ކަރަންޓުގެ މައްސަލަ އަށް ދާއިމީ ހައްލެއް ޖުލައި މަހު ލިބޭނެ: ފެނަކަ

ބައެއް ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ އަށް އަންނަ ޖުލައި މަހުގެ ތެރޭގައި ދާއިމީ ހައްލެއް ލިބޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.
ފެނަކަ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވީ ކަރަންޓް މައްސަލަ އަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތަށް، މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި 130 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ކަރަންޓް ކެނޑުމުގެ މައްސަަލަ ހައްލުކުރަން ކުރި ހޭދައިގެ ބޮޑު ބައެއް ހަރަދުކޮށްފައި ވަނީ ރަށް ރަށަށް ޖަނަރޭޓަރުތައް ފޮނުވުމަށެވެ.
"އަޅުގަނޑުމެން މިހާރު ތައްޔާރުވެ، އިރާދަކުރެއްވިއްޔާ ޖުލައި މަސް ނިމޭ އިރު އެފަދަ ހުރިހާ ރަށެއްގައި ދާއިމީ ކަރަންޓްގެ ނިޒާމް ގާއިމްވެގެން ދާނެ،" ސައީދު ވިދާޅުވި އެވެ.
ކަރަންޓްގެ ކެނޑުމުގެ މައްސަލަތައް ދިމާވުމުގައި ބައެއް ރަށްރަށުގެ އިންޖީނުގެތަކުގެ ވެރިންނާއި މުވައްޒަފުންގެ އިހުމާލު އޮތް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. އެގޮތުން ޖަނަރޭޓަރުތައް ރަނގަޅަށް މަރާމާތުކޮށް ނުބެލެހެއްޓުމާއި ކުދި ކުދި މައްސަލަތައް ރަނގަޅު ވަގުތުގައި ހައްލު ނުކުރުމުގެ ސަބަބުން ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ތިޔަ ވިދާޅުވާ ބައެއް ރަށްރަށުގެ އިންޖީނު އެބަހުރި ހަމަސް ދުވަސް ވަންދެން ހުއްޓާނުލައި ހިންގާފައި. މިހާރު ވެސް ހިންގަނީ. އެހެންވީމާ އޭއްޗިއްސަކީ އޭގެ ޒާތުގައި އެއަށް ދޭން ޖެހޭ ފަރުވާ ނުލިބޭ ކަމަށް ވަންޏާ ހަމައެގޮތަށް ދިމާވުމަކީ [ހަލާކުވުމަކީ]އެންމެ ގާތް ގޮތް،" ސައީދު ވިދާޅުވި އެވެ.
އެންމެ ފަހުން ކަރަންޓްގެ މައްސަލަ ބޮޑުވި ގއ. ވިލިނގިލީގައި ހުރި ދެ ޖަނަރޭޓަރުގެ ތެރެއިން އެއް ޖަނަރޭޓަރު ވަނީ ހަލާކުވެފަ އެވެ. ސައީދު ވިދާޅުވީ އެއީ ވެސް ގެނައިތާ ތިން އަހަރުވެފައިވާ ޖަނަރޭޓަރެެއް ކަމަށެވެ.
އޭނާ މިހެން ވިދާޅުވި އިރު ބައެއް ރަށްރަށުގެ އިންޖީނުގެތަކުން ބުނެފައިވާ ގޮތުގައި ޖަނަރޭޓަރުގެ އަދަދު މަދުކަމުން އެއްވެސް ޖަނަރޭޓަރެއް ނިއްވާލައި މަރާމާތު ކުރަން ފުރުސަތު ނޯންނަ ކަމަށެވެ. ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދާއި އިރު އެކަން ހައްލުވާނެތޯ "މިހާރު" އިން ދެންނެވުމުން ސައީދު ވިދާޅުވީ ކުރަމުން އަންނަ މަސައްކަތަކީ ވެސް ޖަނަރޭޓަރު އިތުރު ކުރުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ