ކަރަންޓް އަގު ކުޑަކުރުމަށް ގޮވާލައި ޑީއާރުޕީން ބޭއްވި މުޒާހަރާގައި ފުލުހުންނާއި އާންމުނާ ދެމެދު ކުރިމަތިލުން ތަކެއް ހިނގައި ބައެއް މީހުންނަށް އެކިވަރުގެ އަނިޔާ ލިބިއްޖެ

10:00ކަރަންޓް އަގު ކުޑަކުރުމަށް ގޮވާލައި ޑީއާރުޕީން ރޭ މާލޭގައި ބޭއްވި މުޒާހަރާގައި ފުލުހުންނާއި އާންމުނާ ދެމެދު ކުރިމަތިލުންތަކެއް ހިނގައި ބައެއް މީހުންނަށް އެކިވަރުގެ އަނިޔާ ލިބިއްޖެ އެވެ.ސުނާމީ ބިނާ ހުރި ސަރަހައްދުން ރޭ ނުވައެއް ޖަހާކަންހާއިރު، އެ މުޒާހަރާ ފެށުމުގެ ގޮތުން އެ ޕާޓީގެ ޕާލިމަންޓްރީ ގުރޫޕްގެ ބައެއް މެމްބަތުންނާއި ނައިބު ލީޑަރުން ވާހަކަ ދެއްކެވި އެވެ. އަދި މުއްދަތެއް ނެތް ގޮތަށް ކުރިއަށްގެންދާ އެ މުޒާހަރާ ހުއްޓާލާނީ ކަރަންޓްގެ އަގު ހަމަ އަގަށް ގެނައުމުން ކަމަށް ވެސް އެ މުޒާހަރާގައި ވާހަކަ ދެއްކެވި ބޭފުޅުން ވިދާޅުވި އެވެ.އެ މުޒާހަރާގައި ޑީއާރުޕީގެ އިތުރުން ޕީއޭގެ މެމްބަރުންނާއި އަދި ގައުމީ ޕާޓީގެ ނައިބު ލީޑަރު އިމާދު ސޯލިހް ވެސް ވާހަކަ ދެއްކެވި އެވެ. އަދި ރައީސް މުހައްމަދު ނަޝީދުގެ އިސްތިއުފާއަށް ތަކުރާރުކޮށް ގޮވާލައި، ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމަށް ތަކުރާރުކޮށް ގޮވަމުންދިޔަ އެވެ.ސުނާމީ ބިނާ ކައިރީ އެއްވުމެއް ބޭއްވުމަށްފަހު އަމިނީމަގުން ހުޅަނގަށް ދިޔަ އެ މުޒާހަރާގައި ރަތް ކުލައިގެ ޓީޝާޓް ލައިގެން ތިބި އާންމުން ދެ ލޮރީގައި އަޑުގަދަކުރާ ބޭނުންކޮށްގެން ގޮވަމުން ދިޔައީ ކަރަންޓުގެ އަގު އަތްނުފޯރާ ފަށަށް ގޮސް ރައްޔިތުން ރަތަށް އަރައިފި ކަމަށާއި ކަރަންޓުގެ އަގު ކުރިން ހުރި އަގަށް ވަގުތުން ރުޖޫއަކުރުމަށެވެ. އަދި ރައީސް ނަޝީދު ސަރުކާރެއްގައި ކަރަންޓްގެ އަގު ބޮޑެއްނުވާނެ ކަމަށް ވިދާޅުވެ ކެމްޕެއިން ދުވަސްވަރު ވައުދު ވެވަޑައިގެންފައިވާ ގޮތާ ޚިލާފުވެފައިވާ ކަމަށް ވެސް ބައިވެރިން ގޮވައި، ރައީސް ނަޝީދުގެ ތަގުރީރެއް ފޮނުވަމުންދިޔަ އެވެ.ލޮނުޒިޔާރަތްކޮޅު ސުނާމީ ބިނާކައިރިން އެމުޒާހަރާ ނައްޓާލީ ސަރުކާރަށް ދޭ ރެޑް ނޯޓިސް އެއް ކަމަށް ބުނެ ތައްޔާރުކޮށްފައިވާ ކަރުދާސްތަކެއް މުލިއާގެ ފާރުގައި ހިއްޕާނެ ކަމަށް ބުނެ އެވެ. ނަމަވެސް ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން ކުޑަކުދިންގެ ބަގީޗާއާ ސްޓެލްކޯ ކައިރިން ހިފަހައްޓާފަ އެވެ. އަދި އެ ހިސާބުގައި މަޑުކޮށްގެން ތިބެ އެ މީހުން ގޮވަމުންދިޔައީ އެ މުޒާހަރާއަކީ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ކުރަމުންގެންދާ މުޒާހަރާއެއް ކަމަށާއި އެމުޒާހަރާ ހުއްޓާނުލާނެ ކަމަށެވެ. މީގެ އިތުރުން އެ މުޒާހަރާގައި ފުލުހުން ވެސް ބައިވެރުވުމަށް ޑީއާރުޕީގެ ނައިބު ލީޑަރު އުމަރު ނަސީރު ވަނީ ގޮވާލައްވާފަ އެވެ.ސްޓެލްކޯ ކައިރީ ކުރިއަށް ގެންދިޔަ މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ތަކުރާރުކޮށް ނަސޭހަތްތެރިވެފަ އެވެ. އަދި އެ ސަރަހައްދު ދޫކޮށް ނުގޮސްފިނަމަ ގާނޫނާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ފުލުހުން ވަނީ ދީފަ އެވެ. މުޒާހަރާގެ ވަކި ހިސާބަކުން ފުލުހުންވަނީ ފެނާއި ކަރުނަ ގޭސް ބޭނުންކޮށްފައި. އަދި މުޒާހަރާ ރޫޅާލުމުގައި ބައެއް މީހުންނަށް އެކި ވަރުގެ ހާނިއްކާވެ މުޒާހަރާގައި ޑީއާރުޕީން ބޭނުންކުރި ޕިކަޕެއްގެ ބިއްލޫރުގަނޑު ވެސް ވަނީ ތަޅާލާފަ އެވެ. ފުލުހުން އަލަށް ބޭނުންކުރި ވެހިކަލަކުން ޕްރެޝަރުގައި ފެން ޖެހުމާ ގުޅިގެން، މުޒާހަރާގައި ބޭނުންކުރި އަޑުގަދަކުރާ ސިސްޓަމް ވަނީ ހަލާކުވެފަ އެވެ. އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ބައެއް މީހުން ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.އެ މުޒާހަރާގައި ބައެއް ފުލުހުންނަށާއި ޑީއާރުޕީގެ އަލީ ވަހީދާއި އަހުމަދު މަޚްލޫފަށާއި އެޕާޓީގެ ބައެއް އެކްޓިވިސްޓުންނަށް އެކިވަރުގެ އަނިޔާ ލިބުމާ ގުޅިގެން ރޭ އައިޖީއެމްއެޗަށް ވަނީ ގެންގޮސްފަ އެވެ.ޑީއާރުޕީގެ މުޒާހަރާ ކުރިއަށް ގެންދިޔައިރު ސްޓެލްކޯ ހުޅަނގު ފަރާތުގައި އެމްޑީޕީއަށް ސަޕޯޓްކުރާ ބައެއް ފަރާތްތަކުން ވެސް ވަނީ ކުރީގެ ރައީސް މައުމޫނާއި ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އާއި ޕީއޭގެ ރައީސް އަބުދުﷲ ޔާމީންގެ އިސްތިއުފާއަށް ގޮވާ އަޑުއުފުލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ