެސް އެބޭފުޅާއާއި ހާލާ އާއި ދެމެދު ހިޔާލު ތަފާތުވުމަކީ އާއިލާ ބައިބައިވުން ކަމަށް ދެކި ނުލައްވާ ކަމަށް މައުމޫނު ހަމީދު ވިދާޅުވިއެވެ.
ސިޔާސީ މަސްރަހާއިމެދު އެބޭފުޅެއްގެ ހިޔާލު ފާޅުކޮށް ވަކި ފަރާތަކަށް ތާޢީދު ކުރުމަކީ އާއިލާ ބައިބައިވުން ކަމަށް ދެކިނުލައްވާ ކަމަށާއި , އެބޭފުޅާގެ ހިތުގައި ހާލާއަށް އޮތް ލޯބި ބަދަލު ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް މައުމޫނު ހަމީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ