ރިސޯޓުތަކުގައި ޚަރަދު ކުޑަކޮށް ކަރަންޓު އުފެއްދުމާއި ގުޅޭގޮތުން ކޮންފަރެންސެއް ބާއްވައިފި

ނިއު އެނަރޖީ އިންޑަސްޓްރީ ކޮންފަރެންސް އެންޑް ޓެކްނިކަލް ޓުއާ އޮފް މަލަހިނި ކުޑަ ބަނޑޮސް ރިސޯޓްގެ ނަމުގައި ބަނޑޮސް ރިސޯޓުގައި މިއަދު ކޮންފަރެންސެއް ފަށައިފިއެވެ.އެ ކޮންފަރެންސް އިފްތިތާޙްކޮށްދެއްވީ އެންވަޔަރަމެންޓް މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަންއެވެ. އެންވަޔަރަންމަންޓް މިނިސްޓްރީއާއި، ސްޓެލްކޯ އަދި ކޮރެއާ ބެޓެރީ އާރު އެންޑް ޑީ އެސޯސިއޭޝަނާ ގުޅިގެން ބާއްވާ އެ ކޮންފަރެންސްގެ އަމާޒަކީ ރާއްޖޭގެ ރިސޯޓުތަކުގައި ޑީސަލް ބޭނުންކޮށްގެން ކަރަންޓު އުފެއްދުމަކީ ޚަރަދުބޮޑު ކަމަކަށްވާތީ، ރާއްޖެއިން ލިބެންހުރި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ޚަރަދުކުޑަކޮށް ކަރަންޓު އުފެއްދޭނެ ގޮތްތައް ތަޢާރަފުކުރުމެވެ.ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ ތެލަށް ބަރޯސާވެފައިވުން ހުއްޓާލަން ޖެހޭ ކަމަށާއި ރިސޯޓުތަކުން އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް އިސްނެގުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.އެ ކޮންފަރެންސަކީ 2018 ވަނަ އަހަރުގެ އޮގަސްޓް މަހު ކޮރެއާ ބެޓެރީ އިންޑަސްޓްރީ އެސޯސިއޭޝަނުން މަލަހިނި ކުޑަ ބަނޑޮސް ރިސޯޓުގައި ޤާއިމުކޮށްފައިވާ ސޯލާ ޕީވީ ހައިބްރިޑް ސިސްޓަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ކޮންފަރެންސެކެވެ.އެ ކޮންފަރެންސްގައި އެނަރޖީ ސްޓޯރޭޖާއި ގުޅޭ ޒަމާނީ ޓެކްނޮލޮޖީއާ ގުޅޭ މަޢުލޫމާތާއި ތަޖުރިބާ ކޮރެއާގެ ކުންފުނިތަކުން ހިއްސާކުރާނެއެވެ. އަދި ކޮންފަރެންސް ނިންމުމުގެ ގޮތުން މަލަހިނި ކުޑަބަނޑޮސް ރިސޯޓުގައި ޤާއިމުކޮށްފައިވާ ހައިބްރިޑް ސިސްޓަމް ކޮންފަރެންސްގެ ބައިވެރިންނަށް ތަޖުރިބާ ކުރާނެ ކަމަށް އެންވައިރަމެންޓް މިނިސްޓްރީން މައުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ