ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދަށް ވޯޓު ނުދިނުމަށް ގޮވާލައި އެހެން މީހަކު ފޮނުވި ސިޓީއެއް ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު ޓުވީޓްކުރެއްވި މައްސަލާގައި ޕޮލިސް އިންޓަގްރިޓީ ކޮމިޝަން (ޕީއައިސީ)ގެ ލަފަޔާއެކު ކޮމިޝަނަރާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށް ވަގުތީ ހޯމް މިނިސްޓަރު އަހުމަދު ޝަފީއު މިރޭ ވިދާޅުވެއްޖެ އެވެ. ރިޔާޒާ މެދު އެޅީ ކޮން ފިޔަވަޅެއް ކަމެއް މިނިސްޓަރު ވިދާޅު ނުވި ނަމަވެސް ރިޔާޒު ވިދާޅުވިގޮތުގައި ޝަފީއު އެޅުއްވި ފިޔަވަޅަކީ ނަސޭހަތްދެއްވުމެވެ. މީގެ ފަހުން ސިޔާސީ ޓްވީޓެއް ނުކުރެއްވުމަށް މިނިސްޓަރު އޭނާއާ ބައްދަލުކުރައްވައި އަނގަބަހުން ވިދާޅުވި ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ.ނަމަވެސް ރިޔާޒު ވިދާޅުވިގޮތުގައި ސިޓީގެ ޓްވީޓަކީ ސިޔާސީ ޓްވީޓެއް ނޫން ކަމަށް އޭނާ ވާނީ ޝަފީއަށް ދަންނަވާފަ އެވެ. ރިޔާޒު ވިދާޅުވީ އެއީ ހަމައެކަނި މީހަކު ފޮނުވި އެއްޗެއް އާއްމުކުރެއްވީ ކަމަށް ވިދާޅުވެފައިވާނެ ކަމަށެވެ.
ނަޝީދަށް ވޯޓު ނުދޭން ގޮވާލާފައިވާ ސިޓީއެއް ރިޔާޒު ޓުވީޓްކުރެއްވި މައްސަލަ ޕީއައިސީން ތަހުގީގުކޮށް އާއްމުކުރި ރިޕޯޓުގައި ބުނެފައި ވަނީ ޕޮލިސް ކޮމިޝަނަރު ފުލުހުންގެ ގާނޫނުގެ ހަތް ވަނަ މާއްދާގެ (ހ) ގެ ތިނެއް އަދި 69 ވަނަ މާއްދާގެ (ށ)އާ ހިލާފު އަމަލެއް ކުރައްވާފައިވާ ކަމަށެވެ.
ޕީއައިސީން ލަފާދީފައި ވަނީ ފުލުހުންގެ ގާނޫނުގެ 67 ވަނަ މާއްދާގެ
ދަށުން ރިޔާޒަށް ފިޔަވަޅު އެޅުމަށެވެ. އެ މާއްދާގެ ދަށުން އެގޮތުން
އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި މަގާމު ދަށްކުރުމާއި ނަސޭހަތް ދިނުމާއި
ކައުންސެލިން ދިނުމާއި ވަޒީފާ އަދާކުރާ ތަން ނޫން އެހެން ތަނަކަށް
ބަދަލުކުރުން ހިމެނެ އެވެ.
އެ މައްސަލާގައި ރިޔާޒާ ދޭތެރޭ ފިޔަވަޅު އަޅަން ލަފާދިން ނަމަވެސް އަދި ފިޔަވަޅެއް ނާޅާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގައި ޕީއައިސީގެ ރައީސް ޑރ. އަބްދުﷲ ވަހީދު މިއަދު ވަނީ ވިދާޅުވެފަ އެވެ.
ނަމަވެސް ޝަފީއު މިރޭ "ހަވީރަ"ށް ވިދާޅުވީ ރިޔާޒާ ދޭތެރޭ ފިޔަވަޅު އަޅައި އޭނާ އަށް އެކަން އަންގާފައިވާ ކަމަށެވެ.
"ޕީއައިސީން އެދިފައިވާ ގޮތަށް އަޅުގަނޑުގެ ވާޖިބު އަދާކޮށްފިން. [ޕޮލިސް ކޮމިޝަނަރާ] ދޭތެރޭގައި ފިޔަވަޅު ނާޅައޭ ރައްޔިތުންގެ މަޖިލީހުގައި ޕީއައިސީން ވިދާޅުވީ އަޅުގަނޑުމެންނަށް އެނގިގެނެއް ނޫން، ފިޔަވަޅު އެޅިތޯ އަޅުގަނޑުމެންގެ ގާތުން މައުލޫމާތު ސާފުކޮށްފައެއް ނުވޭ،" ފިޝަރީޒް މިނިސްޓަރު ޝަފީއު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ޕޮލިސް ކޮމިޝަނަރާ މެދު ފިޔަވަޅު އަޅަން އެދި ފޮނުވި ސިޓީގައި، އޭނާއާ މެދު އަޅާ ފިޔަވަޅެއް އެ ކޮމިޝަނަށް އެންގުމަށް އެދިފައެއް ނުވެ އެވެ. އެ ސިޓީގައި ބުނެފައި ވަނީ ފިޔަވަޅެއް އެޅެން ނެތް ނަމަ ސަބަބު ބަޔާންކޮށް އެކަން އެންގުމަށް ކަމަށް ވެސް ޝަފީއު ވިދާޅުވި އެވެ.
"ޕީއައިސީން އެދެފި ނަމަ އެޅީ ކޮން ފިޔަވަޅެއްކަން ސާފުކޮށްދޭނަން،" އޭނާ ވިދާޅުވި އެވެ.
ރިޔާޒު ޓްވީޓްކުރެއްވި ސިޓީގައި ބުނެފައި ވަނީ ފުލުހުންނަށް އޯގާތެރި ބޭފުޅެއް ކަމަށް ދެއްކުމަށް ނަޝީދު މަސައްކަތް ކުރައްވަނީ އެއް ބުރުން ފެއިލްވެދާނެ ކަމުގެ ބިރު އޮތުމުން ކަމަށެވެ. އަދި ފެބުރުއަރީ 7 ގައި ފުލުހުން ސަރުކާރާ ދެކޮޅަށް ނުކުތުމަކީ ޖިހާދެއް ކަމަށް ސިފަކޮށް، ނަޝީދަށް ވޯޓުނުދޭން ވެސް ސިޓީގައި އެދިފައިވެ އެވެ.
އެ ސިޓީ ރިޔާޒު ޓުވީޓް ކުރެއްވުމަކީ އޭގައިވާ ވާހަކަތަކަށް އޭނާ ތާއީދުކުރައްވާ ކަމަށް ބެލެވޭ ކަމެއް ކަމަށް ތަހުގީގަށް ފެންނަ ކަމަށް ޕީއައިސީގެ ރިޕޯޓުގައިވެ އެވެ.
ސިޔާސީ ޓްވީޓްތައް ނުކުރަން ރިޔާޒަށް ނަސޭހަތްދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ