ނުއޭވޯ ލެއޯން، މެކްސިކޯ (ޖޫން 25) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާާރާތުގެ ދެ ވަނަ ބުރަށް ފުރަތަމަ ފަހަރަށް ދަތުރުކޮށް ދެކުނު އެފްރިކާ އަށް ފާޑުކިޔަމުން އައި "ބޮޑު އަނގަތަކެއް ބަންދުކުރެވިއްޖެ" ކަމަށް އެ ޓީމުގެ ކޯޗު ބެލްޖިއަމްގެ ހޫގޯ ބްރޫސް ބުނެފި އެވެ.
އުމުރުން 74 އަހަރުގެ ބްރޫސް، ދެކުނު އެފްރިކާގެ ކޯޗުކަމާ ހަވާލުވީ 2021 ވަނަ އަހަރު އެވެ. މި ފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ފަހު، ތާރީހީ ކުރިއެރުމަކަށް އަމާޒުހުރި ކަމަށް ބުނި ބްރޫސް މި ވަނީ އެ ޓީމާ އެކު އެ ގައުމުގެ ފުޓްބޯޅައިގައި "އާދަޔާހިލާފު" ކަމެއް ހާސިލްކޮށްފަ އެވެ.
ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި، ރޭ ދެކުނު ކޮރެއާ އަތުން 1-0 އިން މޮޅުވެ، ދެކުނު އެފްރިކާ އިން ވަނީ އެ ގައުމުގެ ފުޓްބޯޅަ ތާރީހުގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕެއްގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ގޮސްފަ އެވެ. މިއީ، ވަރަށް ގިނަ ބަޔަކު ހީކޮށްގެން ހުރި ގޮތާ ހިލާފުކޮށް ދިޔަ ކަމެކެވެ. އެއީ، ގްރޫޕްގެ ފުރަތަަމަ މެޗުން މެކްސިކޯ އަތުން 2-0 އިން ދެކުނު އެފްރިކާ ބަލިވިއިރު، އެ މެޗުގައި ދެކުނު އެފްރިކާ އަށް ދެ ރަތް ކާޑު ދެ ވަނަ މެޗުގައި ޗެކް ރިޕަބްލިކާ އެއްވަރުވީ ޕެނަލްޓީއެއް ކާމިޔާބުކޮށް 1-1 އިންނެވެ.
ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗަކުން މޮޅުވެ، މެކްސިކޯ އިން ފުރިހަމަ ރެކޯޑަކާ އެކު ގްރޫޕް އޭގެ އެއްވަނަ ހޯދައިފި. މި ގްރޫޕުގެ ދެ ވަނަ ޓީމުގެ ގޮތުގައި ދެކުނު އެފްރިކާ ނޮކައުޓް ބުރަށް ދަތުރުކުރިއިރު، މިއީ އެ ގައުމުން ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިޔަ ފުރަތަމަ ފަހަރު.
ރޭގެ މެޗަށް ނުކުތްއިރު، ދެކުނު އެފްރިކާ އަތުން ޕޮއިންޓެއް ހޯދައިގެން ދެކުނު ކޮރެއާ އަށް އަނެއް ބުރަށް ދެވެން އޮތް ނަމަވެސް ދެކުނު އެފްރިކާ ވަނީ ތާވަލުގެ ފުލުގައި، އޮވެފައި، ފަހު މެޗުން ހޯދި މޮޅާ އެކު ދެ ވަނަ ޓީމުގެ ގޮތުގައި ގަދަ 32 ޓީމުގެ ބުރުން ޖާގަ ހޯދައިފަ އެވެ.
"އަހަރެން މި ހުރީ މި ޓީމާ މެދު ވަރަށް ފަހުރުވެރިވެފައި. އަހަންނަށް ހީވާ ގޮތުގައި، ވަރަށް ބޮޑު އަނގަތަކަކަށް ޖަވާބުދެވިއްޖެ. އަދި، އެ އަނގަތައް ބަންދުކުރެވިއްޖެ. މިދިޔަ ހަފްތާތަކުގައި އެ މީހުން ބުނަމުން އައީ އަހަރެމެން ކަންކަން ބަދަލުކުރަންޖެހޭ ކަމަށް، ތެދެއް. ބަދަލުކުރަންޖެހޭ، އެ ކުރި ކަމަކީ، މި ނަތީޖާ ހޯދަން އަހަރެމެން ފުރަތަމަ ދުވަހުން ފެށިގެން ވެސް މަސައްކަތްކުރީ،" ބްރޫސް ބުންޏެވެ.
ބްރޫސް ބުނީ، ތަކުރާރުކޮށް އޭނާ އާއި ޓީމުގެ ކުުޅުންތެރިންނަށް އައި ފާޑުކިޔުންތަކަށް ރައްދުދޭން ބޭނުންނުވީ ދަނޑުމަތިން ހާސިލްކުރެވޭނެ ކަންކަަމަށް މުހިންމު ވަގުތުތަކުގައި ފޯކަސް ކުރުމަށް ކަމަށެވެ.
ފްރާންސްގައި 1998 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕާއި، 2002 ވަނަ އަހަރު ދެކުނު ކޮރެއާ އާއި ޖަޕާންގައި ބޭއްވި ވޯލްޑް ކަޕާއި މީގެ 16 އަހަރު ކުރިން ދެކުނު އެފްރިކާ އިން އަމިއްލަ ގައުމުގައި ހޯސްޓްކުރި ވޯލްޑް ކަޕުން ކެޓީ ގްރޫޕް ސްޓޭޖުންނެވެ.
މި ފަަހަރު ތާރީހީ ކުރިއެރުމަކާ އެކު ދެކުނު އެފްރިކާ އިން ގްރޫޕް ސްޓޭޖު ފަހަނައަޅައި ގޮސްފައިވާއިރު، ގަދަ 32 ޓީމުގެ ބުރުގައި ކުޅޭނީ ކެނަޑާއާ އެކުގަ އެވެ. އެ މެޗު އޮތީ އާދިއްތަ ދުވަހު އެވެ.
ދެކުނު އެފްރިކާގެ ކޯޗު ބްރޫސް ބުނީ ދެ ވަނަ ބުރުގެ ޖާގަ ހޯދައި "ބޮޑު އަނގަތަކެއް ބަންދުކުރެވިއްޖެ" ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ