މޫސުން ވަރަށް ގޯސް، ކަނޑު ދަތުރު ކުރައްވާ ފަރާތްތައް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސް ކޮށްފި އެވެ.
މެޓް އޮފީހުން ބުނީ، ރާއްޖޭގެ މޫސުން މިހާރު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށާއި އެގޮތުން މިރޭ 8:00 އިން ފެށިގެން މާދަމާ ހެނދުނު 8:00 އާހަމައަށް ރާއްޖޭގެ ބޮޑުބަޔަަކަށް ވިއްސާރަކުރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއި އެކު ބޯކޮށްވާރޭ ވެހުން އެކަށީގެންވަ ކަމަށެވެ. އަދި ހުޅަނގާއި ހުޅަނގުއުތުރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ވެސް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
މެޓް އޮފީހުން ބުނީ، ވިލާގަނޑުގައި 45 މޭލަށް ވައި ގަަދަވުން އެކަށީގެންވާ ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުތައް ދެކުނުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގައި އާންމުކޮށް ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
މި ދުވަސްވަރު ރާއްޖޭގެ ބޮޑުބަޔަކަށް ދަނީ ގުގުރުމާއެކު ބޯކޮށް ވާރޭވެހެމުންނެވެ. އަދި ބައެއް ރަށްރަށުގައި ފެންބޮޑުވެ އާންމު ދިރިއުޅުމަށް ވަނީ ބުރޫއަރާފައެވެ. މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މިއަދު ޅ އަތޮޅުގެ ކުރެންދޫގައި ފެންބޮޑުވުމުގެ ސަބަބުން އެރަށުން ފެން ހިންދުމުގެ މަސައްކަތް ކުރަމުން ދާއިރު އިއްޔެ އުތުރުގެ އަތޮޅުތަކަށް ކުރި ވިއްސާރައިގައި ހދ. ކުޅުދުއްފުއްޓާއި ނޮޅިވަރަމްގެ އިތުރުން އދ. ދިގުރަށު ގައި ވަނީ ފެންބޮޑުވެ، ގެއްލުންތައް ވެފައެވެ. އެގޮތުން ކުޅުދުއްފުށީގައި ފެންބޮޑުވެ ސާޅީހަކަށް ގެއަށް ފެންވަދެ، ބޮޑެތި ގެއްލުންތަކެއްވަނީ ލިބި ފައެވެ. އަދި 4 އާއިލާ އެއް ވަގުތީ ހިޔާތަކަށް ވަނީ ބަދަލު ކޮށްފައެވެ.
މިދިޔަ މޭމަހުގައި މެދު ރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުތަކަށް ކުރި ވިއްސާރައިގައި ތ. އަތޮޅުގެ 6 ރަށެއްގައި ފެންބޮޑުވެ ގޭގޭއަށް ފެންވަނުމުގެ ސަބަބުން ހިފޭގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އަދި ދެކުނުގެ 14 ރަށެއްގައި ފެންބޮޑުވެ ގެއްލުންތަކެއްވެސް ވަނީ ލިބިފައެވެ. މީގެތެރެއިން ވިލިނގިލީގެ 50 އަށް ވުރެ ގިނަ ގެއަށް ފެންވަދެ ބޮޑެތި ގެއްލުންތަށް ލިބިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ