ސީލައިފްގެ އެމްޑީ ހޯދަން އިންޓަޕޯލުން ރެޑް ނޯޓިސް ނެރެފި

ސީލައިފް ގްލޯބަލް އިން ފްލެޓުތަކަށް ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު އެ ފައިސާ އަނބުރާ ދީފައިނުވާ މައްސަލައާ ގުޅިގެން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު ހޯދަން އިންޓަޕޯލުން ރެޑް ނޯޓިސް ނެރެފިއެވެ.
އަހުމަދު މޫސާ އަހުމަދު ހޯދަން އިންޓަޕޯލްގެ ރެޑް ނޯޓިސް ނެރެދޭން ފުލުހުން އެދިފައިވާނެ ކަމަށް މީގެކުރިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ. އިންޓަޕޯލްގެ ވެބްސައިޓުގައި މިހާރު ވަނީ އޭނާގެ މައުލޫމާތު ހިމަނާފައެވެ.
ސީލައިފްގެ ފަރާތުން 180 އަށް ވުރެ ގިނަ މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގާފައިވާ އިރު އަދި މިހާތަނަށް އެކުންފުނިން އިމާރާތް ކުރާ އެއްވެސް ފްލެޓެއްގެ އަމަލީ މަސައްކަތެއް ނުކުރެއެވެ. ހައުސިންގ ޑިވެލޮޕްމެންޓް ކޯރަޕޭޝަން (އެޗްޑީސީ) ބުނާ ގޮތުން ފްލެޓަށް ޑައުންޕޭމެންޓް ނަގެން ޖެހޭނީ ތަރައްގީ ކުރާ ފްލެޓްގެ ހަތް ޝީޓް އެޅުމަށްފަހުއެވެ.
ސީލައިފް ގްލޯބަލް އަށް ހުޅުމާލޭގައި ގިނަ އަދަދެއްގެ ފްލެޓްތަކެއް އެޅުމަށް 2014 ވަނަ އަހަރުގެ މަރޗު މަހުގެ 13 ވަނަ ދުވަހު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަވާލު ކޮށްފައިވެއެވެ. އެޗްޑީސީން އެ ކުންފުންޏާ ހަވާލުކުރީ ކޮންޓްރެކްޓަރ ފައިނޭންސުގެ އުސޫލުން 3000 ހައުސިން ޔުނިޓް އެޅުމަށެވެ.
އެ ކުންފުންޏަށް ފައިސާ ދެއްކި 200 އަށް ވުރެ ގިނަ މީހުން މިހާރު އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވާއިރު އެ ކުންފުނީގެ އެމްޑީ ހައްޔަރުކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރެއް ވެސް ނެރެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ