ގދ. ތިނަދޫ އިންޖީނުގެ އަނދާ ހުލިވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އިންޖީނުގޭގެގައި ރޯވީ، ދަންވަރު 2:30 ހާއިރުއެވެ، އަދި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ ފަތިހު 4:30 ވީ ފަހުންނެވެ.
މައުލޫމާތު ލިބޭ ގޮތުގައި އިންޖީނުގޭގެ ބޭރުގައި ހުރި ދެ ޓްރާންސްފޯމަރު ފިޔަވައި އެހެން ހުރިހާ އެއްޗެއް އަނދައި ހުލިވެފައިވާކަމަށެވެ. އަދި އިމާރާތް ވެސް ވަނީ ބޭނުން ނުކުރެވޭ ވަރުވެފައެވެ.
ތިނަދޫ އިންޖީނުގޭގައި 1000 ކިލޯވޮޓުގެ ޖަނެރޭޓަރަކާއި 720 ކިލޯވޮޓުގެ ޖަނެރޭޓަރަކާއި އަދި 600 ކިލޯވޮޓުގެ ޖަނެރޭޓަރެއް ބޭނުން ކުރަމުންދާއިރު އެތަނުގެ ފުރާޅުގައި 170 ސޯލާ ޕެނަލް ހަރުކޮށް އޭގެއިން 43 ކިލޯވޯޓު ކަރަންޓް އުފައްދައެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖން ޑިރެކްޓަރ މުހައްމަދު ނިމާލް ވިދާޅުވީ ތިނަދޫ އިންޖީނުގޭގައި އަލިފާން ރޯވީ އެތަނުގެ އެތެރެއިން ހިނގި ކަމަކާއި ގުޅިގެން ނޫން ކަމަށެވެ.
އިންޖީނުގެ ހިމެނޭ ސަރަހައްދު ބަންދުކޮށް ފުލުހުން ތަހްގީގު ފަށާފައިވާ އިރު މިކަމާއި ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.
ރޭ ދަންވަރުން ފެށިގެން ތިނަދޫން ކަރަންޓް ކެނޑިފައިވާ އިރު އެންމެ ބޮޑު އިސްކަމެއް ދީގެން މިހާރު މަސައްކަތް ކުރަމުން ދަނީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ކަރަންޓް ދިނުމަށްކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ނިމާލް ވިދާޅުވިއެވެ.
އެގޮތުން ކުރިއަށް އޮތް ދެގަޑި އިރު ތެރޭގައި ހޮސްޕިޓަލަށް ވަގުތީ ކަރަންޓް ދެވޭނެ ކަމަށް ނިމާލް ވިދާޅުވިއެވެ.
ތިނަދޫން ވާހަކަދެއްކި މީހަކު ބުނީ ރޭ މުޅި ރަށުގެ ރައްޔިތުން ތިބޭ ހޭލާ ކަމަށާއި ގިނަ ބަޔަކު ތިބީ އިންޖީނުގެ ހިމެނޭ ސަރަހައްދަށް ޖަމާވެފައި ކަމަށެވެ.
މި ހާދިސާ ހިނގި ވަގުތު ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އައިސީ ޔޫގައި އިމެޖެންސީ ފަރުވާ ދިނުމަށް ދެ މީހަކަު ބާއްވާފައި އޮތް ކަމަށެވެ. އަދި އެދެ މީހުން ވޯޑަށް ނެރެ ކުޑަ ޖަނަރޭޓަރެއްގެ އެހީގައި މިހާރުވެސް ވެންޓިލޭޓަރ އާއި ގުޅައިގެން ފަރުވާ ދެމުންދާ ކަމަށެވެ.
ތަފްސީލް އަންނަނީ…
ތިނަދޫ އިންޖީނުގެ އަނދާ ހުލިވެއްޖެ! މުޅި ރަށް ހުއްޓުމަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ