އުމަރު ނަސީރު ބައިވެރިވެވަޑައިގަންނަވާ އާދަމް ޝަރީފްގެ ބޮޑު ޖަލްސާ ބުރާސްފަތި ދުވަހުގެ ރޭ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޕީ.އެން.ސީގެ ޓިކެޓުގައި މަޑުއްވަރީ ދާއިރާއަށް ވާދަކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފްގެ ކެމްޕެއިން ހާއްސަ ޖަލްސާއެއް ބުރާސްފަތި ދުވަހުގެ ރޭ މީދޫގައި ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
 
އާދަމް ޝަރީފްގެ ކެމްޕެއިން ޓީމުން މަޢުލޫމާތު ދިން ގޮތުގައި މި ޖަލްސާގެ އެންމެ ހާއްސަކަމަކީ ކުރީގެ ހޯމް މިނިސްޓަރު އަދި ވަރުގަދަ ސިޔާސީ ޝަހުސިއްޔަތެއްކަމަށްވާ ޢުމަރު ނަސީރު މި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ ކަމެވެ. މީދޫގައި މި ޖަލްސާ ބޭއްވި ނަމަވެސް މަޑުއްވަރީއިންވެސް އާދަމް ޝަރީފަށް ތާއިދުކުރައްވާ މީހުން މި ޖަލްސާގައި ބައިވެރިވުމަށް މީދޫއަށް އަންނާނެކަމަށް މަޢުލޫމާތުލިބެއެވެ.
 
އާދަމް ޝަރީފްގެ ކެމްޕެއިން ވަރަށް ފޯރީގައި ކުރިއަށް ގެންދާއިރު މިހާތަނަށްވެސް ގިނަ ކަންމަތީ ޖަލްސާތަކެއްވެސް ބާއްވާފައިވާކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ކެމްޕެއިންކުރުމުގެ ގޮތުގެ ތަފާތު އެކި ހަރަކާތްތައްވެސް އާދަމް ޝަރީފްގެ ޓީމުންވަނީ ކުރިއަށް ގެންގޮސްފައެވެ.
 
މަޖިލިސް އިންތިހާބުގެ ވޯޓުލުން އޮންނާނީ އޭޕްރިލް މަހުގެ 6 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ