ރައީސް މައުމޫނު ޖަލުގައި 4 މަސް، އިސްލާހީ މަސައްކަތް ހުއްޓާނުލައްވާނެ

ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ހުކުމަކާއި ޖުލައި ޖަލަށް ލާފައިވާތާ މިއަދަށް ހަތަރުމަސް ވެފައިވާއިރު ރައީސް މައުމޫނު ކުރައްވަމުން ގެންދަވާ އިސްލާހީ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށާއި، ރައީސް މައުމޫނު އިސްލާހީ މަސައްކަތް ހުއްޓާލައްވާނެކަމަށް ދެކުމަކީ މޮޔަކަމެއްކަމަށް އިދިކޮޅު ޕާޓީތަކުން ބުނެފިއެވެ.
އިދިކޮޅު ފަރާތްތަކުން މިހެން ބުނީ މިދިޔަ ފެބްރުއަރީ ފަސް ވަނަ ދުވަހު ކުއްލި ހާލަތު އިއުލާނު ކުރުމަށްފަހު އެރޭ މެންދަމު ރައީސް މައުމޫނު ހައްޔަރުކޮށްގެން ގެންގޮސް ޖަލަށް ލާފައިވާތާ މިއަދަށް 120 ދުވަސް ވުމާއި ގުޅިގެން އެކަން ކުށްވެރިކޮށް އިދިކޮޅު ޕާޓީތަކުން ނެރުނު ނޫސްބަޔާނެއްގައެވެ.
ޕާޓީތަކުގެ ބަޔާނުގައި ބުނެފައިވަނީ އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތު ތަކެއްގެ މައްޗަށް ބިނާކޮށް ރައީސް މައުމޫނު "ޤާނޫނާ ޚިލާފަށް އަނިޔާވެރި ގޮތުގައި ހައްޔަރުކުރި" ދުވަހުން ފެށިގެން މިއަދަށް 120 ދުވަސް ހަމަވެގެން ދިޔައިރު ރައީސް މައުމޫންގެ ހަމައެކަނި ކުށަކީ ދިވެހި ޤައުމު ބިނާކުރުމުގެ މަސައްކަތުގައި ދެމިހުންނެވުމާއި އަދި ދިވެހި ރައްޔިތުންނަށް ޤާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ އަސާސީ ޙައްޤުތައް ކަށަވަރުކޮށްދިނުމުގެ އިޞްލާޙީ މަސައްކަތުގައި އެމަނިކުފާނު ޢަމަލީ ގޮތުން ބައިވެރިވެވަޑައިގަތުން ކަމުގައެވެ.
"ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދަޢުވާކުރަނީ 2013 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގައި އުފެދިފައިވާ ސަރުކާރު ވައްޓާލަން މަސައްކަތް ކުރެއްވުމުގެ ދަޢުވާއެވެ. 2013 ވަނަ އަހަރު ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ކުރެއްވީ ކޮން މަސައްކަތްތަކެއްތޯ ބަލާލާއިރު ފެންނަނީ، ވަރުބަލިކަމެއްނެތި ދިވެހިރާއްޖޭގެ އެކިއެކި ރަށްރަށަށް ވަޑައިގެން މިހާރު ވެރިޔަކަށް ހުންނެވި ޢަބްދުﷲ ޔާމީނަށް ކެމްޕެއިން ކޮށްދެއްވި މަންޒަރުތަކެވެ. ތަފާތު އެކި ޕޯޑިއަމްތަކުގައި ވާހަކަފުޅު ދައްކަވާ ޕީ.ޕީ.އެމް ގެ ކެންޑިޑޭޓް ޢަބްދުﷲ ޔާމީނަށް ވޯޓު ދެއްވުމަށް ގޮވާލެއްވި އަޑުތަކެވެ. މިކަންމިގޮތަށް އޮތުމުން މީގެ މާނައަކީ، ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ އުފުލާފައިމިވަނީ ޕީ.ޕީ.އެމް ގެ ކެންޑިޑޭޓް ޢަބްދުﷲ ޔާމީނަށް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ދެއްވުމަށް މަސައްކަތް ކުރެއްވުން ކަމެވެ. އެންމެ ބޮޑު ޓެރަރިޒަމްގެ ޢަމަލަކީވެސް އެއީއެވެ" އިދިކޮޅު ޕާޓީތަކުގެ ބަޔާނުގައި ވެއެވެ.
ރައީސް މައުމޫނުގެ މައްޗަށްކުރާ ދަޢުވާއަކީ އެއްވެސް އަސާސެއްނެތް ދޮގު ދަޢުވާއެއްކަން ފާޅުކޮށް އެނގޭކަމަށާއި މުޅި ދަޢުވާގައި ދައްކާފައިވާ ހުރިހާ ވާހަކަތަކަކީވެސް ހަދަހަދައިގެން ދައްކާފައިވާ ޚިޔާލީ ވާހަކަތަކެއްކަން އޮޅުމެއްނެތި ހާމަވާކަމަށްވެސް ބަޔާނުގައި ވެއެވެ.
ސަރުކާރަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދިވެހި ލޮބުވެތި ރައްޔިތުންގެ ތާއީދު އެއްވެސް މިންވަރަކަށް ހޯދިފައިނުވުން ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައިވެސް އެ ތާއީދު ލިބިގެންދާނޭ އެއްވެސް މަގެއްވެސް ނެތުންކަމަށް ފާހަގަކޮށް އިދިކޮޅު ޕާޓީތަކުގެ ބަޔާނުގައި ބުނެފައިވަނީ މި ޙަޤީޤަތް ފެނުމުން ކުރެވޭ ހަމައެކަނި ކަމަކީ މިހާރުގެ ސަރުކާރުގެ އަނިޔާވެރިކަމާއި، ކޮރަޕްޝަނާއި އަދި ފަސާދައިގެ ވާހަކަތައް ހާމަކުރާ ހަމަކޮންމެ މީހަކު ޖަލަށްލުން ކަމުގައެވެ.
"ރައްޔިތުންގެ ލޯތްބާއި ތާއީދު ލިބިފައިވާ 4 ލީޑަރުން ޖަލަށް ލުމުން، އެ 4 ލީޑަރުންނަށް ދިވެހި ލޮބުވެތި ރައްޔިތުންގެ ކުރާ ތާއީދު މި ސަރުކާރަށް ލިބިގެންދާނެ ކަމަށް ދުށުމަށްވުރެ މޮޔަކަމެއް އެއްވެސް މީހަކު ނުކުރާނެއެވެ. ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ އިތުރުން، ރައީސް މުޙައްމަދު ނަޝީދު، ޖޭޕީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހީމް އަދި އަދާލަތުޕާޓީގެ ރައީސް ޝެއިޚް އިމްރާން ޢަބްދުﷲ ޖަލަށްލުމުގެ ނަތީޖާއަކީ، ދެންނެވުނު 4 ލީޑަރުންނަށް ދިވެހި ރައްޔިތުންގެ ކުރާ ތާއީދު ކުރިއަށް ވުރެވެސް އިތުރުވެގެން ދިޔުމެވެ. އަދި މި ސަރުކާރަށް ކުރާ ތާއީދު މުޅިންކަހަލަ ގޮތަކަށް ފުހެވިގެން ދިޔުމެވެ" އިދިކޮޅު ނޫސްބަޔާނުގައި ވެއެވެ.
ޙުކުމެއްނެތި 120 ދުވަސް ވަންދެން ބަންދުގައި ބެހެއްޓުމަކުން ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ޢަޒުމަކަށް ކުޑަވެސް ގުޑުމެއް ނާންނަކަމަށާއި އިދިކޮޅު އަނެއް 3 ލީޑަރުންނާއެކު ފެއްޓެވި މަސައްކަތުގައި އެންމެ ފިޔަވަޅެއްވެސް ފަހަތަކަށް ޖެހިވަޑައެއް ނުގަންނަވާކަމަށްވެސް ބަޔާނުގައި ވެއެވެ.
މީގެ އިތުރުން ރައީސް މައުމޫން ބަންދުގައި ބަހައްޓައިގެން ރިޔާސީ އިންތިޚާބު ކާމިޔާބުވެދާނެކަމަށް ދުށުމަކީ ކުށް ހީއެއްކަމަށާއި އިޞްލާޙީ މަސައްކަތްތައް ހުއްޓުވާލެވިދާނެކަމަށް ދުށުމަކީ މޮޔަކަމެއްކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
އިދިކޮޅު ބަޔާނުގައި ބުނެފައިވަނީ އަނިޔާވެރިކަމާއި، ފަސާދައާއި ކޮރަޕްޝަނުން ރައްޔިތުންގެ ތާއީދާއި ލޯބި ލިބިދާނެކަމަށް ދުށުމަކީވެސް ސިޔާސީ ގޮތުން ކުފޫ ހަމަނުވާކަން އަންގައިދޭ ކަމެއްކަމަށާއި މާތް ﷲ ގެ ވާގިފުޅާއެކު، އަނެއް 3 ލީޑަރުންނާއެކު ރައީސްމައުމޫން ފެއްޓެވި މި މަސައްކަތްތައް ނިންމާލައްވާނީ ދިވެހި ރައްޔިތުންނަށް ކާމިޔާބު ހޯއްދަވާ ދެއްވުމަށްފަހުކަމަށާއި ރައީސް މައުމޫނާއި ސިޔާސީ ގޮތުން ހައްޔަރުކޮށްފައިވާ ހުރިހާ ބޭފުޅުން މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވާލާ ކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ