ޖުވެނައިލް ކޯޓުން ފާހަގަކުރި ކަންކަމަށް ޖަވާބު ދިނުމަށް އެޗްއާރުސީއެމްގެ މެމްބަރުންނަށް އިތުރު ފުރުސަތެއް ދީފި

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ނެރުނު ރިޕޯޓުގައި ޖުވެނައިލް ކޯޓާ ގުޅޭ ގޮތުން ފާހަގަކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް، އެ ކޯޓުން ފާހަގަކުރި ބައެއް ކަންކަމަށް ޖަވާބުދާރީވުމަށް އަނެއްކާ ވެސް އެ ކޮމިޝަންގެ މެމްބަރުންނަށް މިއަދު ފުރުސަތު ދީފި އެވެ.އެޗްއާރުސީއެމްގެ މެމްބަރުން ޖުވެނައިލް ކޯޓަށް ހާޒިރުކުރަނީ، ޖިންސީ ގޯނާ ލިބުނު ށ. ފޭދޫގެ 15 އަހަރުގެ އަންހެން ކުއްޖާގެ މައްސަލައިގައި އެ ކޮމިޝަނުން ނެރުނު ރިޕޯޓަކާ ގުޅިގެންނެވެ. އެ ކޯޓުން ބުނެފައިވަނީ އެ ރިޕޯޓުގައި ކޯޓާ މެދު ނުބައި ތަސައްވުރެއް ދޭ ވާހަކަތަކެއް ހިމަނާފައިވާ ކަމަށެވެ.އެ މައްސަލައިގައި އެ ކޮމިޝަންގެ މެމްބަރުން ކުރިން ވެސް އެ ކޯޓަށް ހާޒިރުކޮށްފައިވާ އިރު މިއަދު ވެސް ވަނީ އެ ފަސް މެމްބަރުން އެ ކޯޓަށް ހާޒިރުކޮށްފަ އެވެ.ޖުވެނައިލް ކޯޓުގެ އޮފިޝަލަކު މިރޭ ވިދާޅުވީ އެ ރިޕޯޓާ ގުޅިގެން ކޯޓުން މިއަދު ބައެއް ސުވާލުތައް ކޮށްފައިވާނެ ކަމަށާއި ނަމަވެސް އެޗްއާރުސީއެމްގެ މެމްބަރުން އެދިވަޑައިގަތީ އެ ސުވާލުތަކަށް ޖަވާބު ދިނުމަށް އިތުރު ފުރުސަތެއް ދެއްވުމަށް ކަމަށެވެ. އެހެންވެ އެ މެމްބަރުންނަށް އެ ފުރުސަތު ދެއްވާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އެކަމަކު އެކަމަށް ވަކި މުއްދަތެއް ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ."ވަކި މުއްދަތެއް އަޅުގަނޑުމެން ކަނޑައެއް ނާޅަން. އެކަމަކު ޖަވާބު ނުލިބި ލަސްވަންޏާ އަޅުގަނޑުމެން އެ ބޭފުޅުންނަށް ހަނދާންކޮށް ދޭނަން." އޮފިޝަލް ވިދާޅުވި އެވެ.އެންމެ ފަހު ދުވަހު، އެޗްއާރުސީއެމުން ކަނޑައަޅާ، އެ ކޮމިޝަންގެ ވަކި މެމްބަރަކު ކޯޓަށް ހާޒިރުވާން އެންގުމުން، އެކަމަށް ކޮމިޝަނުން ވަނީ ދެކޮޅު ހަދައިފަ އެވެ. އެގޮތުން އެ ރިޕޯޓާ މެދު ގޮތެއް ނިންމޭނީ އެ ކޮމިޝަންގެ ބައްދަލުވުމެއްގައި ކަމަށް ބުނެ، ޖުވެނައިލް ކޯޓުގެ ބޭފުޅުން އެ ކޮމިޝަނަށް ވަޑައިގަތުމަށް ކޮމިޝަނުން ވަނީ އެދިފަ އެވެ.އެގޮތަށް އެޗްއާރުސީއެމުން އެންގުމުން އެ ކޮމިޝަންގެ ހުރިހާ މެމްބަރުން ކޯޓަށް ހާޒިރުވުމަށް ވަކިވަކިން ކޮންމެ މެމްބަރަކަށް އަމުރު ފޮނުވީ އެވެ. އެއީ އެގޮތަށް އަމުރު ނެރުނު ދެވަނަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ