މަޝްވަަރާތަކުން ތަކެތީގެ އަގުތައް ތިރިނުކުރެވިއްޖެ ނަމަ ރައްޔިތުން އުތުރި އެރުން މާ ބޮޑުވާނެ: އިންތިޒާމް ކޮމެޓީ

ޑޮލަރުގެ މައްސަލާގައި ތަކެތީގެ އަގުތައް ތިރިކުރުމަށް ފިޔަވަޅުތަކެއް އަޅަން ސަރުކާރުން އެއްބަސް ނުވެއްޖެ ނަމަ މުޒާހަރާތަކަށް ދެން ނުކުންނަ އިރު ރައްޔިތުން އުތުރި އެރުން މާ ބޮޑުވާނެ ކަމަށް މުޒާހަރާ އިންތިޒާމް ކުރާ ފަރާތުން ބުނެފި އެވެ.
އެޕްރީލް 30، 2011 އިން ފެށިގެން މާލޭގައި ކުރަމުން އައި ސިލްސިލާ މުޒާހަރާތައް އިންތިޒާމް ކުރި ކޮމެޓީގައި ހިމެނޭ މުހައްމަދު އަހުސަން ވިދާޅުވީ މަޝްވަރާއަކަށް ދިއުމަށް އެއްބަސްވުމަކީ މުޒާހަރާތަކުން ރަގަނޅު ނަތީއްޖާއަކަށް ދެވޭނެ ކަމުގެ ފެހި ސިގްނަލެއް ކަމަށެވެ. އަދި މަޝްވަރާތަކުގައި ތަކެތީގެ އަގު ތިރި ކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން އެއްބަސް ނުވެއްޖެ ނަމަ ދެން މުޒާހަރާއަށް ނުކުންނައިރު، ރައްޔިތުންގެ އުތުރި އެރުން މާ ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މުޒާހާރާގެ ބައިވެރިންވެ ފަރާތުން ހައިރާން ކުރުވަނިވި ކަންތައްތަތަކެއް ފެނިގެން ދިޔުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް މުޒާހަރާތައް މެދުކަޑާލީ މުޒާހަރާތަކުގައި ބައިވެރިވި ޒުވާނުންނާއި ސިޔާސީ ފަރާތްތަކުގެ އަޑު އެހުމަށް ސަރުހާރަށް މުހުލަތެއް ދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ތަކެތީގެ އަގު ތިރިކުރުމަށް ގޮވާލައި ޒުވާނުން އިސްނަގައިގެން މާލޭގައި ސިލްސިލާކޮށް ބާއްވަމުން އައި މުޒާހަރާތަކުގެ ބައިވެރިންނާއި ސަރުކާރާ ދެމެދު މަޝްވަރާތަކަށް ފުރުސަތު ދިނުމުން ހަފްތާއަކަށް މުޒާހަރާތައް މެދުކަނޑާލައިފި ކަމަށް އިއުލާން ކުރީ ރޭގެ މުޒާހަރާގައި ޒުވާނުންގެ ފަރާތުން އިއްވި ބަޔާނެއްގަ އެވެ.
އިއްޔެ ހަވީރު ފުލުހުންނާއި މުޒާހާރާތައް އިންތިޒާމް ކުރާ ޒުވާނުނާއި ސިޔާސީ ފަރާތްތަކާ އެކު، ފުލުހުންގެ އިދާރާގައި ބޭއްވި މަޝްވަރާތަކުގައި އެއްބަސްވެފައި ވަނީ ސަރުކާރާ އެކު ކުރާ މަޝަވަރާއަކަށް ފުރުސަތު ދިނުމަށް މުޒާހަރާތައް ވަގުތީ ގޮތުން ހުއްޓާލުމަށެވެ. ފުލުހުންނާ އެކު ބޭއްވި މަޝްވަރާތަކުގައި އެ ވިސްނުން ހުށަހެޅުއްވީ ޒުވާނުންގެ ފަރާތުންނެވެ. އަދި ސަރުކާރާއި މުޒާހަރާ ކުރާ ފަރާތްތަކާ ދެމެދު މެދުވެރިއެއްގެ ރޯލަކަށް ފުލުހުން ވާނެ ކަމަށް އިޝާރާތް ކުރައްވައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޝްވާން އެ ކަމަށް އެއްބަސްވި ކަމަށް ޒުވާނުންގެ ފަރާތުން އެ މަޝްވަރާތަކުގައި ބައިވެރިވި މުހައްމަދު އަހުސަން ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހުށަހެޅި އެއް ހުށަހެޅުމަކީ ފުލުހުން މެދުވެރިވެގެން އަޅުގަނޑުމެންގެ ޑިމާންޑްތައް ނޫނީ ސަރުކާރާ ވާހަކަ ދެއްކޭނެ، ފުލުހުން އެކަން ސަރުކާރަށް ލޮބީ ކޮށްދެއްވާށޭ. އަދި ފުލުހުން ސަރުކާރަށް އެދެންނެވި ދެންނެވުމަށް އިޖާބަދީ އަޅުގަނޑުމެންނާ ވާހަކަ ދައްކަން ނިންމި ނިންމުމެއްމީ،" ފުލުހުންނާ އެކު ބޭއްވި ބައްދަލުވުގައި ވާހަކަ ދެކެވި ކުއްލިއްޔަތުލް ދިރާސާތުން އިސްލާމިއްޔާގައި އަށް އަހަރު ކިޔެވުމަށް ފަހު، ގާނޫނީ ދާއިރާ އިން ތައުލީމް ހާސިލް ކުރަމުން އަންނަ އަހުސަން ވިދާޅުވި އެވެ.
ސިލްސިލާ މުޒާހަރާތަކުގެ ބައިވެރިންނާ އެކު އިއްޔެ ފުލުހުންގެ އިދާރާގައި ބޭއްވި މަޝްވަރާތަކާ ބެހޭ ގޮތުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޝްވާން މިއަދު ވިދާޅުވީ މުޒާހާރާ ކުރާ ފަރާތްތަކުން ސަރުކާރާ ވާހަކަ ދައްކަން ހުށަހެޅުއްވުމުން އެކަމަށް ސަރުކާރުން އިޖާބަދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި މުޒާހާރާތަކުގެ ސަބަބުން ގައުމުގެ އިގްތިސާދު ނޭތެވޭ އަސަރުކޮށް، ދިމާވެދާނެ ގޮތަކާ މެދު ފުލުހުން ވަރަށް ރަގަނޅަށް ވިސްނާނެ ކަމަށާއި މަޝްވާރާގެ މޭޒަށް ދެ ފަރާތުން ދިއުމުން އެކަމާ އުފާ ކުރައްވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދެންނެވިން އަޅުގަނޑުމެން މަސައްކަތްކޮށްދޭނަމޭ. ސަރުކާރުން އެބޭފުޅުންނާ ވާހަކަ ދައްކަން އެގްރީވަންޏާ އެގްރީ ވާނެއެއް ނޫންތޯ. ވާހަކަ ދެއްކިން ސަރުކާރުން ވެސް އެގްރީވޭ ވާހަކަ ދައްކަން،" ރިޝްވާން ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކަޓަރީ މުހައްމަދު ޒުހައިރު މިއަދު ވިދާޅުވީ ކޮންމެ ބަޔަކު ސަރުކާރާ އެކު މަޝްވަރާ ކުރަން ބޭނުންވިޔަސް އެދޮރު ހުޅިވިފައިވާ ކަމަށެވެ. އަދި މިއަދު ފަށާ މަޝްވަރާތަކުގައި މުޒާހަރާގެ ބައިވެރިން ދައްކާ ވާހަކަތައް ސަރުކާރުން ވަރަށް ރަގަނޅަށް އަޑު އަހާނެ ކަމަށާއި އެ މީހުންގެ ޑިމާންޑްތަކަކީ ސަރުކާރުގެ ސިޔާސަތުތަކާ ފުށޫނާރާ ކަންތައްތަކެއް ކަމުގައިވާ ނަމަ އެކަމަށް ސަރުން ބޯލަބާނެ ކަމަށެވެ.
"ފުރަތަމައިނުން އިޖާބަދެއްވާނީ އެބޭފުޅުން އެ ވިދާޅުވާ ކަންތައްތަކަކީ ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭ ސަރުކާރުގެ ސިޔާސަތުތަކަށް ފުށޫނާރާ ކަންތައްތަކެއްތޯ ނޫންތޯ ބައްލަވާނީ،" ޒުހައިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުން ދަތުރު ކުރަމުންދަނީ ވަރަށް ބޮޑު ލަނޑުދަނޑިއަކާ ދިމާލަށް ކަމަށާއި ކުއްލި ހަލަބޮލި ކަމަކުން އިގްތިސާދީ ބޮޑެތި ކަންތަތަކެއް ހައްލު ނުވާނެ ކަމަށެވެ. އަދި މަޝްވަރާތަކުގައި ސަރުކާރުގެ ފަހި ސިޔާސަތު މުޒާހަރާގެ ބައިވެރިން ގަބޫލު ކުރައްވާނެ ކަމަކަށް އުންމީދު ކުރާ ކަމަށް ވިދާޅުވި އެވެ.
މަޝްވަރާތަކުގައި މުޒާހަރާގެ ބައިވެރިންނާ އެކު ސަރުކާރުން ބައްދަލުކުރަނީ ރައީސް އޮފީހުގެ ފަންނީ ބައެއް މުވައްޒަފުން ކަމަށް ޒުހައިރު ވިދާޅުވި އެވެ. އަދި އެ މަޝްވަރާތައް މިއަދު މެންދުރު ފަހު ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.
ތަކެތީގެ އަގު ތިރިކުރުމަށް ގޮވާލައި މާލާގައި ސިލްސިލާ މުޒާހަރާތައް ފަށާފައި ވަނީ މިދިޔަ އެޕްރީލް 30، 2011 ގަ އެވެ. އަދި ރޭ މުޒާހަރާތައް މެދުކަނޑާލި އިރު، އަށް ދުވަހުގެ ތެރޭގައި ނުވަ މުޒާހަރާ މާލޭގައިކޮށްފައިވެ އެވެ. އެ މުޒާހަރާތަކުގައި ފުލުހުންނާއި އާންމުންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގައި އާންމުނަށާއި ފުލުހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ