އިންޑޮނީޝިއާއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރަކަށް ޑރ. ޝަބީނާ

ރާއްޖެއިން އިންޑޮނޭޝިއާއަށް ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރަކަށް ޑރ. މަރިޔަމް ޝަބީނާ އައްޔަންކުރަން ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފިއެވެ.
ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނުގެ 14 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ދިވެހިރާއްޖެއިން އިންޑޮނޭޝިއާއަށް ކަނޑައަޅުއްވާ ނޮންރެސިޑެންޓް ސަފީރަކަށް، ޑރ. މަރިޔަމް ޝަބީނާ ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހެޅުއްވީ މޭ މަހުގެ 13 ވަނަ ދުވަހުއެވެ.
އެ މައްސަލަ މަޖިލީހުގެ ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީން ދިރާސާ ކުރެއްވުމަށްފަހު ޑރ. ޝަބީނާއަކީ އެ މަގާމަށް ގާބިލް މީހެއް ކަމަށް ފެންނާތީ ކޮމިޓީގެ އައުލަބިއްޔަތުން އޭނާއަށް ރުހުން ދިނީ ޖޫން 22 ގައެވެ.
ޑރ. ޝަބީނާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ހަމަޖެއްސެވީ އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި 49 މެންބަރުންގެ ވޯޓާއެކުއެވެ. ޑރ. ޝަބީނާ އަކީ މެލޭޝިއާއަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ.
ބޭރު ގައުމުތަކަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރުންނާއި ނޮން ރެޒިޑެންޓް ސަފީރުން އައްޔަން ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ