ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެ އިން ބޭރުގައި އުޅުއްވުމަށް ފަހު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ގިނަވުޒާރާތަކެއްގެ ވަޒީރުކަން ކުރައްވާފައިވާ ނިޝާން އިއްޒުއްދީންގެ އިއްޒަތްތެރި ވެރިޔާ (ނ ޢ ޢ ވ) އަބްދުﷲ ހަމީދު މާލެވަޑައިގެންފި އެވެ.
އަބްދުﷲ ހަމީދުގެ އެންމެ ދޮށީ ދަރިކަލުން ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަމްދޫން އަބްދުﷲ ހަމީދު ސަން އަށް މިއަދު ވިދާޅުވީ ބައްޕާފުޅު މާލެ ވަޑައިގަތީ ރޭގެ ވަގުތެއްގައި ކަމަށެވެ.
އޭނާ ވިދާޅުވީ ބައްޕާފުޅު 2008 ވަނަ އަހަރުގެ ފަހުކޮޅު ރާއްޖެ އިން ބޭރަށް ވަޑައިގަތީ ކޮއްކޯފުޅެއްގެ ދަރިކަލަކު އާލާސްކަންފުޅާ އުޅުއްވާތީ ކަމަށެވެ. އަދި އޭގެ ފަހުން މަންމާފުޅު އާލާސްކަންފުޅާ އުޅުއްވާތީ ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެ އިން ބޭރުގައި ހޭދަކުރައްވަން ޖެހިވަޑައިގެންނެވި ކަމަށް ވެސް ހަމްދޫން ވިދާޅުވި އެވެ.
ގިނަ ދުވަސްތަކަކަށް ފަހު ރާއްޖެ ވަޑައިގަތުމުން ވަރަށް ގިނަ ބޭފުޅުން ގުޅުއްވައި ބައްޕާފުޅަށް މަރުހަބާ ވިދާޅުވަމުން ގެންދަވާ ކަމަށް ވެސް ހަމްދޫން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އާންމުންގެ ހިތްތަކުގައި ބައްޕާފުޅާ މެދު ނަފްރަތު އުފެއްދުމަށް ސޯޝަލް މިޑިއާގައި އާއި އަދި އެނޫން ވެސް ގޮތްގޮތަށް އެމްޑީޕީން އެކިވާހަތައް ދައްކަމުން ގެންދާ ކަމަށާއި އެކަމާ ހިތާމަކުރައްވާ ކަމަށެވެ.
ބަޔަކު ކިތަންމެ ގޮތަކަށް ވާހަކަތަކެއް ދެއްކި ނަމަވެސް ބައްޕާފުޅަކީ ވޭތުވެ ދިޔަ 50 އަހަރު ދައުލަތަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެއްކަން ތާރީޚު ހެކިދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ އަބްދުﷲ ހަމީދު ރޭ މާލެ ވަޑައިގެންވިއިރު އޭނާ މަގާމާ ނުފޫޒު ބޭނުން ކުރި ކަމުގެ ތުހުމަތުގައި ކުރާ ދައުވާގެ ޝަަރީއަތަށް އަބްދުﷲ ހަމީދު ހައްޔަރުކޮށްގެން ކްރިމިނިލް ކޯޓަށް ހާޒިރު ކުރުމަށް ފުލުހުންގެ މައްޗަށް ސެޕްޓެންބަރު 12، 2011ގައި ވަނީ އަމުރުކޮށްފަ އެވެ.
އަބްދުﷲ ހަމީދު މާލެވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ