ރ. އިންނަމާދޫގައި ނަރުދަމާގެ މަސައްކަތް ކުރަން އުޅުނު ބިދޭސީ މީހެއްގެ ގައިގައި ތަޅައި މާރާމާރީ ހިންގުމުން ހައްޔަރުކުރި ދެ މީހުން އެރަށު ކޯޓުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކުރުމަށް ނިންމައިފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ. އަދި އެކަށީގެންވާ ހެކިތައް ހުށަހަޅާފައިވަނިކޮށް، ކޯޓުން އެ ދެ މީހުން ދޫކޮށްލި މައްސަލައާ ބެލުމަށް ޖޭއެސްސީ އަށް ވެސް ޕީޖީ ވަނީ ގޮވާލާފައެވެ.
ފުލުހުން ބުނީ، އިއްޔެ ފުލުހުންނަށް ހުށަހެޅުނު އެ މައްސަލައިގައި އަނިޔާކޮށްފައިވަނީ އިންނަމާދޫ ނަރުދަމާގެ މަަސައްކަތް ކުރަން އުޅުނު ބަންދުލަދޭޝްގެ އުމުރުން 28 އަހަރުގެ ބިދޭސީއަކަށް ކަމަށެވެ.
އެގޮތުން މާރާމާރީގައި އެ ބިދޭސީ މީހާގެ ނޭފަތް މަތިން ފަޅައިގެން ގޮސް ދުޅަވެފައިވުމާއި ވާތު ލޯކައިރިން ފަޅައިގެން ގޮސްފައިވުމާއެކު މުޅި މޫނުމަތި އެއްކޮށް ދުޅަވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ 48 އަހަރުގެ ދިވެހި ފިރިހެނަކާއި 38 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ.
ފުލުހުން ބުނީ، މިހާތަނަށް ބެލިބެލުމުން އެ މާރާމާރީ ހިންގާފައިވަނީ 48 އަހަރުގެ މީހާ ދިރިއުޅޭ ގޭގައި ހުރި ގަސްތަކަށް އޭނާ ފެން ދޭން ހުއްޓައި، ނަރުދަމާގެ މަސައްކަތް ކުރަން އުޅުނު މީހުން ގެންގުޅުނު މެޝިންތަކަށް ފެން ބުރާތީވެ، “ބެބެ ފެންޖަހާއިރު މި ތަކެއްޗަށް ފެން އަންނަނީއޭ” އެތަނުން ބިދޭސީ މީހަކު އެމީހާޔާ ދިމާލަށް ބުނުމުން ހިތްހަމަ ނުޖެހިގެން ކަމަށް އެނގިފައިވާ ކަމަށެވެ.
ނަމަވެސް އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް އިއްޔެ އިންނަމާދޫ ކޯޓަށް ގެންދިއުމުން އެ ދެމީހުން ކޯޓުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، އެ ދެމީހުން ކޯޓުން ދޫކޮށްލީ އަނިޔާ ލިބުނު މީހާއަށް ލިބިފައިވާ އަނިޔާގެ ފޮޓޯ ރިޕޯޓާއި ޑޮކްޓަރުގެ ލިޔުމާއި މަންޒަރު ދުށްފަރާތުގެ ބަޔާން ވެސް ކޯޓަށް ހުށަހަޅާފައިވަނިކޮށް ކަމަށެވެ.
ބިދޭސީއަކަށް ބޮޑެތި އަނިޔާތަކެއް ދިން ދެ މީހުން ކޯޓުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ