މާކުރަތު ކަރަންޓު މައްސަލަ އަދިވެސް މުޅިން ހައްލެއް ނުވޭ: ކައުންސިލް

ރ.މާކުރަތަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް އަދިވެސް ހައްލެއް ނުލިބޭ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
ވީނިއުސްއާ ވާހަކަދައްކަވަމުން މާކުރަތު ކައުންސިލްގެ ރައީސް އަލީ ހަސަން ވިދާޅުވީ މިއަދާ ހަމަޔަށްވެސް އަދި ކަރަންޓުގެ މައްސަލަ ހައްލުނުކުރެވޭ ކަމަށެވެ.
ހަސަން ވިދާޅުވީ މިހާރުވެސް އިންޖީނު ހެދުމުގެ މަސައްކަތުގައި ފެނަކައިގެ ޓީމުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. މާކުރަތުގައި މަސައްކަތް ކުރާ ފެނަކައިގެ ޓީމާ ހަވާލާދީ ހަސަން ވިދާޅުވީ އިންޖީނު ހެދި ކަރަންޓުގެ މައްސަލަ މުޅިން ހައްލުކުރެވޭނެ އިރެއް އަދި ނޭނގޭ ކަމަށެވެ.
"އަޅުގަނޑު މިއަދު އިންޖީނުގެއަށް ދިޔައިރު، އިންޖީނުގެ މުހިންމު ބައިތައް ހުރީ ވަކިވަކިކޮށްފައި ނާޅުވާ. އެހެންވީމަ ހިޔެއްނުވޭ މިރެއަށްވެސް މުޅިން ކަރަންޓުގެ މައްސަލަ ހައްލުކުރެވި ކަރަންޓް ލިބޭނެހެނެއް" ހަސަން ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ މިހާރު ރަށަށް ކަރަންޓު ދޫކޮށްފައި ހުރީ އިންޖީނުގޭގައި ހުރި 80 ކިލޯގެ ދެ ޖަނަރޭޓަރުން ކަމަށެވެ. އަދި މިގޮތަށް ކަރަންޓު ދޫކޮށްފައި ހުރިއިރު ކޮންމެހެން ބޭނުން ޖެހިއްޖެ ހާލަތެއްގައި ނޫނީ ކަރަންޓު ލޯޑު ބޮޑުވާ ފަދަ ތަކެތި ބޭނުން ނުކުރުމަށް ފެނަކައިން އަންގާފައިވާ ކަމަށެވެ.
"ރަށުތެރެއަށް ކަރަންޓު ލިމިޓެޑްކޮށް ދޫކޮށްފައި ހުރިނަމަވެސް މިއަދުވެސް ގާތްގަނޑަކަށް އެއްގަޑިއިރަށް ކަރަންޓު ކެނޑުނު" ހަސަން ވިދާޅުވިއެވެ.
މާކުރަތަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ މުޅިން ހައްލުނުކުރެވޭތީ މިވަގުތު ކަރަންޓު ދޫކުރެވިފައި ހުރީ ގޭގެއަށާއި ފިހާރަތަކާއި އަދި ސަރުކާރުގެ އިދާރާތަކަށް އެކަންޏެވެ. މަގުތަކާއި ބަނދަރު ސަރަހައްދު އަދިވެސް އޮތީ ކަނުއަނދިރީގައެވެ.
މާކުރަތު ކަރަންޓު މައްސަލާގައި ފެނަކައިގެ ބަހެއް ހޯދުމަށް ގުޅި ނަމަވެސް ފޯނަށް ޖަވާބެއް ނުދެއެވެ. ރ. މާކުރަތުން ކަރަން ކެނޑިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ