މަސްތުވާތަކެތީގެ މައްސަލައެއްގައި ބައްޕަގެ ހެކިބަހާ އެކު މީހެއްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.
ށ. އަތޮޅުގެ ރަށެއްގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލާފާސްކޮށް އެ ގެއިން މީހަކު ހައްޔަރުކޮށް އޭނާގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އުފުލި އެވެ.
އެ މައްސަލައިގައި ރަށު މެޖިސްޓްރޭޓް ކޯޓުން އިއްވި ހުކުމްގައި ކަނޑައެޅީ އޭނާގެ މައްޗަށް ކުށުގެ އުންސުރުތައް ސާބިތުވާ ކަމަށެވެ. އެހެންވެ، އުމުރު ދުވަހުގެ ޖަލު ހުކުމެއް (25 އަހަރު) އެ މީހާގެ މައްޗަށް އިއްވި އެވެ.
އޭނާ ދިރިއުޅޭ ކޮޓަރިން ފެނިފައިވަނީ ނުވަ ގްރާމްގެ ޑައިމޯފިން (ހަކުރު) އެވެ.
މި މައްސަލާގައި އެ ގެ ފުލުހުން ބަލާފާސްކުރަން ގެއަށް ވަދެފައިވަނީ ތުހުމަތުވާ މީހާގެ ބައްޕަގެ އެހީތެރިކަމާ އެކު އެވެ. ބައްޕަ ވަނީ ދައުލަތުގެ ހެއްކެއްގެ ގޮތުން ކޯޓުގައި ހެކިބަސް ވެސް ދީފަ އެވެ. އެ ބަލާފާސްކުރަން ފެށިއިރު އެ ތަނުގައި އޭނާ މަޑުކޮށްގެން ހުރި ނަމަވެސް، ފަހުން ނުހުރެވޭނެ ކަމަށް ބުނެ އެ ތަނުން އޭނާ ދިޔަ ކަމަށް ހެކިބަސް ދެމުން ބުނެފައިވެ އެވެ.
އޭނާ ހެކިބަސް ދެމުން ބުނެފައިވާ ގޮތުގައި މަސްތުވާތަކެތި ފެނުނު ގެ އާއި އެ ކޮޓަރިއަކީ ދަރިފުޅު ދިރިއުޅޭ ތަނެވެ.
ތުހުމަތުވާ މީހާގެ ބައްޕަގެ އިތުރުން ދައުލަތުގެ ހެކިންގެ ގޮތުގައި އޭނާގެ އަންހެން ކޮއްކޮ އާއި ޅިއަނާއި ފަހަރިއެއް ވެސް ހެކިބަސް ދީފައިވެ އެވެ.
އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވި މީހާ ވަނީ އޭނާއަކީ ޑައިމޯފިން ބޭނުންކުރާ މީހެއް ކަމަށް ކޯޓުގައި އިއުތިރާފު ވެސްވެފަ އެވެ.
ޑައިމޯފިން ޓްރެފިކް ކުރުމުގެ އިތުރުން އެ ބޭނުން ކުރުމާއި އޭގެ މުއާމަލާތް ކުރުމުގެ ދައުވާތައް ވެސް އޭނާގެ މައްޗަށް އުފުލާފައިވެ އެވެ. އެ މައްސަލަތައް ވެސް އުލިގަމު ކޯޓުގައި ކުރިއަށްދެ އެވެ.
ބައްޕަގެ ހެކި ބަހާ އެކު ދަރިއަކު އުމުރަށް ޖަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ