ނޫމަޑިއަށް ބަދަލުގެ ގޮތުގައި 55 މިލިޔަން ޑޮލަރު ދީ ޚަލާސްކޮށްފި

ހައުސިން ޔުނިޓްތަކެއް އަޅަން ނޫމަޑިއާ އެކު ސަރުކާރުން ވީ އެއްބަސްވުން އުވާލުމުން އެ ކުންފުނިން އާބިޓްރޭޝަނަށް ހުށަހެޅި މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރަން ސަރުކާރުން ވީ އެއްބަސްވުމާ އެއްގޮތަށް 55 މިލިޔަން ޑޮލަރު (849 މިލިޔަން ރުފިޔާ) ދީ ޚަލާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ނޫމަޑިއަށް ބަދަލުގެ ގޮތުގައި ދޭން ޖެހޭ ފައިސާގެ ތެރެއިން ފުރަތަމަ ޕޭމަންޓް ކަމަށްވާ 27.5 މިލިޔަން ޑޮލަރު ދިނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ކަމަށެވެ. ދެވަނަ ޕޭމަންޓް ދައްކަން އޮތީ މި މަހުގެ 29 ގެ ކުރިން ކަމަށާއި އެހެންވެ، އެ ފައިސާ ވެސް މިހާރު ދީފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ.
"ނޫމަޑިއަށް ދައްކަން ޖެހޭ، އެއްބަސްވެވުނު 55 މިލިޔަން ޑޮލަރުގެ ފުރަތަމަ ޕޭމަންޓް ކަމަށްވާ 27.5 މިލިޔަން ޑޮލަރު ވަނީ 5 ސެޕްޓެމްބަރު 2019 ގައި ނޫމަޑިއަށް ދައްކާފައި. ސެޓުލްމެންޓްް އެގްރިމެންޓްގެ ދަށުން އެ ޕޭމަންޓް ދައްކަން ޖެހޭ އެންމެ ފަހު ތާރީހަކީ 8 ސެޕްޓެމްބަރު 2019. ބާކީ 27.5 މިލިޔަން ޑޮލަރު 29 ފެބްރުއަރީ 2020 ގެ ކުރިން ދައްކަން ޖެހޭ، އެ އަދަދު މިހާރު އަޅުގަނޑުމެން ވަނީ ސަރުކާރުގެ ފަރާތުން ދައްްކާފައި،" އޭނާ ވިދާޅުވި އެވެ.
Noomadi massala: Muizzu ge thahugeegeh kuran fuluhah fonuvaifi
Mihaaru
އެއްބަސްވުން އުވާލި މައްސަލައިގައި ނޫމަޑިން، ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހެޅީ 155 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) އާއި އާބިޓްރޭޝަނާ ގުޅޭ އެހެން ޚަރަދުތައް ވެސް ހޯދާށެވެ. ކޯޓުގައި މި މައްސަލަ ހިނގަމުން ދަނިކޮށް އެ ކުންފުންޏާ ވާހަކަ ދައްކައިގެން 55 މިލިޔަން ޑޮލަރު ދީގެން މައްސަލަ ނިންމަން އެއްބަސްވީ، ރައީސް އޮފީހުގައި އޮންނަ ސެޓްލްމެންޓް ކޮމިޓީންނެވެ.
ނޫމަޑީގެ މައްސަލަ ކޯޓުން ބޭރުން މިގޮތަށް ނިންމަން އެއްބަސްނުވި ނަމަ އެ ކުންފުންޏަށް 200 މިލިޔަން ޑޮލަރަށް ވުރެ ބޮޑު ބަދަލެއް ދޭން ޖެހުނީސް ކަމަށް އަމީރު ވަނީ ކުރިން ވިދާޅުވެފަ އެވެ.
ޖާބިރު މިއަދު ކުރެއްވި އެއް ސުވާލަކީ "އާބިޓްރޭޝަނުން ނިންމާނީ ބަދަލުދޭން ޖެހޭ ގޮތަށް ކަން އަމީރަށް އެނގިވަޑައިގެންނެވީ ކިހިނެއްތޯ؟" އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ އާބިޓްރޭޝަންގައި ދިވެހި ސަރުކާރުގެ ދިފާއުތައް ބަލިކަށިކަން ފާހަގަކުރެއްވުނު ކަމަށެވެ. އަދި އެ މައްސަލައިގައި ކުރީގެ ސަރުކާރުން ގިނަ އިހުމާލުތަކެއް ވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެ މައްސަލައިގައި ސަރުކާރުން އައްޔަންކުރި ސިންގަޕޫރުގެ ލޯ ފާމްގެ ލަފާ ވެސް ދެ ފަހަރެއްގެ މަތިން ލިބުނު ކަމަށާއި ބަދަލާ ގުޅޭ ގޮތުން އެސެސްމެންޓްތައް ހަދާފައިވާ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ ހުރިހާ ކަމަކަށް ބެލުމަށް ފަހު ސެޓުލްމެންޓް ކޮމިޓީއަށް ބުރަވެވުނީ މި މައްސަލަތައް ދައުލަތަށް ގެއްލުމުގެ ފުރުސަތު [ދައުލަތާ ދެކޮޅަށް ނިމުމުގެ ފުރުސަތު] ވަރަށް ބޮޑުކަން،" އަމީރު ވިދާޅުވި އެވެ.
މައްސަލަ އެގޮތަށް ނިމިއްޖެ ނަމަ، ބަދަލުގެ ގޮތުގައި ހޯދަން ނޫމަޑިން ދައުވާކޮށްފައިވާ 155 މިލިޔަން ޑޮލަރާއި އާބިޓްރޭޝަންގެ އިތުރު ހަރަދު ވެސް ދައުލަތުން ދައްކަން ޖެހުމުގެ ފުރުސަތު ވަރަށް ބޮޑު ކަން އެނގިވަޑައިގެންނެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނޫމަޑިއަށް ބަދަލު ދޭން ޖެހުނު މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ ބޮޑު އިހުމާލެއް އޮތް ކަމަށް، ސަރުކާރުން ގަބޫލުކުރެ އެވެ. ނޫމަޑީގެ އެގްރިމެންޓްތައް ބާތިލްކުރީ އޭނާ މަސައްކަތް ކުރެއްވި ދެ ސަރުކާރުގައި ކަމަށް ވިޔަސް، އާބިޓްރޭޝަންގައި އޭނާ ނޫމަޑިއާ އެއްކޮޅަށް ބަޔާން ދެއްވި އެވެ.
މުއިއްޒުގެ އެ މައްސަލަތައް ތަހުގީގުކުރަން ފުލުހަށް މިހާރު ވަނީ ހުށައަޅައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ