އެމްޑީޕީން މަޖިލީހުން ފާސްކުރީ ލަފާފުޅެއް ކަމަށް ގާސިމް ވިދާޅުވެއްޖެ

އަންނަ ނޮވެމްބަރު 11 ވަނަ ދުވަހު އާ ރައީސަކު އިންތިޚާބު ނުކުރެވިއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސާ ވެރިކަން ހަވާލު ކުރުމަށް މަޖިލީހުން އާދިއްތަދުވަހު ފާސްކުރީ ގަރާރެއް ނޫން ކަމަށާއި އެއީ ލަފާފުޅެއް ކަމަށް ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ރައީސާ ވެރިކަމުގެ ބާރުތައް ހަވާލުކުރުމަށް އެމްޑީޕީން ގަރާރެއް ހުށަހެޅީ ނޮވެމްބަރު 11ގައި އާ ރައީސަކު ހުވާ ނުކުރެވިއްޖެ ނަމަ ދެން އަމަލު ކުރާނެ ގޮތަކާ މެދު މަޖިލީހުގެ ލަފައަކަށް ރައީސް މުހައްމަދު ވަހީދު އެދިވަޑައިގަތުމުންނެވެ. މި ގަރާރު ފާސްކޮށްފައިވަނީ އެމްޑީޕީ އާއި ޑީއާރުޕީގެ މެންބަރުންނެވެ. ޕީޕީއެމާއި ޖުމްހޫރީ ޕާޓީގެ މެންބަރުން ވޯޓުގައި ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.
ދަރުބާރުގޭގައި ރޭ ބޭއްވި ޖުމްހޫރީ ގުޅުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ އެމްޑީޕީން ފާސްކުރި ގަރާރަކީ ގާނޫނެއް ވެސް ނޫން ކަމަށާއި އެ ގަރާރަށް ރައްޔިތުން ވެސް އަދި ސަރުކާރުން ވެސް އަމަލުކުރަން ނުޖެހޭނެ ކަމަށެވެ.
"އެއީ ހަމަ ލަފާފުޅެއް، އެއީ ރައީސުލްޖުމްހޫރިއްޔާ އެކަމަށް އެދިވަޑައިގެންފައިވާތީ." ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ 11 ނޮވެމްބަރުގެ ފަހުން ރައީސަކު އިންތިހާބު ނުކުރެވިއްޖެނަމަ އާ ރައީސަކު އިންތިހާބުކުރެވެންދެން ރައީސް ވަހީދު ވެރިކަމުގައި ހުންނަވާނެކަން ސުޕްރީމް ކޯޓުގެ ހުކުމް އެނގެން އޮންނާތީ ސުޕްރީމް ކޯޓުގެ ލަފާފުޅާއި އެއްގޮތަށް އިންތިހާބު ކަންކަން ނިމެންދެން ވެރިކަމުގައި ހުންނެވުމަށް އެދިވަޑައިގެންނަވާ ކަމަށެވެ.
އަދި އެކަން ކުރުމަށް އެދިވަޑައިގަންނަވަނީ ރާއްޖޭގައި ބޭއްވޭ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމަށްޓަކައި އާއި މިގައުމަށް އަމަން އަމާންކަން ގެނައުމަށްޓަކައި ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ރިޔާސީ ދައުރު ހަމަވުމުގެ ކުރިން އާ ރައީސަކު އިންތިޚާބު ނުކުރެވިއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސާ ވެރިކަން ހަވާލު ކުރުމަށް މަޖިލީހުން އާދިއްތަދުވަހު ފާސްކުރި ހުށަހެޅުން ބާތިލު ކަމަށް ކަނޑައަޅައިދިނުމަށް އެދި ސްޕްރީމް ކޯޓަށް ވަނީ މައްސަލައެއް ހުށަހަޅާފައެވެ. އެ މައްސަލަ ހުށަހެޅުއްވީ ޕީޕީއެމްގެ ކައުންސިލް މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ