ސަރުކާރުގެ ހަރަދުގައި ސިއްހީ ދާއިރާ އިން ތައުލީމު ހާސިލްކޮށްގެން ސަރުކާރަށް ހިދުމަތް ނުކޮށް ތިބި މީހުން ހެލްތު މިނިސްޓްރީ އަށް ރިޕޯޓް ކުރުމަށް އެންގި މުއްދަތު ހަމަވި އިރު ރިޕޯޓްކުރީ އެންމެ ދެ މީހުން ކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ.
މިދިޔަ މަހުގެ 17 ވަނަ ދުވަހު އެ މުއްދަތު ހަމަވެފައިވާ އިރު ހެލްތު މިިނިސްޓްރީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އެކަމަށް އެދި ކުރިމަތިލީ އެންމެ ނަރުހަކާއި ހެލްތް ވޯކަރަކު ކަމަށެވެ. އަދި އެ މީހުންނަކީ ވަރަށް ކުރިން ކިޔެވި ބަޔަކަށްވާތީ އެ މީހުންނަކީ ބޮންޑެއް އޮތް ބައެއް ކަން ވެސް މިނިސްޓްރީ އަށް ފާހަގަ ނުކުރެވުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް ސަރުކާރުގެ ހަރަދުގައި އެއަށް ވުރެ ގިނަ ފަރާތްތަކުން ކިޔަވައި ހިދުމަތް ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޮންޑެއް އޮވެ ސަރުކާރަށް ހިދުމަތް ނުކުރާ ފަރާތްތަކާ މެދު އަޅާނެ ފިޔަވަޅެއް ބެލުމަށް މިހާރު މިނިސްޓްރީން ގާނޫނީ ލަފާ ހޯދަމުން އަންނަ ކަމަށެވެ.
"މިކަމަށް އެއްގޮތަކަށް ވެސް ތަރުހީބެއް ނުލިބި މިދިޔައީ. އެހެން ވީމާ އެގޮތަށް ބޮންޑް އަދާނުކޮށް ތިބި ފަރާތްތަކާ މެދު އަޅާނެ ފިޔަވަޅެއް މިހާރު މި އަންނަނީ ބަލަމުން. އެކަމުގެ ލީގަލް އޮޕީނިއަން މި ދަނީ ހޯދަމުން،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޮންޑް އަދާނުކޮށް ގިނަ ފަރާތްތަކުން މަސައްކަތް ކުރަނީ ޕްރައިވެޓް ސެކްޓަރުގައި ކަމަށެވެ. އަދި އެގޮތަށް ދިމާވަނީ ޕްރައިވެޓް ސެކްޓަރަށް މީހުން އުފެއްދުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭތީ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ހެލްތު މިނިސްޓްރީން ބުނެފައިވަނީ ސިއްހީ ދާއިރާގެ އެކި ކޯސްތައް ހެދުމަށް ފޮނުވާފައިވާ މީހުންގެ ތެރެއިން، ދައުލަތަށް ހިދުމަތް ކުރުމަށް ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އަމަލުނުކުރާ މީހުން ހިދުމަތަށް ނެރުމަކީ ސަރުކާރުގެ ވަރަށް ބޮޑު ސިޔާސަތެއް ކަމަށެވެ.
ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ވެސް މީގެ ކުރިން ވިދާޅުވެފައި ވަނީ، ސަރުކާރުގެ ބޮންޑެއްގައި ކިޔެވުމަށް ފަހު ސަރުކާރަށް ހިދުމަތްނުކޮށް ތިބި މީހުން އަލުން ހިދުމަތަށް ނެރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެއީ ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ސަރުކާރުން އަޅާނެ މުހިންމު ފިޔަވަޅެއް ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.
އެ ސިޔާސަތުގެ ދަށުން ދާދި ފަހުން ސަރުކާރުން ހަމަޖައްސާފައި ވަނީ ސަރުކާރުގެ ސްކޮލަޝިޕްގައި ފުރަތަމަ ޑިގްރީ ހާސިލްކޮށްގެން އަންނަ މެޑިކަލް ޑޮކްޓަރުންނާއި އަލަށް ތަމްރީނުވާ ނަރުހުން ރާއްޖެ އަށް ހިދުމަތް ކުރުމަށް އެއްބަސްވާ މުއްދަތުގެ ތެރެއިން މަދުވެގެން އެއް އަހަރު، ހެލްތު މިނިސްޓްރީން ކަނޑައަޅާ މަރުކަޒެއްގައި ހިދުމަތް ކުރަންޖެހޭ ގޮތަށެވެ.
ސަރުކާރުގެ ހަރަދުގައި ކިޔަވާ މީހުން ސަރުކާރުގައި ހިދުމަތްކުރުމަކީ މީގެ އެތައް އަހަރެއް ކުރިންސުރެ އޮންނަ އުސޫލެކެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ އެ އުސޫލަށް އެކަށީގެންވާ ގޮތެއްގައި އަމަލެއް ނުކުރެވެ އެވެ.
ސިއްހީ ދާއިރާގެ ބޮންޑް އަދާނުކުރާ މީހުން ރިޕޯޓެއް ނުކުރި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ