އެއް ކޭމްޕުން އަނެއް ކޭމްޕަށް ރައްދު ދޭނެ: އުމަރު

ކުރިއަށް އޮތް ޕީޕީއެމްގެ ޕްރައިމަރީ ރޭހުގައި ކެނޑިޑޭޓުންގެ ހުރި ތަފާތު ބުނެދިނުމަށް ޓަކައި އެއް ކޭމްޕުން އަނެއް ކޭމްޕަށް ރައްދުދީ ބަހުސް ވެސް ކުރާނެ ކަމަށާއި ނަމަވެސް އެކަމުގެ ސަބަބުން ޕާޓީގައި އެއްވެސް ރެނދެއް ނާޅާނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ޔާމިނާ ވާދަކުރައްވާ އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އުމަރު ނަސީރާއި އަބްދުﷲ ޔާމީން އަށް ތާއީދުކުރާ މެމްބަރުން ވަނީ ދެ ޓީމަކަށް ބެހިފަ އެވެ. އޭގެތެރެއިން އުމަރުގެ ޓީމަކީ "ޓީމް އުމަރު" އެވެ. ޔާމީންގެ ޓީމަކީ "ޔަގީން" އެވެ. އެ ދެ ޓީމުގެ މެދުގައި މިހާރު ވެސް އަންނަނީ ބަހުގެ ހަމަލާތައް ބަދަލު ކުރެވެމުންނެވެ.
ކޮންގްރެސް އަށް ފަހު ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ފުރަތަމަ އާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ޕްރައިމަރީ ތެރޭގައި ދެ ކޭމްޕްގެ މެދުގައި ކުރެވޭ ވާދަވެރިކަމުގެ ބަހުސް ވެގެންދާނީ ހަމަ އެކަނި މައުލޫގައި ހިމެނޭ އޮއްޓަރަށް ކުރެވޭނެ ބަހުސަކަށް ކަމަށާއި އެ ބަހުސްތަކުގައި މީހާގެ ޒާތީ ކަންކަމާ ނުބެހޭނެ ކަމަށެވެ. އަދި ވިދާޅުވީ އެފަދަ ހަމަލާތަކުގެ ސަބަބުން ޕީޕީއެމްގެ ތެރޭގައި އެއްވެސް ރެނދެއް ނާޅައި ޕާޓީ އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ. ޕާޓީގެ މެމްބަރުން ވެސް އެކަމާއި މާސްޔޫސް ނުވެ ސާބިތުކަމާ އެކު ދެމި ތިބުމަށް އޭނާ ގޮވާލެއްވި އެވެ.
"ކުރިއަށް އޮތް ޕްރައިމަރީ ރޭހުގައި ވާދަވެރިކަން ހިނގާނެ. އެ ވާދަވެރިކަމުގެ ތެރޭގައި އަޅުގަނޑުމެން ބަހުސް ވެސް ކުރާނެ. އެއް ކޭމްޕުން އަނެއް ކޭމްޕަށް ރައްދުވެސް ދޭނެ. އެކަމަކު އެ ރައްދު ވާނީ މައުލޫއަށް ދެވޭ ރައްދަށް. އޭގައި ހުރި އޮއްޓަރަށް ދެވޭ ރައްދަށް. ޒާތަކަށް ރައްދެއް ނުދޭނެ. މި ހުރިހާ ވާދަވެރިކަމެއް ހިނގާނެ. އެއީ ތިޔަ ބޭފުޅުންނަށް ޔަގީން ކޮށްދޭންވެގެން ކެންޑިޑޭޓުންގެ ހުރި ތަފާތު. އެކަމުގެ ސަބަބުން ލޮބުވެތި މެމްބަރުން މާޔޫސް ނުވާތި. އިދިކޮޅު ފަރާތްތައް އުފާވެސް ނުކުރައްވާތި،" އުމަރު ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި އުމަރު ވަނީ ޑީއާރުޕީ ތެރޭގައި މައްސަލަޖެހި ޕީޕީއެމް އެފެދެން ދިމާވި ހާދިސާ އިން މެމްބަރުން އިބުރަތް ހާސިލްކޮށް އެ ފަދަކަމެއް ތަކުރާރުވިޔަ ނުދިނުމަށް ނަސޭހަތްތެރި ވެފަ އެވެ.
އޭނާ ވިދާޅުވީ ޑީއާރުޕީއާ އެންމެ ފުރަތަމަ ގުޅުނު އިރު އެ ޕާޓީއަކީ ވަރަށް ވަރުގަދަ ޕާޓީއެއް ކަމަށާއި ނަމަވެސް އެ ޕާޓީ ހަލާކުވެގެން ދިޔައީ އިސް މަގާމުތަކުގައި އަމާނާތްތެރިކަމެއް ތެދުވެރިކަމެއް ނެތް ކޮރަޕްޓް ބަޔަކު ތިބުމުގެ ސަބަބުން ކަމަށެވެ. އެގޮތުން ވިދާޅުވީ ޑީއާރުޕީ ދަތުރުކުރީ ފައިސާ އާއި ރިޝަވަތުގެ ފަހަތުން ކަމަށެވެ. ޑީލް ހެދުމުގެ ފަހަތުން ކަމަށެވެ.
އުމަރު ވިދާޅުވީ ފައިސާ ބޭނުންކޮށްގެން ހުރިހާ ކަމެއް ކުރެވިދާނެ ކަމަށް ބައެއް ސިޔާސީ ބޭފުޅުން ހީކުރި ނަމަވެސް އެކަން އޮތީ އެހެން ނޫންކަން ޑީއާރުޕީ ތެރޭގައި ތިބެ އެ ޕާޓީގެ އެތެރެއަށް ގެނައި އިންގިލާބުން ހާމަ ކޮށްދީފައިވާނެ ކަމަށެވެ.
ރޭގެ ޖަލްސާގައި ޕީޕީއެމްގެ މަގާމްތަކަށް އަލަށް އިންތިޚާބު ކުރި ވަަރަށް ގިނަ ބޭފުޅުން ބައިވެރިވި އެވެ. އަދި ގިނަ އަދަދެއްގެ އާއްމު މެމްބަރުންނާއި ޕާޓީއަށް ތާއީދުކުރާ މީހުން ވެސް ބައިވެރިވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ