ސިޔާސީ ހަމަނުޖެހުންތައް ބޮޑު ވެފައިވާ މިސްރުގައި އަލަށް އެކުލަވާލި ޤާނޫނު އަސާސީއަށް ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓްގައި މިހާތަނަށް ގުނި ވޯޓުން މިސްރުގެ ރައްޔިތުން އާޤާނޫނު އަސާސީއަށް އާނބަސް ބުނެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ބާޣާވާތްކޮށްގެން ވެރިކަމުގެ ބާރުތައް ފޭރިގެންފައިވާ އަސްކަރިއްޔާގެ ގޮނޑިކޮއްކޮ ސަރުކާރެއް އޮތް މިސްރުގައި އާޤާނޫނު އަސާސީއަށް ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓްގައި ވޯޓްލި 27 ދާއިރާގެ ތެރެއިން 25 ދާއިރާގެ ނަތީޖާތައް މިހާރު ސާފުވެފައިވާއިރު ވޯޓްލީ މީހުންގެ 97 އިންސައްތަ މީހުން ވަނީ އާޤާނޫނު އަސާސީއަށް އާނބަސް ބުނެފައެވެ. އާޤާނޫނު އަސާސީއަށް ނޫނެކޭ ބުނި މީހުންގެ އަދަދު އެންމެ އިންސައްތަކަށް ވެސް ނާރައެވެ.
އަދި މިހާތަނަށް ވެރިރަށް ގާހިރާގެ ނަތީޖާތައް ސާފުނުވާއިރު ގާހިރާގެ ނަތީޖާގައި ވެސް އެހެން ސަރަހައްދުތަކުގެ ނަތީޖާއާއި މާބޮޑު ފަރަގެއް ނުހުންނާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އާޤާނޫނު އަސާސީއަށް ރައްޔިތުން އާނއެކޭ ބުނުމުން އަސްކަރިއްޔާގެ ތަރުޖަމާން ވިދާޅުވީ މިސްރުގެ ރައްޔިތުންނަށް ފުރަތަމަ ފަހަރަށް މިނިވަންކަމާއި އެކު އުޅުމުގެ ފުރުސަތު މިސްރު ރައްޔިތުން ހޯދައިފިކަމަށެވެ.
2012 ވަނަ އަހަރުގެ ޖުލައި މަހުގެ ތިން ވަނަ ދުވަހު މިސްރުގެ ފުރަތަމަ ޑިމޮކްރަޓިކް ރައީސް މުހައްމަދު މުރުސީ ވެރިކަމުން ދުރުކުރި ފަހުން ސިޔާސީ ހަމަޖެހުމެއް އައިސްފައި ނުވާ މިސްރުގައި ވޯޓާއި ގުޅިގެން ވެސް ވަނީ ހަމަނުޖެހުންތައް ހިނގާފައެވެ. އެގޮތުން އަންގާރަ ދުވަހު ހިނގި ހަމަނުޖެހުންތަކުގައި 11 މީހުން ވަނީ މަރުވެފައެވެ.
ވޯޓްގެ ނަތީޖާއަށް ބަލާއިރު ސިންނާއި އިންނާއި ނިލް ޑެލްޓާ ސަރަހައްދުން ގިނަ ބަޔަކު ވަނީ ވޯޓްލާން ނިކުމެފައެވެ. ނަމަވެސް މިނޯފިއާ އަދި ޑަގަހިލްޔާ ސަރަހައްދުން ވޯޓްލާން ނިކުތީ އެންމެ 19 އިންސައްތަ މީހުންނެވެ. އަދި މުރުސީގެ އުފަން ސަރަހައްދު ކަމުގައިވާ ޝަރުގިޔާއިން ވޯޓްލާން ނިކުތީ 15 އިންސައްތަ މީހުންނެވެ.
މިސްރުގެ ރައްޔިތުން އާޤާނޫނު އަސާސީއަށް އާނބަސްބުނެފައިވީ ނަމަވެސް ވޯޓްގެ ނަތީޖާގެ ސަބަބުން މިސްރުގެ މަސްރަހަށް އެއްވެސް ހަމަޖެހުމެއް އައިސްދާނެ ކަމަށް ލަފާނުކުރެވޭ ކަމަށް މިސްރުގެ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.
ވޯޓްގެ ހުރިހާ ނަތީޖާއެއް ސާފުވެ ރަސްމީ ނަތީޖާ އިއުލާންކުރެވޭ ވަރުވާނީ އަންނަ ހޮނިހިރު ދުވަހު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މިސްރު ރައްޔިތުން އާޤާނޫނު އަސާސީއަށް އާނ ބަސް ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ