މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވިއްޖެނަމަ ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ދެވަނަ ބުރަށް ދާނެ ކަން ކަށަވަރުވާ ކަމަށާއި ދެވަނަ ބުރަށް ގޮސް އެ ބުރު ކާމިޔާބުކުރައްވާނެ ކަމުގެ 90 ޕަސަންޓު ޔަގީންކަން އެބައޮތް ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިޙް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މ.ކުނޫޒުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ ޖުމްހޫރީ ގުޅުމުން ތިބީ ރާއްޖޭގައި ސައްހަ ވޯޓުލުމަށް އަޒުމް ކަނޑައަޅައިގެން ކަމަށާއި ރާއްޖޭގައި ލެވޭނީ ސުޕްރީމް ކޯޓުގެ ގައިޑްލައިނާއި އެއްގޮތަށް ލެވޭ ސައްހަ ވޯޓެއް ކަމަށާއި އެ އިންތިހާބުގައި ދެވަނަ ބުރަށް ވެސް ޖުމްހޫރީ ގުޅުމުން ދާނެ ކަމަށެވެ.
"އިންސާފުވެރި އަމާނާތްތެރި ވޯޓެއް ލިބިއްޖެކަމުގައިވާނަމަ މިހާރު މި ތިއްބެވި ތިން ބޭފުޅުން ތިބިއްޔާ ގާސިމް އިބްރާހިމް ދެވަނަ ބުރަށް ދާނެ ކަން ކަށަވަރު އިރާދަކުރެއްވިއްޔާ، އަދި ގާސިމް އިބްރާހިމް މިހާރު މިއޮތް ގޮތަށް ތިން ބޭފުޅުން ކުރިމަތިލަންޏާއި ދެވަނަ ބުރަށް ގޮސް، ގާސިމް އިބްރާހިމަށް ދެވަނަ ބުރުގައި ކާމިޔާބުކުރައްވާނެކަން އެއީ 90 ޕަސަންޓު ޔަގީންކަމެއް." އިމްރާން ވިދާޅުވި އެވެ.
އިމްރާން ވަނީ ރޭ ހުރިހާ ފަރާތްތަކުން ވެސް ވަރަށް ބޮޑަށް ހިތްވަރާއިއެކު ތިއްބެވުމަށާއި ސާބިތުވެތިއްބެވުމަށް ގޮވާލައްވާފައެވެ.
އަދި ޖުމްހޫރީ ގުޅުމުން ގޮވާލާ ކޮންމެ ގޮވާލުމަކަށް ވެސް އިޖާބަދެއްވުމަށް އިމްރާން ވަނީ ގޮވާލައްވާފައެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ލިސްޓުގައި ސޮއިކުރެއްވުމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ އަރިހުން އެދިވަޑައިގެންފައިވާއިރު އަދިވެސް ލިސްޓުގައި ސޮއިކުރައްވާފައެއް ނުވެ އެވެ. އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން ވެސް ސޮއިކުރައްވާފައެއް ނުވެ އެވެ.
ދެވަނަ ބުރު ގާސިމް ކާމިޔާބުކުރައްވާނެކަން 90 ޕަސަންޓު ޔަގީން - އިމްރާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ