ބާރަށު ދާއިރާގެ އެމްޑީޕީ ޕްރައިމަރީ މާދަމާ، ބާކީ 31 ދާއިރާ ހުކުރުދުވަހު

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް އެމްޑީޕީން ބާއްވާ ޕްރައިމަރީގައި ބާރަށު ދާއިރާގެ ވޯޓުލުން މާދަމާ އަދި މިހާތަނަށް ނުނިމި ހުރި 31 ދާއިރާގެ ވޯޓުލުން އަންނަ ހުކުރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމެޓީގެ މުގައްރިރު އިބްރާހިމް ވަހީދު މިއަދު ވިދާޅުވީ މިހާތަނަށް 53 ދާއިރާގެ ޓިކެޓް ކެންޑިޑޭޓުންނަށް ޔަގީންވެފައިވާ ކަމަށެވެ. ބާކީ ހުރި ދާއިރާތައް ވެސް ހުކުރު ދުވަހުގެ ނިޔަލަށް ނިންމަން ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ބާރަށު ދާއިރާގެ ޕްރައިމަރީ މާލޭގެ އިތުރުން އެ ދާއިރާގެ ރަށްތަކުގައި މާދަމާ ކުރިއަށް ގެންދާނެ އެވެ.
އިބްރާހިމް ވަހީދު ވިދާޅުވި ގޮތުގައި މިހާތަނަށް ބޭއްވި ޕްރައިމަރީގައި އެއްވެސް ދާއިރާއެއްގެ ނަތީޖާއަށް ބަދަލު އަންނަވަރުގެ ޝަކުވާއެއް ހުށަހަޅާފައެއް ނުވެ އެވެ.
އިންތިހާބާ ބެހޭ ކޮމެޓީގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ މިހާތަނަށް ޕްރައިމަރީ ނުބާއްވައި ހުރި ދާއިރާތަކުގެ ތެރެއިން ފުވައްމުލަކު ދެކުނު ދާއިރާއަށް ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން އެކަކު ނަން ނެގުމުން އެ ދާއިރާގެ ޓިކެޓް ދޫޑިގަން، މަގިވަޑުދޮރު އަބްދުﷲ ނާފިޒަށް ކަށަވަރުވެފައިވާ ކަމަށެވެ.
މިދިޔަ ހުކުރު ދުވަހު މާލެ އާއި އަތޮޅުތަކުގައި އެއްފަހަރާ ބާއްވަން އުޅުނު ޕްރައިމަރީ ފަސްކޮށް، ދާއިރާތައް ވަކިވަކިން ބާއްވަން ޖެހުނީ ވޯޓާސް ލިސްޓުގައި މައްސަލަތަކެއް ޖެހުމުގެ އިތުރުން ޕްރައިމަރީ އިންތިޒާމްކުރުމުގައި ދިމާވި މައްސަލަތަކާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ