ހުޅުހެންވޭރު ދާއިރާގެ އެމްޑީޕީ ޓިކެޓު އެއްވެސް ބޭފުޅަކަށް އަދި ނުދެން - އެމްޑީޕީ

އެމްޑީޕީ ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީގައި ހުޅުހެންވޭރު ދާއިރާގައި ބެހެއްޓުނު ދެ ފޮށީގެ ތެރެއިން މާލޭގައި ބެހެއްޓި ފޮށީގެ ވޯޓް ބާތިލްކޮށްފައިވާ ކަމަށާއި އެދާއިރާގެ ޓިކެޓު އެއްވެސް ފަރާތަކަށް ދީފައިނުވާނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންތިހާބާބެހޭ ކޮމިޓީގެ މުގައްރިރު އިބްރާހީމް ވަހީދު ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގެ ހުޅުހެންވޭރު ދާއިރާގެ ޕްރައިމަރީގައި މަކަރު ހަދާފައިވަކަން ސާބިތުވެފައި ވާތީ އެދާއިރާގެ ނަތީޖާ ބާތިލުކޮށް މަކަރު ހެދި ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށެވެ.
"އެ މައްސަލައިގައި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައި މައްސަލައިގައި އަވަހަށް ގޮތެއް ނިންމައިދިނުމަށް އަޅުގަނޑު ވާނީ ޕާޓީގެ ކަމާއި ގުޅުންހުރި ގުނަންތަކަށް މައްސަލަ ހުށަހަޅާފައި." އިބްރާހީމް ވަހީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ހުޅުހެންވޭރު ދާއިރާގެ ޓިކެޓަށް ވާދަކުރެއްވީ ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލާއި އާދަމް ޝަރީފް އެވެ. އެންމެ ފުރަތަމަ އިއުލާންކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން އަމީން ފައިސަލަށް 81 ވޯޓު ލިބިވަޑައިގެންނެވިއިރު އާދަމް ޝަރީފަށް ލިބިވަޑައިގެންފައިވަނީ 78 ވޯޓެވެ.
އިބްރާހިމް ވަހީދު ވިދާޅުވީ ވޯޓު ލިސްޓްގައި ހިމެނޭ މީހުންގެ އަދަދަށް ވުރެ ގިނަ މީހުން ހުޅުހެންވޭރު ދާއިރާގެ ޕްރައިމަރީގައި ވޯޓު ލާފައިވާ ކަމަށާއި އޭގެ ތެރޭގައި އެމްޑީޕީގެ މެމްބަރުން ނޫން ހަތަރު މީހަކު ވެސް ވޯޓު ލާފައިވާ ކަމަށެވެ.
އެގޮތުން 113 މީހަކު ވޯޓުލި ކަމަށް ދައްކާއިރު، 136 ވޯޓު ކަރުދާސްކޮޅު ވޯޓު ފޮށީގައި އޮތް ކަމަށް ވަހީދު ވިދާޅުވި އެވެ.
އެހެންވެ އެ މައްސަލައިގައި ޝަރީފް ވަނީ އެމައްސަލަ ބަލައިދިނުމަށް އިންތިހާބީ ކޮމިޓީއަށް ހުށަހަޅާފައެވެ. އަދި މައްސަލަ ހުށަހެޅުމާއި ގުޅިގެން މަސްލަހަތަށްޓަކައި އަމީން ފައިސަލް ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.
މީގެއިތުރުން އިބްރާޙިމް ވަހީދު މިއަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި އެމްޑީޕީގެ ހުރިހާ މެންބަރުން ވެސް ޕްރައިމަރީގައި ވާދަކުރަން ޖެހޭ ގޮތަށް ނިންމައި، ޖެނުއަރީ 24 ގައި ޕްރައިމަރީ ބާއްވަން ނިންމާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ