ލޯންޗްކޮޅުގެ ތަހުގީގުގެ 75 ޕަސަންޓް ނިމިއްޖެ: އުމަރު

ފިނިފެންމާ ލޯންޗްކޮޅު އެއްޗެއް ގޮއްވާލި މައްސަލައިގެ ތަހުގީގުގެ ބޮޑުބައެއް ނިމިފައިވާ ކަމަށާއި މިހާރު ނުނިމިވަނީ 25 އިންސައްތަ މަސައްކަތް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވީ ދިޓީވީގެ ހަބަރުތެރެއިން ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
އުމަރު ވިދާޅުވީ ފިނިފެންމާ ލޯންޗުގެ ތަހަގީގު މާލަސްތަކެއް ނުވެ ނިންމާލެވި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވޭނެ ކަމަށެވެ. އަދި ތަހުގީގު މިހާރު ކުރިއަށް ގޮސްފައިވާ ހިސާބުން އެކަށީގެންވާ ވަރަށް ހެކި ލިބިފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.
"ބައެއް ފަރާތްތަކުން އެބަވިދާޅުވޭ މިމައްސަލައިގެ އެކަށީގެންވާ ހެކި ލިބިފައި ނެތް ކަމަށް. އެހެންނަމަވެސް އެއީ ހަގީގަތެއް ނޫން،" އުމަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލުމުގެ ފަހަތުގައި ކުރީގެ ނައިބްރައީސް އަހްމަދު އަދީބުގެ އަތެއްވާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމުގައި ހުންނަވައިގެން އެފަދަ ކަމެއް ރާވައި ހިންގުމަކީ ވަރަށް ބޮޑު ކުށެއް ކަމަށެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ރިޔާސީ ލޯންޗްކޮޅު، ފިނިފެންމާގައި އެއްޗެއް ގޮއްވާލާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހައްޖުގެ އަޅުކަމަށްފަހު ރާއްޖެ ވަޑައިގެން މާލޭ އިއްޒުއްދީން ފާލަމާއި ލޯންޗުކޮޅު ކައިރި ކުރަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ