މައުމޫން ނަސްރީނާއަށް: "ކަމަނާގެ ވަފާތެރިކަމަށް ނިމުމެއް ނެތް"

ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް، އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ ހިތްވަރަށް ވަރަށް ބޮޑަށް ތައުރީފުކުރައްވައިފިއެވެ.
ރައީސް މައުމޫން ވަނީ އަނބިކަނބަލުން ނަސްރީނާ އިބްރާހިމަށް ޚާއްސަކޮށް ލޯބީގެ ވަރަށް އަސަރުގަދަ މެސެޖެއް ޓްވިޓާގައި ހިއްސާކުރައްވާފައެވެ.
އެ މެސެޖްގައި ރައީސް މައުމޫން ވަނީ އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ ހިތްވަރަށް ތައުރީފުކުރައްވާފައެވެ. އަދި އެއީ ވަފާތެރިކަމުގައި ދެވަނައެއްނެތް ބޭފުޅެއްކަމުގައި ވިދާޅުވެފައިވެއެވެ. ރައީސް މައުމޫން ވަނީ އެމަނިކުފާނުގެ އަނބިކަނބަލުންނަކީ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ސިފަކުރައްވާފައެވެ.
ކަމަނާގެ ވަފާތެރިކަމަށް ނިމުމެއް ނެތް. ލޯބީގައި ރީތި އެތައް ކަމެއް ހިމެނޭ. ލޯބިވާ އަނބިކަނބަލުން، އެންމެ ގާތް އެކުވެރިޔާ، ތިޔަ ލޮބުވެތި ނިއުމަތަށްޓަކައި ﷲ އަށް ޝުކުރު ކުރަން،" ރައީސް މައުމޫންގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރަށް ރައީސް މައުމޫން ވަނީ ނަސްރީނާ އިބްރާހިމަކީ ވަރަށް ހިތްވަރުފުޅުގަދަ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރައްވާ އެކަމަނާގެ ހިތްވަރުފުޅު ބަލިނުކުރެވޭނެކަމަށް ވިދާޅުވެފައެވެ.
ފެބްރުއަރީ 5 ވަނަ ދުވަހު ހައްޔަރުކޮށް ޖަލުގައި ބަންދުކުރެވުނުފަހުން، ނަސްރީނާ އިބްރާހިމް ވަނީ ކޮންމެ ދުވަހަކުހެން ޖަލަށް ވަޑައިގެން ރައީސް މައުމޫންގެ ހާލުކޮޅު ބައްލަވާފައެވެ. އަދި ރައީސް މައުމޫން މިނިވަންކުރައްވާ، ގެއަށް ބަދަލުކުރެއްވޭތޯވެސް އެކަމަނާވަނީ އެތައް މަސައްކަތްތަކެއް ކުރައްވާފައެވެ.
މީގެ އިތުރަށް ރައީސް މައުމޫނަށް ހިތްވަރު ދެއްވުމަށް އެމަނިކުފާނު ކޯޓަށް ހާޒިރުކުރާ ދުވަސްދުވަހު ކޯޓްދޮށައްވެސް އެކަމަނާ ވަޑައިގަންނަވައެވެ. އަދި މީޑިއާތަކާއި ކުރިން ވަރަށް ބީރައްޓެހި ނަމަވެސް ރައީސް މައުމޫން ޖަލަށްލެއްވުމާއިއެކު، ނަސްރީނާ ވަނީ އެތައް ފަހަރެއްގެ މަތިން މީޑިއާތަކަށް ބަސްދީގަތުންތަކެއްވެސް ދެއްވާފައެވެ.
އަދި އިއްތިހާދުގެ ކެންޕެއިންގައި ބައިވެރިވެވަޑައިގަންނަވާ، އައްޑޫ ސިޓީގައި އިއްތިހާދުން ބޭއްވެވި ބޮޑު ޖަލްސާގައިވެސް އެކަަމަނާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މީގެ ކުރިން ވީމީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މައުމޫން ވަނީ ނަސްރީނާ އާއި ގުޅޭގޮތުން ފުރަތަމަ ފަހަރަށް ވަރަށް ތަފްސީލްކޮށް ވާހަކަފުޅު ދައްކަވާފަ އެވެ. ރައީސް މައުމޫންގެ ހަޔާތްޕުޅުގައި ޚާއްސަކޮށް ވެރިކަމުގައި ހުންނެވި ދުވަސްވަރު ކުރިމަތިވެވަޑައިގެން ކޮންމެ ގޮންޖެހުމަކާއި ކުރިމަތިލެއްވިއިރު އެންމެ ބޮޑަށް ހިތްވަރު ދެއްވީ ނަސްރީނާ ކަމަށް އެމަނިކުފާނު ވިދާޅުވެ އެވެ.
"އަބަދުވެސް އެންމެ ގާތުގައި ހުންނަވާނީ ނަސްރީނާ. އެހެންވީމަ އަޅުގަނޑުގެ އެންމެ ޚާއްސަ ޝުކުރެއް އަބަދުވެސް އޮންނާނީ ނަސްރީނާއަށް." ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫންގެ ހިތްޕުޅުގައި އަނބިކަނބަލުންގެ މައްޗަށް އޮތް ލޯބި ހާމަކުރައްވާ ކުރެއްވި ޓްވީޓާއި ގުޅިގެން ގިނަ ބަޔަކު ވަނީ އެމަނިކުފާނުގެ ވަރަށް ބޮޑަށް ތައުރީފުކުރައްވާފައެވެ.
ރައީސް މައުމޫނާއި، އަނބިކަނބަލުންގެ ކައިވެންޏަށް މިއަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހު ވަނީ 49 އަހަރު ފުރިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ