ޔާމީނަށް ތާއީދުކުރަން ނިންމެވީ ގައުމާއި ދީނަށްޓަކައި - ނައިފަރު ދާއިރާގެ މެންބަރު

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ތާއީދުކުރެއްވުމަށް ނައިފަރު ދާއިރާގެ ޑީއާރުޕީ މެންބަރު އަހުމަދު މުހައްމަދު ނިންމަވައި އެކަން އިއުލާންކުރައްވައިފި އެވެ.
ނަސަންދުރާގައި މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި އަހުމަދު މުހައްމަދު ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީނަށް ތާއީދުކުރައްވަން ނިންމެވީ ގައުމާއި ދީނަށްޓަކައި މިގައުމުގައި އިސްލާމްދީން އޮތުމަށް ބޭނުންވާތީ ކަމަށެވެ.
އަހުމަދު މުހައްމަދު ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ ބިރަކާނުލައި މަޖާކުރުމުގެ ސިޔާސަތަކީ ގަބޫލުކުރެވޭނެ ސިޔާސަތެއްނޫން ކަމަށާއި އެސިޔާސަތުގެ ސަބަބުން ޒުވާނުންނަށް ކުރާނީ ކޮންކަހަލަ އަސަރުތަކެއްތޯ ވަރަށް ރަނގަޅަށް ދަނެގަންނަންޖެހޭ ކަމަށެވެ.
''އަޅުގަނޑުބެލިއިރު އެމްޑީޕީގެ މެނިފެސްޓޯގައި އަޅުގަނޑަށް އެންމެ ބޮޑަށް ފާހަގަކުރެވުނީ ބިރަކާނުލާ މަޖާކުރާ ވާހަކަ. އެހެންވީމަ އެބިރަކާނުލާ މަޖާކުރާކަށް މަގުމަތީގައި ހިތަށްއެރި ގޮތަކަށް އަޅުގަނޑުމެންގެ ދަރިން އުޅޭކަށެއް ތާއީދެއް ނުކުރާނަން. އެބިރަކާނުލާ މަޖާކުރުމުގެ އެންމެހާ ޒުވާނުން އަދި އެކުދިންގެ މައިންބަފައިން އޭގައިބުނާ އެއްޗެއް ނިކަން ރަނގަޅަށް ވިސްނަންޖެހޭނެ'' އަހުމަދު މުހައްމަދު ވިދާޅުވި އެވެ.
އަހުމަދު މުހައްމަދު ވިދާޅުވީ އެމްޑީޕީގެ އިސްވެރިން ދީނާ ބެހޭ ގޮތުން ދައްކާވާހަކައަކީ ގަބޫލުކުރެވޭނެ ވާހަކަތަކެއް ނޫން ކަމަށާއި އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޑެންމާކްގައި ދެއްކިވާހަކަތައް ހިމެނޭ ކަމަށެވެ.
އަދި ރާއްޖޭގައި އެހެން ދީނެއް އޮވެގެން ނުވާނެ އެފަދަ ފުރުސަތުތަކެއް ވެސް ދީގެންނުވާނެ ކަމަށް އަހުމަދު މުހައްމަދު ވިދާޅުވި އެވެ.
''އަތްމައްޗަށް އަރާ ލާރިކޮޅަކަށް ގައުމު ވިއްކާލައިގެން ނުވާނެ. ތިމާގެ ދަރިން އުޅެން ބޭނުންގޮތަކަށް އުޅެން ދޫކޮށްލެވިގެން ނުވާނެ. 500 ރުފިޔާއަށް ނުވަތަ 1،000 ރުފިޔާއަށް ނުވަތަ ގޭގަޖަހާ ޓިނު ކޮޅަކަށް މުޅިގައުމު ވިއްކާލެވިގެން ނުވާނެ. އެއީ ކަނޑައެޅިގެން ހަރާމް ރިޝްވަތުގެ އެއްޗެއް އެނެގެނީ. އެކާންދީގެން ދަރިން ބޮޑުކުރީމަ އެކުދިންނަށް އެދަސްކޮށްދެވެނީ ކޮންކަމެއްތޯ؟'' އަހުމަދު މުހައްމަދު ވިދާޅުވިއެވެ.
އަހުމަދު މުހައްމަދު ވިދާޅުވީ ގައުމުގެ ހާލަތަށް ބަލާއިރު ޑީއާރުޕީން ނިންމި ނިންމުމަކީ އެހާ ރަނގަޅު ނިންމުމެއް ކަމަށް ގަބޫލުނުކުރެވޭ ކަމަށާއި އެމްޑީޕީގެ ފިކުރު ގަބޫލު ނުކުރެވެނީ އެމްޑީޕީގެ އިސްވެރިން ގައުމާއި ގައުމުން ބޭރުގައި ދައްކަމުންދާ ވާހަކަތަކުގެ ސަބުން ކަމަށެވެ.
މިބައްދަލުވުމުގައި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވީ ޕީޕީއެމްގެ ކޯލިޝަނާއި މަޖިލިސްގެ އިތުރު މެންބަރުން ވަރަށް އަވަހަށް ގުޅިވަޑައިގަންނަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ