ޖީއެމްއާރުން 10 ދިވެއްސަކު ހައްޖަށް ފޮނުވަން ނިންމައިފި

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ޖީއެމްއާރު ކުންފުނީގެ ހަރަދުގައި މި އަހަރު 10 މީހަކަށް ހައްޖު ދަތުރުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ޖީއެމްއާރުން ބުނީ ހުރިހާ ހަރަދެއް ވެސް އެ ކުންފުނިން ކޮށްދޭގޮތަށް މި އަހަރު ހައްޖު ދަތުރު ދޭން ހަމަޖައްސާފައި ވަނީ ފަސް ފިރިހެނުންނާއި ފަސް އަންހެނުންނަށް ކަމަށެވެ. ހައްޖަށްދާން ބޭނުންވާ މީހުން އަންނަ މަހުގެ 6 ކުރިން އެ ކުންފުންޏަށް ސިޓީ ހުށަހެޅުމަށް ޖީއެމްއާރުން އެދެ އެވެ.
ރާއްޖޭގެ ޖަމާއަތްތަކުން ހައްޖަށް ގެންގޮސްދޭ އަގު މިހާރު އުޅެނީ 71،000- 75،000ރ. ދެމެދުގަ އެވެ. ޖީއެމްއާރުން ހުޅުވާލި 10 މީހުންގެ ހަރަދަކަށް 700،000 އަށް ވުރެ ގިނަ ރުފިޔާ ހަރަދުވާނެ އެވެ.
ހައްޖު ދަތުރަށް ކުރިމަތިލުމަށް ޖީއެމްއާރުން ޝަރުތުތަކެއް ވެސް ކަނޑައަޅާފައިވެ އެވެ. އެގޮތުން ދިވެހި ރައްޔިތެއް ކަމުގައިވުމާއި އަދި ހައްޖަށް ގޮސްފައި ނުވާ މީހަކު ކަމުގައި ވާންޖެހެ އެވެ. އަދި އެއްވެސް ދަރަންޏެއް ނެތް މީހަކަށް ވާންޖެހޭއިރު އެ ފުރުސަތަށް ކުރިމަތިލެވޭނީ އުމުރުން 60 އަހަރުވެފައިވާ، މާލީގޮތުން އަމިއްލަ އަށް ހައްޖަށް ދެވޭނެ ތަނަވަސްކަން ނެތް، ޖިސްމާނީގޮތުން ސިއްހަތު ސަލާމަތުން ހުރި މީހަކަށް ކަމަށް ވެސް ޖީއެމްއާރު ބުންޏެވެ.
އެ ކުންފުނިން ބުނިގޮތުގައި މިހާރު ހުޅުވާލާފައިވާ ހައްޖު ދަތުރަށް އެ ކުންފުނީގެ މުވައްޒަފުންނަށް ކުރިމައްޗެއް ނުލެވޭނެ އެވެ.
ހައްޖު ދަތުރަށް ކުރިމަތިލާ މީހުން ސިޓީ ފޮނުވަން ޖެހޭނީ ހުޅުލޭގައި ހުންނަ އެ ކުންފުނީގެ މައި އޮފީހަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ