މެކްސިކޯ އަށް ފުރިހަމަ ރެކޯޑެއް، ދެކުނު އެފްރިކާ އަށް ތާރީހީ ކާމިޔާބެއް

މެކްސިކޯ ސިޓީ، މެކްސިކޯ (ޖޫން 25) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ޗެކް ރިޕަބްލިކް އަތުން 3-0 އިން މޮޅުވެ، މެކްސިކޯ އިން ފުރިހަމަ ރެކޯޑަކާ އެކު ގްރޫޕް ސްޓޭޖު ނިންމާލައިފި އެވެ. 
ގްރޫޕްގެ ފަހު މެޗާ ކުރިމަތިލިިއިރު ވެސް މެކްސިކޯ އިން ވަނީ ގްރޫޕް އޭގެ އެއް ވަަނަ ޓީމުގެ ގޮތުގައި ގަދަ 32 ޓީމުގެ ބުރުގެ ޖާގައެއް ޔަގީންކޮށްފަ އެވެ. އަދި، މި މެޗުގައި ޗެކް ރިޕަބްލިކް ބަލިކޮށް މެކްސިކޯ އިން ނޮކަައުޓް ބުރަށް ނުކުންނާނީ ގްރޫޕް ސްޓޭޖުގެ ތިން މެޗުން ވެސް މޮޅުވެ ފުރިހަމަ ރެކޯޑަކާ އެކު އެވެ. އެއީ، ތިން މެޗުން. ނުވަ ޕޮއިންޓް ހޯދައިގެންނެވެ. 
ދެ ވަނަ ޓީމުގެ ގޮތުގައި މި ގްރޫޕުން ނޮކައުޓް ބުރަށް ދިޔައީ ފުރަތަމަ މެޗުން މެކްސިކޯ އަތުން ބަލިވި ދެކުުނު އެފްރިކާ އެވެ. މިއީ، ހަތަރު ވަނަ ފަހަރަށް ވޯލްޑް ކަޕްގައި ކުޅޭ ދެކުނު އެފްރިކާ އިން މުބާރާތުގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ކުރިއަށްދިޔަ ފުރަތަމަ ފަހަރެވެ. 
ދެކުނު ކޮރެއާ އަތުން 1-0 އިން މޮޅުވެ، ދެކުނު އެފްރިކާ އިން ދެ ވަަނަ ހޯދީ ހަތަރު ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ދެކުުނު ކޮރެއާ އަށް ތިން ޕޮއިންޓް ލިބުނުއިރު، ޗެކް ރިޕަބްލިކް ކެޓީ އެއް ޕޮއިންޓާ އެކު އެވެ. 
ފުރަތަަމަ ހާފު ފަށައިގެން ޗެކް ރިޕަބްލިކުން ކުރިއަށް ޖެހިގެން ކުޅެ ހަމަލާތަކެއް ފޮނުވާލެވޭތޯ މަސައްކަތްކުރި އެވެ. އެ ގޮތުން، ޗެކް ރިޕަބްލިކްގެ އެޓޭކް ލީޑުކުރަމުންދިޔަ އެޑަމް ހްލޯޒެކް ފޮނުވާލި ބޯޅަ ދިޔައީ ގޯލާސީދާނުވެ އެވެ. އަދި، ޗެކް ރިޕަބްލިކްގެ ޑެނިސް ވިސިންސްކީ އޭރިއާ ބޭރުން ހަމަލާތަކެއް ފޮނުވާލިއިރު، ގޯލާ ދިމާލަށް އެންމެ ޝޮޓެއް ވެސް ފޮނުވާނުލެވުނެވެ. 
މެކްސިކޯ އިން ބަދަލުތަކެއް ގެނެސްގެން ކުޅުނު މި މެޗުގައި އެ ޓީމުން ފުރަތަމަ ހާފުގެ ފަހުކޮޅުގައި ލަނޑެއް ޖެހޭތޯ އެޓޭކަށް ގިނަ ބޯޅަތަކެއް ކުޅެފައިވެ އެވެ. އެ ގޮތުން، އެ ޓީމުގެ ރޮބާޓޯ އަލްވަރާޑޯ އަށް ލިބުނު ހުސް ފުރުސަތެއްގައި ޖެހި ބޯޅަ ދިޔައި ހުރަސްދަނޑިމަތިންނެވެ. އަދި، އެ ޓީމުގެ ޖޫލިއަން ކުއިނޯނޭންސް ފޮނުވާލި ޝޮޓެއް ވަނީ ބްލޮކްވެފަ އެވެ. 
މެޗުގެ ދެ ވަނަ ހާފުގެ ކުޅުން ފެށިގެން، 10 މިނިޓް ތެރޭ މެކްސިކޯ އިން ވަނީ ލީޑުނަގައިފަ އެވެ. ލުއިސް ރޯމޯ ދިން ބޯޅައެއް ހިފައިގެން މަޓެއޯ ޗާވޭޒް އޭރިއާތެރެއަށް ވަދެ، ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. އަދި، ފުރަތަަމަ ލަނޑު ޖެހިތާ ފަސް މިނިޓް ތެރޭ މެކްސިކޯ އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައި ލީޑުފުޅާކޮށްފަ އެވެ. މިއީ، ޗެކް ރިޕަބްލިކްގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާނަގައި، ކުއިނޯނޭސް ޖެހި ގޯލެކެވެ. 
މެކްސިކޯ އިން ވަނީ މެޗުގެ ފަހު، ވަގުތު ތަޖުރިބާކާރު ގޯލްކީޕަރު، ގިލެރްމޯ އޮޗޯއާ ކުޅެން އަރުވައިފަ އެވެ. މިއި، އޮޗޯއާ ކުޅޭ ހަ ވަަނަ ވޯލްޑް ކަޕް އެވެ. އޮޗޯއާ އަކީ ހަ ވަނަ ވޯލްޑް ކަޕެއްގައި ކުޅޭ ހަތަރު ވަނަ ކުޅުންތެރިޔާ އެވެ. އަނެއް ތިން ކުޅުންތެރިންނަކި، ލިއޮނަލް މެސީ، ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ލޫކަ މޮޑްރިޗް އެެވެ. 
މެކްސިކޯގެ ފަހު ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރި އަލްވާރޯ ފިޑާލްގޯ އެވެ. އޭނާ އަށް ލިބުނު ފުރުސަތުގައި ގޯލުގެ މަތީ ކަނަށް ބޯޅަ އަމާޒުކޮށްލި އެވެ. 
މި ގްރޫޕްގެ އަނެއް މެޗުގައި މޮޅުވުން މަޖުބޫރު މެޗަކަށް ނުކުމެ ދެކުނު އެފްރިކާ އިން ދިޔައީ ދެކުނު ކޮރެއާގެ ފަހަތަށް ބާރު ބޮޑުކުރަމުންނެވެ. އެ ގޮުތުން، ފުރަތަަމަ ހާފުގައި ދެކުނު އެފްރިކާ އަށް ލަނޑު ޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބި ބޭނުމެއް ނުުކުރެވުނެވެ.
ދެކުނު ކޮރެއާ އިން ވެސް ފުރަތަމަ ހާފުގައި މަދު ބޯޅަތަކެއް ނަމަވެސް ރަނގަޅަށް ކުރިއަށް ކުޅުނެވެ. އެކަަމަކު، އެ ޓީމުގެ އެޓޭކުގައި ބޯޅަ ހިފެހެއްޓޭގޮތެއްނުވި އެވެ. 
ފުރަތަަމަ ހާފުގެ ފަހުކޮޅުގައި ދެކުނު އެފްރިކާގެ ރެލޮބޯހިލް މޮފޮކެންގް ފޮނުވާލި ބޯޅައެއް ދެކުނު ކޮރެއާގެ ކީޕަރު، ކިމް ސަންގް ޔޯ އަތުގައި ޖެހިފައި ރީބައުންސް ނުކުތްތަނުން ދެކުނު އެފްރިކާގެ އެވިޑެންސް މަކްގޮޕާ ފޮނުވާލި ބޯޅަ ވެސް އަމާޒުވި ކީޕަރު ކިމް އަތަށެެވެ. 
ފުރަތަމަ ހާފުގައި ލިބުނު ފުރުސަތުތަކުގެ ބޭނުން ދެކުނު އެފްރިކާ އަށް ނުހިފުނު ނަމަވެސް ދެ ވަނަ ހާފުގައި އެ ޓީމުން ވަނީ ލަނޑު ޖަހައި ލީޑުނަގައިފަ އެވެ. މެޗުގެ 63 ވަނަ މިނިޓްގައި ދެކުނު ކޮރެއާ އޭރިއާތެރެއިން ލިބުނު ފުރުސަތުގައި ދެކުނު އެފްރިކާގެ ތަޕޭލޯ މަސޭކޯ ވަނީ ގޯލުގެ ކައިރި ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. 
ދެކުނު ކޮރެއާ އިން ބަދަލުތަކެއް ގެނެސްގެން އެޓޭކަށް ގޮސް ލަނޑެއް ޖެހޭތޯ މަސައްކަތް ފެށި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ