ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން ފުލުހުން މެމްބަރު ހާމިދު ހޯދަން އިއުލާންކޮށްފި

ކްރިމިނަލް ކޯޓުގައި
އަޑުއަހަމުންދާ މައްސަލަތަކެއްގައި އެކޯޓަށް ހާޒިރު ނުކުރެވިގެން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލް ގަފޫރު، ބަންދުގައި ބަހައްޓައިގެން ކޯޓަށް
ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އެ ކޯޓުން އަމުރު ކުރުމާ ގުޅިގެން
އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ފަށާފައިވާ ކަމަށް ފުލުހުންގެ އިދާރާ އިން މިރޭ ބުނެފި އެވެ.ފުލުހުން ބުނީ އެމްޑީޕީގެ މެމްބަރު ހާމިދު ހޯދަން ފެށީ ކޯޓަށް ހާޒިރުވުމުގެ އަމުރާ ހަވާލުވެ، އެހެން ނަމަވެސް ކޯޓަށް ހާޒިރުވެފައި ނުވާތީ ކަމަށެވެ. އެހެންވެ އޭނާ ބަންދުގައި ބަހައްޓައިގެން  ކޯޓަށް ހާޒިރު ކުރުމަށް
ފުލުހުންގެ މައްޗަށް ކޯޓުން އަމުރުކުރީ ކަމަށް ފުލުހުންގެ އިދާރާ އިން ބުންޏެވެ."ވީމާ މީނާއާ ބެހޭ އެއްވެސް މައުލޫމާތެއް
ލިބިފައިވާނަމަ އެ މައުލޫމާތެއް މޯލްޑިވްސް ޕޮލިސް ސާވިސްގެ ހޮޓްލައިން
ނަމްބަރު 3322111 އަށް ނުވަތަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަމްބަރު
9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ. ރާއްޖޭގެ ރަށަކުން
ނަމަ އެ ރަށެއްގެ ޕޮލިސް ސްޓޭޝަނަކަށް އަދި ޕޮލިސް ސްޓޭޝަން ނެތް ރަށެއް ނަމަ
އެ ރަށެއްގެ ކައުންސިލް އިދާރާ މެދުވެރިކޮށް މި ސާވިސް އަށް އެންގެވުން
އެދެމެވެ،" ފުލުހުން ބުންޏެވެ.އެނގިފައިވާ ގޮތުގައި ހާމިދު ހޯދުމަށް ފުލުހުން ވަނީ އޭނާގެ ގެއަށް މިރޭ އިރާކޮޅު ގޮސްފަ އެވެ. އެހެން ނަމަވެސް ހާމިދު އޭރު ގޭގައި ނޫޅުއްވަ އެވެ.ހދ. ހޮނޑައިދޫން ބަނގުރަލާ އެކު ހައްޔަރުކުރި މައްސަލައިގެ ޝަރީއަތަށް މިދިޔަ މަހުގެ ފަހުކޮޅު ވެސް ހާމިދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ވަނީ ހައްޔަރުކޮށްފަ އެވެ.ކުޑަކަމުދާތަކެތި ނުދިނުމުގެ މައްސަލާގައި ހާމިދުގެ މައްޗަށް ވަނީ ދައުވާ އުފުލައިފަ އެވެ. އަދި މިއަދު ބާއްވަން އުޅުނު ޝަރީއަތަށް އޭނާ ހާޒިރު ނުވުމުން ވަނީ އެ ޝަރީއަތް ކެންސަލް ކޮށްފަ އެވެ.މިއަދު މެންދުރު ފަހު 2:00 އަށް ތާވަލްކޮށްފައި އޮތް އަޑުއެހުން ބާއްވާ
ގަޑިޖެހިގެން ދިޔައިރު ވެސް ހާމިދު ކޯޓަށް ހާޒިރެއްނުވެ އެވެ. މިއަދުގެ
އަޑުއެހުން ކެންސަލްކުރީ އޭނާ ހާޒިރުނުވާތީ ކަމަށް ކޯޓުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި މިއަދު މަޖިލީހުގެ ޖަލްސާއެއް އޮތުމުން ކޯޓަށް
ހާޒިރުވެވެން ނެތްކަން އަންގައި ހާމިދުގެ ފަރާތުން ވަނީ ކޯޓަށް ސިޓީއެއް
ފޮނުވައިފަ އެވެ. ނަމަވެސް އަޑުއެހުން ކެންސަލްކުރިކަން ކޯޓުން އެންގީ
ގަޑިޖެހުމުންނެވެ. އަޑުއެހުން ކެންސަލްކުރި ކަމަށް އޭގެ ކުރިއަކުން ކޯޓުން
ނާންގަ އެވެ.
މެމްބަރުންގެ އިމްތިޔާޒްގެ ގާނޫނު ބުނާ ގޮތުން މަޖިލީހުގެ ޖަލްސާއަކަށް
ނުވަތަ ކޮމެޓީއަކަށް ހާޒިރުނުވެވޭ ގޮތަށް ކޯޓަށް ހާޒިރުކޮށްގެން ނުވާނެ
އެވެ. ކުޑަކަމުދާތަކެތި ނުދިނުމުގެ ދައުވާ ހާމިދުގެ މައްޗަށް އުފުލީ މިދިޔަ
ނޮވެމްބަރު މަހުގެ ތެރޭގައި ހޮނޑައިދޫގައި ބަނގުރާ ބޭނުންކުރިކަމުގެ
ތުހުމަތުގައި ކުޑަކަމުދާތަކެތި ދޭން ފުލުހުން އެންގުމުން ނުދިން
މައްސަލައިގަ އެވެ. އެ ދައުވާ އަށް ހާމިދު އިންކާރުކޮށްފައިވާތީ މިހާރު
އޮތީ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ